ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 47

5

"މިފަހަރަކު ސިއްރެއް ނުކުރާނަން. ހުރިހާ ވާހަކައެއް ބަރަކްއަށް ކިޔައިދޭނަން. މިގޭ ހަތަރުފާރުން އެތެރޭގައި ނުބައި ފާހިޝް ކަންކަން ކުރަން އެއްވެސް މީހަކަށް ފުރުސަތެއް ނުދޭނަން. އެކަމަކު.... ބަރަކް.... ހާދަ ދެރަވާނޭ... ލަދުވެސްގަންނާނެ..... ހެޔޮ.... މާދަމާ މަންމަ ޖެހޭނީ ބަރަކްގެ ކުރިމަތީގައި ކުރި ހުރިހާ ކަމަކަށް އިއުތިރާފުވާން...."

ލަސްލަހުން ހިނގާފައި ކޮޓަރިއަށް ވަދެގެންދިޔަ ޖިލްވާގެ ހިތަށް އަރަމުން ދިޔައެވެ.

**********

"ނަހީކްގެ ކޮންމެސް މީހަކު ރާއްޖެއިން ބޭރުން އައި ވާހަކަ ރޭގަ ބުނި. އެހެންވެ އެގެއަށް ގޮސްލަންވެގެން" ރިންދާ ބުންޏެވެ. ދެން ތުންފޮހެލި ޓިޝޫކޮޅު ޑަސްބިނަށް ވައްޓާލާފައި ގޮނޑިމަތީގައި އޮތް ދަބަސް އަޅުވައިގެން ހިނގައިގަތެވެ.

ޝާހްބާޒާއި ނަހާ އެކަކު އަނެކަކަށް ބަލައިލިއެވެ. ރާއްޖެއިން ބޭރުގައި ނަހީކްގެ މީހަކަށް ހުރީ ޝަލްބިޔާ އާއި ޒަހީރެވެ. އެ ދެމީހުންގެ ތެރެއިން ރާއްޖެ އައީ ކާކު ހެއްޔެވެ؟

"ހިއެއްނުވޭ އެންތަނީ އަންނާނެހެނެއް" ޝާހްބާޒް ބުންޏެވެ.

""ޝަލްބިޔާ ތަ؟" ހައިރާންކަމާއެކު ނަހާ އެހިއެވެ.

"ވެދާނެ" ޝާހްބާޒް ބުންޏެވެ.

*********

ގޭދޮރުމަތީގައި ރިންދާ މަޑުކޮށްލައިގެން ހުއްޓެވެ. މޫނުމަތީގައިވީ ފޫހިކަމެވެ. ދުވަހުގެ ފެށުން ފަށަންޖެހުނު ގޮތުންނެވެ. ނަހީކްގެ އަތްދަށުން ސަލާމަތްވާނެ އިރެއް ބުނާކަށްވެސް ނޭނގެއެވެ. ރަނީންގެ ކަންތައް ބަރަކްމެން ފެށިކަމެއް ނުވަތަ ނޫންކަން އެނގެންވެސް ރިންދާ ހުރީ ބޭނުންވެފައެވެ.

ސައިކަލުގައި އައިސް ރިންދާގެ ކުރިމައްޗަށް ނަހީކް މަޑުކޮށްލިއެވެ. ރިންދާ ސައިކަލަށް އެރި ވަގުތު ނަހީކް ނޭވައެއް އެތެރެއަށް ދަމާލިއެވެ. ދެން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. ކުރިއަށް ސައިކަލް ދުއްވާލާފައި ފަހަތުގައި އިން ރިންދާ ފެންނާނެހެން ލޯގަނޑު ސެޓްކޮށްލިއެވެ. އާދައިގެމަތިން ރިންދާގެ ރީތިކަމަށް ތައުރީފުކޮށްލީ ދެނެވެ.

"ކާކު އައީ" ރިންދާ އެހިއެވެ. ނަހީކް ބަލާކަން އެނގޭތީ ރިންދާ އިނީ ނިވާވެވޭނެ އެންމެ ބޮޑަކަށް ނިވާވެގެނެވެ.

"ދެން ދިޔައިމަ އެނގޭނެއްނު" ނަހީކް ބުންޏެވެ.

*****

ޖިލްވާއަށް ހޭލެވުނީ ބާލީސް ކައިރީގައި އޮތް ފޯނު ރިންގުވާން ފެށި އަޑަށެވެ. ބަރުވެފައިވާ އެސްފިޔަތައް ޖިލްވާ ހުޅުވާލީ ގަދަކަމުންނެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން ޖިލްވާ ހީކުރީ އަދިވެސް ރަނގަޅަށް އިރު ނާރަނީ ކަމަށެވެ. ފޯނު ނަގާފައި ބަލައިލި އިރު ގުޅަނީ ކާފަ އަންވަރެވެ.

"ކާފަ ކުއްލިއަކަށް ފުރަން ޖެހިއްޖެ. ދަރިފުޅުމެން އަންނައްޗެ ހަވީރުވުމުގެ ކުރިން" ޖިލްވާ 'ހަލޯ' އޭ ބުނުމުން އަންވަރު ބުންޏެވެ.

"އަދިވެސް ނިދަނީތަ؟ ދަރިފުޅަށް އެނގޭތަ ގަޑިންވީ އިރެއް. ޖިލްއަކީ އެހާ ގިނައިރުވަންދެން ނިދާ ކުއްޖެއް ނޫނެއްނު" ޖިލްވާގެ އަޑު އައިގޮތުން އަދިވެސް ނުހޭލާކަން އެނގި އަންވަރު ވާހަކަދެއްކިއެވެ.

ޖިލްވާގެ ދެލޮލުން ވަގުތުން ނިދި ފިލައިގެން ދިޔައެވެ. ދެލޯ ބޮޑަށް ހުޅުވާލާފައި ގަޑިން ވީއިރެއް ބަލައިލިއެވެ. ނުވައެއްޖަހާ ބޮޑުވެއްޖެއެވެ. އެނދުގައި ބަރަކް ނެތްކަންވެސް އެނގުނީ ދެނެވެ. ޖިލްވާ ދެރަވިއެވެ. ބަރަކް އޮފީހަށް އެދިޔައީ ބަނޑުހައިހޫނުކަމުގައި ހުރެއެވެ. ރޫބިޔާގެ ކަންތަކާހުރެ ޖިލްވާއަށް ނިދުނީ އެހާ ލަހުންނެވެ. ދެމަފިރިންކުރެ މީހަކަށްވެސް ނަމާދަށް ހޭނުލެވެއެވެ. ރޫބިޔާގެ ވާހަކަ ބަރަކް ކައިރީގައި ދައްކަން ނިންމައިގެން ހުރީ ހެނދުނު ސައި ގަޑީގައެވެ. އެވަގުތުވެސް ފަހަނައަޅާ ދިޔައީއެވެ. ޑްރެސިންޓޭބަލްގެ ލޯގަނޑުގައި ތަތްކޮށްފައި އިން ހުދު ކުލައިގެ ޓިޝޫ ޖިލްވާއަށް ފެނުނެވެ. އެނދުން ތެދުވެގެން ގޮސް އެއަށް ޖިލްވާ ބަލައިލިއެވެ. އެއްޗެއް ލިޔެފައި ހުރިކަން އެނގުމުން ޖިލްވާ ހައިރާންވިއެވެ. ވަގުތުން އެއީ ބަރަކްގެ ކަމެއްކަން ޖިލްވާއަށް އެނގުނެވެ.

"ގުޑްމޯނިން މައި ސްލީޕިންގ ބިއުޓީ.... އިނގޭ ރޭގަ ލަހުންކަން ނިދީ. ނުގޮވީ ނިދަން އޮތްލެއް ލޯބިކަމުން. ކޮންމެހެންވެސް އަވަހަށް އޮފީހަށް އަންނަން ޖެހުނީމަ އަމިއްލައަށް އޮފީސް ހެދުން އިސްތިރިކޮށްލީ... ހޭލެވުނީމަ އެންމެ ކުރިން ނަމާދު ގަލޯ ކުރައްޗެ. ގެއަށް އާދެވޭނެ އިރެއް ބުނާކަށް ނޭނގޭ... އެކަމަކު ވައިފީގެ ކޯލަކަށް އިންތިޒާރު ކުރާނަން. ވަރަށް ލޯބިވޭ" ޖިލްވާއަށް ހެވުނެވެ.

ޓިޝޫ ހިފައިގެން އެނދުގައި އިށިން އިރު އުފަލުން ޖިލްވާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. ކެހިވެރިންނާއި މަކަރުވެރިން ގިނަ މިފަދަ ޒަމާނެއްގައި ބަރަކް ފަދަ ހިތްހެޔޮ ލޯބި ފިރިއެއް ލިބިދާނެ ހެއްޔެވެ؟ ދީނީ ކަންތައްތައް މަތިން ހަނދާންކޮށްދޭ އަނބިމީހާ ނުވަތަ ފިރިމީހާއަކީ އިންސާނަކަށް ދުނިޔޭގައި ﷲ ދެއްވާ މަތިވެރި ނިއުމަތްތަކުގެ ތެރެއިން ނިއުމަތެކެވެ.

*******

ޔުނީފޯމުގައި ހުރި ސަނާއާ އެކު ދޮރާ ހަމައަށް ސަމީހާ ނުކުތެވެ. މާލެއަކީ ސަމީހާއަށްވެސް ސަނާއަށް ވެސް މުޅިން އާ މާހައުލަކަށްވާތީ ސަނާ ސްކޫލަށް ގެންދަން ހަވާލުވީ އަޔާލްއެވެ.

"ބައްޕަވެސް ހިނގައިދާނަމޭ. މިގެ އާ މާ ދުރެއްވެސް ނޫނެއްނު" ކޮޓަރިން ނުކުތް ރާޝިދު ބުންޏެވެ.

އަޔާލް މަނާކުރިއެވެ. މަގުމައްޗަށް އަދި ރާޝިދު ނުކުމެ އުޅޭކަށް އަޔާލް ބޭނުމެއް ނުވެއެވެ.

"މިއަންނަނީ ފަސްވަރަކަށް މިނެޓް ތެރޭގަ. ސަމީހާއްތަ ގޮވައިގެން މިދަނީ. އޭރުން އަޅުގަނޑު ނެތަސް މަގު ދަސްވީމަ ސަނާ ބަލައި ލާންގޮސް ހެދޭނެއްނު" އަޔާލް ބުންޏެވެ.

ބަރަކްގެ ފޯނު ކޯލެއް ރާޝިދަށް ލިބުނީ އެވަގުތުގައެވެ. ހުސްބަނޑާ ހުރެ ހަދަންޖެހޭ ޓެސްޓްތަކެއް ރާޝިދު ހަދަންޖެހޭތީ ބަރަކް އެދުނީ ހޮސްޕިޓަލަށް ދިޔުމަށް ތައްޔާރުވާށެވެ. ދެދަރިންގެ ހިތްހެޔޮކަމާއި ކިޔަމަންތެރިކަން ފެނި ރާޝިދު އުފާކުރިއެވެ. އެގޮތުގައި އާއިލާ ލެހެއްޓެވުމަށް އެދި އޭނާ ހިތާހިތުން ދުއާކޮށްލިއެވެ.

**********

ޝަލްބިޔާ ފެނުމުން އެންމެ ފުރަތަމަ ރިންދާއަށް ނޭނގުނެވެ. ހުދު ދޮންކުލައެއް ލިބިފައިވާ ޝަލްބިޔާއަށް ރިންދާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ހީލަންވެސް ރިންދާ ހަނދާނެއް ނުވެއެވެ. މުހާތަބު ކުރާނެ ގޮތެއް ނޭނގިފައި ހުއްޓައި ރިންދާއަށް ހިލަމެއްވެގެން ދިޔައީ އޭނާގެ ދެއަތާއި ހަށިގަނޑާ ދެމެދުން ދެއަތް އައިސް ހަށިގަނޑުގައި ވަށާލުމުންނެވެ. ރިންދާ ސިހުނުކަން ގައިމެވެ. ފަހަތަށް ބަލައިނުލީ އެއީ ކާކުގެ އަމަލެއްކަން ރިންދާއަށް އެނގޭތީއެވެ. ރިންދާގެ ކޮނޑުމަތީގައި ނަހީކްގެ ދަތްދޮޅިޖެހުމާއެކު ރިންދާ ގަޔާނުވެފައި ހަށިގަނޑަށް ކުޑަ ގުޑުމެއް ގެނައެވެ.

"އެކުއްޖާ މިނިވަންކޮށްފަ ނިކަން މަންމަ ކައިރިއަށް ފޮނުވަބަލަ" ޝަލްބިޔާ ބުންޏެވެ. ނަހީކްގެ އަމަލުތައް ހުރިގޮތުން ރިންދާ ގަޔާނުވެފައި ހުރިކަން ޝަލްބިޔާއަށް އެނގިއްޖެއެވެ.

"ދެން މަންމާ..." ނަހީކް ބުންޏެވެ. އެ އަންހެންމީހާއަކީ ނަހީކްގެ މަންމަކަން ރިންދާއަށް އެނގުނީ އެހިސާބުންނެވެ. ނަހީކް ރިންދާ ގައިން ދޫކޮށްލާފައި ދެން ގޮސް ހުއްޓުނީ ޝަލްބިޔާ ކައިރީގައެވެ. ރިންދާއަކީ ކާކުކަން ޝަލްބިޔާއަށް ނަހީކް ބުނެދިނެވެ.

ރިންދާ އަތުގައި ހިފައިގެން ގާތަށް ގެނެސް ރިންދާގެ މޫނުގައި ޝަލްބިޔާގެ ދެއަތުން ފިރުމާލިއެވެ. ރިންދާގެ ނިތުގައި ބޮސްދީފައި ނަހާގެ ހާލުއަހުވާލު އޮޅުންފިލުވިއެވެ.

*********

"ބައްޕަ ގޮވައިގެން ހޮސްޕިޓަލުގަ އުޅެންޖެހުނީމަ ކުޑަކޮށް ލަސްވީ. ސޮރީ ސަރ" ކޮފީ މޭޒުކައިރީގައި އިށީންނަމުން ބަރަކް ބުންޏެވެ. ހެނދުނުން ފެށިގެން ލޫކް އިނީ ކެފޭގައެވެ. އޭނާގެ ކުރިމަތީގައި ލައްޕާލާފައި އޮތް ދެތިން ފައިލެއް އޮތެވެ.

"މި ފައިލްތައް އަހަރެން ބަލާލައިފިން. ކަންތައްތައް ވަރަށް ގޯސް. އެންތަނީއަކީ ވަޒީރެއްގެ އެއް އަތް. މައްސަލައަށް އޮތީ ބަޔަކު ނުފޫޒު ފޯރުވާފަ. ކޮރަޕްޝަން... މުޅި ގައުމުގަ" ލޫކް ވާހަކަދެއްކިއެވެ.

އެ ފައިލްތައް ބަރަކް ބެލިއެވެ. ދެފަހަރެއްގެ މަތިން އަޔާލް ދީފައިވާ ބަޔާންތައް ބަރަކް ކިއެވެ. އޮފީހުގެ ބައެއް މުވައްޒަފުންނާއި ސެކިޔުރިޓީ ގާޑުންގެ ބަޔާންތައްވެސް ވަކިވަކިން ބެލިއެވެ. ބަރަކްގެ ލޮލުގައި އަޅައިގަތީ ރޫބިޔާ ދީފައިވާ ބަޔާނެވެ. ދެ ބަޔާން އޮތްއިރު ދެބަޔާނުގައި ވަނީ ތަފާތު މައުލޫމާތެވެ. ބަރަކްއަށް މޫނުގައި ދެއަތުން އަތް ހިންގާލެވުނެވެ. އެ މަރާ ގުޅޭގޮތުން ރޫބިޔާއަށް ކަމެއް އެނގެނީ ހެއްޔެވެ؟ ބަޔާން ތަފާތުވާންވީ ކީއްވެގެން ހެއްޔެވެ؟ ބަރަކްގެ ހަނދާނަށް ދުވަހެއް އައެވެ. ރަނީންގެ މަރުގެ ވާހަކަ އެންމެ ގިނައިން ދެކެވުނު ދުވަސްކޮޅުގައި ރޫބިޔާ ފޯނުން ދެއްކި ވާހަކަތަކެއް ބަރަކްއަށް އިވުނެވެ. ރޫބިޔާ ދެއްކީ މަރެއްގެ ވާހަކައެވެ. އެދުވަހު ބަރަކް ރޫބިޔާ އާ ސުވާލުވެސް ކުރިއެވެ. އެދުވަހުވެސް ރޫބިޔާ ވަނީ ބަރަކްއަށް އޮޅުވާލައިފައެވެ. ބަރަކް ފުންނޭވައެއް ދޫކޮށްލިއެވެ. ރޫބިޔާއަކީ ކާކުކަން ލޫކަށް އެނގެންވީ ވަގުތު ޖެހިއްޖެއެވެ.

"ސަރ... ރޫބިޔާއަކީ އަޅުގަނޑުގެ މަންމަ. އަޅުގަނޑު ކުޑައިރުން ފެށިގެން މަންމަ މަސައްކަތް ކުރަނީ އެ ކުންފުނީގަ" ބަރަކް ބުންޏެވެ. ކޮންމެގޮތެއް ވިޔަސް ރޫބިޔާއަކީ ކާކު ކަން ލޫކަށް ސިއްރުކޮށްގެން މަކަރެއް ހަދަން ބަރަކް ބޭނުމެއް ނުވިއެވެ. ލޫކް އިނީ ހައިރާންކަމާއެކު ބަރަކްގެ މޫނަށް ބަލަހައްޓައިގެންނެވެ. ދެފަރާތަށް ބޯހޫރާލާފައި ކޮފީތަށިން ކޯވަރެއް ލޫކް ބޯލިއެވެ.

"ބަރަކްގެ އަހަރެން އެންމެ ގަޔާވާ ސިފައަކީ ތިއީ. އަހަރެން ބޭނުމެއް ނޫން މި މައްސަލަ އާ ގުޅިގެން އެއްވެސް ތަހުގީގެއްގައި ބަރަކް ނޫން އެހެން މީހަކު ބައިވެރިކުރާކަށް. ވަރަށް ހިތްވަރުކުރާތި" ލޫކް ބުންޏެވެ. ބަރަކް ބޯޖަހާލިއެވެ.

ބަރަކްގެ ދެލޮލުން ކަނބޮޑުވުމާއި މާޔޫސީ ކުލަވަރު ލޫކަށް ފެނުނެވެ. ބޮޑު މައްސަލައެއްގެ ތެރެއަށް އަމިއްލަ މައިމީހާ ވައްދަން މިޒަމާނުގައި ބޭނުންވާނީ ކޮން ދަރިއެއް ހެއްޔެވެ؟ ބަރަކް ތަފާތުވާ ވަރަށް ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ފުލުހުންގެ ދާއިރާގެ އުޖާލާ މުސްތަގުބަލެއް އޮތް ޒުވާނެކެވެ.

********

ހިތަށް ލިބިފައިވާ ނުތަނަވަސްކަމާ އެކުގައިވެސް ވިލިނީ ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. ލައިދުއަށް ފުރުސަތެއް ދިނީ ހެއްދެވިފަރާތާ ވަކީލުކޮށްފައެވެ. ވީޑިޔޯ ކޯލަކުން ލައިދުގެ މައިންބަފައިން ވިލިނީ އާއި ނުއުފަންނަ ދަރިފުޅު ބަލައިގަނެފީމޭ ބުނި ވަގުތު ވިލިނީއަށް ރޮވުނެވެ. ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް ލައިދުއާ އެކީގައި ހޭދަކުރުމަށް އާތިފާ ވިލިނީއަށް ވިސްނައިދިނެވެ. އަންހެނަކު ހުރި ހިސާބަށް ލޯތްބަށް އެދި ފިރިހެނަކު އަންނާނީ ޔަގީނުންވެސް ޒުވާން ހިތެއްގައި އެ އަންހެންކުއްޖާއަށްޓަކައި ވިންދެއް ޖަހާތީކަން އާތިފާ ބުނެދިނެވެ. ލައިދު ކައިރީގައި ބައިންދައިގެން އާތިފާ ރުޔެވެ. އަލަތު ކައިވެންޏަށް ލިބުނު ތިން ދަރީންގެ ތެރެއިން ވިލިނީއަކީ ދުނިޔޭގައި ލެއްވި ހަމައެކަނި ދަރިފުޅޭ ބުނެލިއެވެ. އާތިފާގެ އަތުގައި ލައިދު ވައުދުވިއެވެ. ދުނިޔެއަށް ވިލިނި އާއި ކުޑަދަރިފުޅު ބިކަވާން ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނެ ހެއްދެވިފަރާތް ގަންދީ ހުވާކުރިއެވެ. އާތިފާ ލައިދުއަށް އިތުބާރުކުރީ އެއީ ﷲ ގެ އަޅަކަށްވީތީއެވެ. އެކަލާނގެއަށްޓަކައެވެ. ޔަގީނުންވެސް އެކަލާނގެ ފުރިހަމައަށް އިތުބާރު ކުރެވޭނަމަ އެއްވެސް ކަމަކަށް ޖެހިލުމެއް ނުވާނެއެވެ. އެހެނީ އެކަލާނގެ އީ ހަތްއުޑުމަތިން މުޅި ކައުނުގައިވާ ހުރިހާ ކަމެއް އެންމެ މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

ލޯންޗު މާލޭ ފަޅަށް ގާތްކުރި އިރު ލައިދުގެ މައިންބަފައިން ޖެޓީ ކައިރީގައި މަޑުކޮށްލައިގެން ތިއްބެވެ. ލައިދު ހީލާފައި މައިންބަފައިންނަށް އަތް ހިއްލާލާފައި ހަނާއަޅާލިއެވެ. ކައިރީގައި ހުރި ވިލިނީ ދައްކާލިއެވެ. ބީރައްޓެހި ހިނިތުންވުމެއް ވިލިނީގެ ތުންފަތުގައި ދަތުރުކޮށްލިއެވެ.

"އަހަރެންނާއި އަހަރެންގެ މަންމައަށް ތިދޭ ގާތްކަމަށް ޝުކުރިއްޔާ" ފަހަތު ޝީޓުގައި އިން އާތިފާއަށް ބަލައިލަމުން ވިލިނީ ބުންޏެވެ.

************

މާލެ އޮފީހުގައި އޮތް ބައްދަލުވުމެއް ނިންމާފައި ރޫބިޔާ މިސްރާބު ޖެހީ އަޔާލް އާ ބައްދުލުކުރާށެވެ. ރޫބިޔާގެ އެއްވެސް މަޝްވަރާއެއް ނެތި ގެއަށް އެހާ ބޮޑު ބަދަލެއް އަޔާލް ގެނައީތީ އެކަމާ ސުވާލުކުރާށެވެ. ކޮންމެހެން ޒުވާބެއް ކުރާކަށް ނޫނެވެ. ގެ ކޮޅަށްޖަހައި ބުރިބުރިއަށް ހިއްލާލާފައި ހުރިއިރު އެތަނުން އެންމެ އަކަފޫޓެއްގެ މިންވަރު އޭނާއަށް ހައްގެވެ. މިއަދު ރޫބިޔާ ބޭނުންވަނީ ކައިރީގައި ބައިންދައިގެން އަޔާލަށް ވިސްނައިދޭށެވެ.

ދޮރާށި ތަޅުލާފައި ހުރުމުން ރޫބިޔާ ހިތްހަމަނުޖެހުނެވެ. އެހާ ބާރަށް ދޮރާށީގައި ތަޅައިގަތެވެ. މަގުގެ މެދެއްހާ ހިސާބަށް ފަހަތަށް ޖެހިލާފައި އިމާރާތަށް ބަލައިލިއެވެ. އެންމެ މަތީ ޓެރަސްގައި އަންނައުނު ހިއްކަން އަޅުވަން މީހަކު ހުރިހެން ރޫބިޔާއަށް ހީވިއެވެ. ކާރެއްގެ ބަރުގޮނުގެ އަޑާއެކު ރޫބިޔާ އަވަހަށް ދޮރާށި ތެރެއަށް ދެމިގަތެވެ.

"މި ހީވަނީ އަމާބަފާގެ މުދާގަނޑެއްހެން ވިއްޔާ. ލައްކަދުވަހު ކަލޭ ހަދާނެ އެއްޗެއް ހަދަންދެން އަހަރެން ހުރެފީމެއްނު. އަހަރެން ބޭނުމިއްޔާ މިއަދުން މިއަދަށްވެސް ބަޔަކު ގެނެސް މިގެ ބިމާވެސް ހަމަކޮށްލެވިދާނެ" ރޫބިޔާ އަމިއްލަ ނަފްސަށް އިވޭ ވަރަށް އަޔާލްއަށް އަޑުލަމުން ދިޔައެވެ. އެގޮތުގައިވީ އިރުކޮޅެކެވެ. ސްކޫލު ޔުނީފޯނުގައި ހުރި އަންހެންކުއްޖަކު އައިސް ދޮރާއްޓަށް ވަނެވެ.

"ތިއީ ކާކު؟ ކީއްކުރަން މިގެއަށް ތިއައީ؟" ރޫބިޔާ ބުންޏެވެ.

"މިއީ ސަނާ. އަޅުގަނޑުގެ ގެ މިއީ. ސްކޫލުން މިއައީ. ދައްތަވެސް ތިއީ މިގޭ މީހެއްތަ" ސަނާ އެހިއެވެ.

ރޫބިޔާގެ މޫނުމަތިން ހައިރާން ކަމެއް ފެނިލިއެވެ. ސަނާގެ ދެފައިން ފެށިގެން ބޮލާ ހަމައަށް ނަޒަރު ހިންގާލިއެވެ. އާދެވިފައި ހުރީ ރަނގަޅު ގެއަށްބާއޭ ހިތާ ހަރުކޮށްފައިވާ ނަން ބޯޑަށްވެސް ބަލައިލިއެވެ.

"މަންމަ އެބައާދޭ ދޮރުހުޅުވަން" ބަހެއް ނުކިޔައި ރޫބިޔާ ބަލަހައްޓައިގެން ހުންނަން ފެށުމުން ސަނާ ބުންޏެވެ.

ވާނުވާއެއް ރޫބިޔާއަށް ނޭނގުނެވެ. ހިތުގައި ސުވާލަކަށްފަހު ސުވާލެއް އުފެދެމުން ދިޔައެވެ. ދުވަހަކުވެސް ނުދެކޭ ބަޔަކު އޭނާގެ އަތުން ބޮޑު ބިމެއް ފޭރިގަތީއެވެ. ބަޔަކަށް އަޔާލު ބިން ދިނީ ހެއްޔެވެ؟ އަހާލުމެއްވެސް ނެތިއެވެ. ނުލަފާ ނުބައި އިންސާނެކެވެ.

"މިއީ ބަރަކާ ގުޅިގެން އެނުބައި އިބިލިސް ރޭވި ރޭވުމެއް. އަހަރެންނަށް މިލިބުނީ ކެހި" ރޫބިޔާއަށް ރޮވެން އުޅޭހެން ހީވިއެވެ.

ދަބަހުގައި އޮތް ފޯނު ނަގާފައި ފަރީދަށް ގުޅަން އުޅުނު ވަގުތު ދޮރާށި ހުޅުވިއްޖެއެވެ. ބުރުގާ އަޅާފައި ހުރި ހިކި އަންހެނެއް ދޮރުން އެތެރޭގައި ހުއްޓެވެ. ދޮރުން ބޭރުގައި ހުރި އަންހެންކުއްޖާ އާއި އެތެރޭގައި ހުރި އަންހެންމީހާ ހީވަނީ އެކައްޗެއްހެންނެވެ. އެއީ އެ އަންހެންކުއްޖާގެ މަންމަ ކަން ރޫބިޔާއަށް ވަގުތުން އެނގުނެވެ.

"މަންމަ ހެދުން ހިއްކަން އަޅުވަން އުޅެފަ އަންނަންވީމަ ލަސްވީ. އެކަނިތަ އައީ؟" ސަމީހާ އެހިއެވެ.

"ޔާލްބެ ސައިކުގަ އައީ. އަވަހަށް ތަނަކަށް ދާންވެގެން އެދިޔައީ" ސަނާ ބުންޏެވެ.

ސަނާ އެތެރެއަށް ވަނުމުން ޔުނީފޯނު ބަދަލުކޮށްގެން ކާބަޔަށް އައުމަށް ސަމީހާ ބުންޏެވެ.

ސަމީހާގެ ލޮލުގައި ރޫބިޔާ އަޅައިގަތީ ދޮރާށި ލައްޕަން އުޅުނު ވަގުތުގައެވެ. އަލިފާންކަނި ބުރަމުންދިޔަ ރޫބިޔާގެ މޫނުމަތި ފެނި ސަމީހާ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. އެބިރުވެރިކަމުގައި ހުރެވެސް ރޫބިޔާއަށް ސަމީހާ ސަލާމް ގޮވާލިއެވެ.

"ކޮންތާކުން އައިސް އުޅޭ ބައެއްތަ ކަލޭމެންނަކީ. ބުނަން.... މިގޭގަ ހުންނާނީ ކަލޭމެން ލާން ގެންގުޅޭ އަންނައުނު ކަލޭމެންގެ އެއްޗަކަށް. އެ އެއްޗެހި ހިފައިގެން މިގެއިން ނުކުމޭ. ހަމަމިހާރު ނުކުމޭ. މިއީ އަހަރެމެންގެ ގެއެއް" އަތުންޖަހައި ދޮރާށި ކޮށްޕާލާފައި އެތެރެއަށް ރޫބިޔާ ވަނެވެ. ސަމީހާގެ އިނގިއްޔެއްގައި ދޮރުފަތް ޖެހި ތަދުވެގެން އަނގައިން އަޑެއް ލައްވާލިއެވެ.

********

ރިންދާ އޮފީހަށް ލާފައި ނަހީކް ގެއަށް އައިއިރު ސިޓިންރޫމުން މީހަކު ފެންނާކަށް ނެތެވެ. ބަދިގޭގައި އުޅުނު ބެގަރީއަށް ގޮވާލާފައި ހުރިހާ މީހުން ވީތަނެއް ނަހީކް އެހިއެވެ.

"މެޑަމް ކޮޓަރިއަށް ވަދެއްޖެ. ވަރަށް ރަނގަޅަށް ސައި ބުއި. ޒަކްވާންބާބާ ޓެރަސްއަށް އަރައިފި" ބެގަރީ ބުންޏެވެ.

"އަހަރެންނަށް ގްރީން ޓީ އެއް މައްޗަށް" ނަހީކް ބުންޏެވެ. ދެން ދުވަމުން ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ދިޔައެވެ.

ކުރިމަތީގައި ހުރި ލެޕްޓޮޕަށް ބަލަހައްޓައިގެން އިން ޒަކްވާންގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ބޯމަތިން ގެނެސް ދެކަންފަތާ ހަމަޔަށް ގުޅާލާފައިވާ ހެޑްފޯނުން އަހަމުންދިޔަ އިނގިރޭސި ލަވައިގެ އަޑު ޒަކްވާން ކައިރީގައި ހުއްޓުނު ނަހީކަށް އިވުނެވެ. މީހަކު އައި އަޑު ޒަކްވާނަށް ނީވެއެވެ. ފަހަތުގައި ހުރެ ޒަކްވާން ނުދަންނަ މީހަކާ ދައްކަމުންދިޔަ ވާހަކަ ގުދުވެލާފައި ނަހީކް ކިޔާލިއެވެ. ދެން ހިނިގަނޑެއް ޖަހާލިއެވެ.

"ސާބަހޭ..." ޒަކްވާންގެ ކޮނޑުގައި ނަހީކް އަޅުވާލި އެތިފަހަރާއެކު ޒަކްވާން ދިޔައީ ދެފައި ކޮޅަށް ޖެހިގެންނެވެ.

"އަދިވެސް ތިކަމުގަ" ނަހީކް ދެފަރާތަށް ބޯހޫރާލިއެވެ.

"މިނިންމާލީ. މިކޮޅަށް މިއައީވެސް ރިސޯޓަކުން އައި ދައުވަތަކަށް.... ތިން ޕާޓްނަރުން.... ހެހެހެ.... އެކަމަކު ކަލޭގެ ވެޑިން ނިންމާފަ އެކޮޅަށް ދާނީ" ހެޑްފޯނު ނަގާފައި ދުރުގައި ބާއްވަމުން ޒަކްވާން ބުންޏެވެ.

"ޒޭވާ ތިކަހަލަ ވާހަކަ ދެއްކީމަ ބައެއްފަހަރު އަހަރެން ވަރަށް ހޮޑުލަވާ. ސީރިޔަސްކޮށް. ނިކަން ތަންކޮޅެއް ސީރިޔަސްކޮށް ތިކުޅި ހުއްޓަބަލަ. ނިކަން ލޯ ހުޅުވާލާފަ ބަލާލަބަލަ ރީތި އަންހެންކުއްޖަކު ފެނޭތޯ" ނަހީކް ބުންޏެވެ.

"ފެނިއްޖެ. އެކަމަކު ފެނުނު ފުރަތަމަ ފަހަރުވެސް އަހަރެން ކިރިޔާ ހާޓްއެޓޭކެއް ނުޖެހުނީ. ހާދަ ވައްތަރޭ" ޒަކްވާން ވާހަކަދެއްކިއެވެ.

"މަގޭ ރިދާއަށް ފާޑުފާޑަށް ނުބަލާތި. އަހަރެން މޮޔަވެދާނެ" ނަހީކް ބުންޏެވެ.

ޒަކްވާން ޖަހާލި ބާރުގަދަ ހުނުމުގެ އަޑާއެކު ޓެރަސްއަށް ކޮފީ ހިފައިގެން އެރި ބެގަރީގެ އަތުގައި ތުރުތުރު އަޅައިގަތެވެ. ނުބައި ގަތުލެއް ހިންގާފައި ތިބި ދެ ޖަނަވާރެވެ. ބޭގަރީ ހިންދިރުވާލިއެވެ. ނަހީކަށް ކޮފީތަށި ދީފައި ބެގަރީ އަވަހަށް ޓެރަސް އިން ފޭބިއެވެ.

"އޭތް... އޭތި ހަމަ ދިޔައީ ދޯ. ބައްޕަ ގަދައޭ އިނގޭ. އެ މިނިސްޓަރާ ބައްޕަ ގާތް ގުޅުމެއް ނެތްނަމަ އަހަރެންގެ ޒަމާން ދިޔައީ. އެކަމަކު މިގޮތަށް ނުބުނެ އައީމަ މިހާރު ހުންނާނީ ވަރަށް ކަޓާފަ" ޒަކްވާން ވާހަކަދެއްކިއެވެ.

*********

ބަރަކް ގެއަށް އައިސް ވަންއިރު ސޯފާގައި ޖިލްވާ އިނެވެ. މުހިންމު ވާހަކައެއްދައްކަންވެފައި އޮތް ކަމަށް ބުނެ ޖިލްވާ މެސެޖެއް ކުރުމުން ބަރަކްއަށް ކެތްނުވީއެވެ. ބަރަކް އޮފީހުގައި އުޅޭ ވަގުތުތަކުގައި ޖިލްވާއަކީ އެގޮތަށް މެސެޖްކޮށް ވާހަކަދައްކާ ކުއްޖެއް ނޫނެވެ. ބޮޑުކަމެއްވީއޭ ހިތާ އެހާ އަވަހަށް ބަރަކް އައީ އެހެންވެއެވެ.

"ކިހިނެއްވީ؟" ބަރަކް އެހިއެވެ. ޖިލްވާއަށް ހެވުނެވެ. ބަރަކް އެހާ ކަންބޮޑުވެފައި ހުރުމުންނެވެ.

"ވަރަށް މުހިންމު ވާހަކައެއް. މަންމަގެ" ޖިލްވާ ބުންޏެވެ.

ބަރަކް މޫނުމަތިން ހިތްހަމަނުޖެހުމެއް ފެނިލިއެވެ. ދެމަފިރިން އަތާއި އަތް ގުޅުވައިގެން ތިބެ ކޮޓަރިއަށް ވަނެވެ. ޖިލްވާ ވާހަކަދައްކަން ބޭނުންވީ ހަމަޖެހިގެން އިނދެއެވެ. ރޫބިޔާގެ ވާހަކަތައް ފެށުމުގެ ކުރިން ޖިލްވާ ބަރަކްއަށް ނަސޭހަތްތެރިވިއެވެ. ކިތަންމެ ހިތްހަމަނުޖެހުނަސް އެއްވެސް އެއްޗަކަށް ގެއްލުމެއްނުދީ ފިނި ސިކުނޑިއަކުން ކަންކަން ނިންމަން ބުނެދިނެވެ. އަބަދުވެސް ޖިލްވާ ހުންނާނީ ބަރަކާއެކުގައި ކަމަށް ބުންޏެވެ.

"އަހަރެން ހާހެއްނުވާނެ. ބުނޭ. މަންމަ އާ ކުރިމަތިލާން އަހަރެން މިދަނީ ތައްޔާރުވަމުން. މަންމައެއް ކަމަކު ޖިނާއީ ކުށަކަށް އަރައިގަނެފަ އޮތްކަމަށް ވަންޏާ ހައްގު އަދަބުދޭކަށްވެސް އަހަރެން ފަހެއް ނުޖެހޭނަން" ޔަގީންކަމާއެކު ބަރަކް ބުންޏެވެ.

ޖިލްވާ ރޫބިޔާގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ. ރޭގައި ފެނުނު މަންޒަރާއި ރޫބިޔާގެ އަމަލުތަކުގެ ވާހަކައެވެ. ޗުއްޓީ ނިންމާފައި ރަށުން އައި ދުވަހު ޑަސްބިން ތެރެއިން ފެނުނު އެއްޗެހީގެ ވާހަކައެވެ. ކުރިމަތީގައި އެވާހަކަތައް ދައްކަން އިނީ އަނބިމީހާ ކަމުގައި ޖިޔަސް ބަރަކް ލަދުން އިސްޖެހިއެވެ. އޭނާއަށް މޫނު އުފުލާލަންވެސް ނުކެރުނެވެ.

"ހިލޭ ފިރިހެނަކު ކޮޓަރިއަށް ވައްދައިގެން އޮވެ މަންމަ އެދަނީ ޒިނޭ ކުރަމުން. އަހަރެމެންނަށް އެކަން އެނގޭއިރު މިހެން އަޅާނުލައި ތިބެން ވެދާނެތަ؟" ޖިލްވާ ބުންޏެވެ.

ގަތް ލަދުންނާއި ވީދެރައިން މޫނުމަތީގައި ބަރަކްއަށް ދެއަތް އެޅުނެވެ. އެވަރުންވެސް ދެލޮލުން ފައިބައިގަތް ކަރުނަތައް ޖިލްވާއަށް ފެނުނެވެ.

"ސޮރީ. އަހަރެން ބޭނުންނަމަ މިވާހަކަތައް ބަރަކްއަށް ސިއްރުކޮށްގެންވެސް ހުރެވުނިސް. އެކަމަކު ރޭގަ އެފެނުނު މަންޒަރަށްފަހު އަހަރެންނަށް ކެތްނުވީ. މަންމައަށް ހަމަ ރަނގަޅަށް އެނގޭނެ ބަރަކް ކައިރީގައި ކިއި އެއްޗެއް ކިއީ އަހަރެންކަން. މިވީހާ ދުވަހަށްވެސް އަހަރެންނަށް ލޯބިން މަންމަ ބަހެއް ކިޔާފައެއް ނެތް. އަހަރެން މަސައްކަތްކުރީ މަންމަގެ ހިތް ފަތަހަކުރަން. ދެން ދުވަހަކުވެސް މަންމަގެ ހިތެއް އަހަރެންނަށް ހެވެއްނުވާނެ" ޖިލްވާ ވާހަކަދެއްކިއެވެ.

********

ސަމީހާއަށް ހަދާނެގޮތެއް ނޭނގުނެވެ. ނުދަންނަ އަންހެނަކު އައިސް ގޭތެރެއަށް ވަދެގެން އެދިޔައީ އިންޒާރަކަށްފަހު އިންޒާރެއްދީފައެވެ.

"ތަން ހުސްކުރޭ" ސޯފާއަށް ވެއްޓިގަންނަމުން ރޫބިޔާ ބުންޏެވެ.

"އަޅު...އަޅުގަނޑު އަޔާލްއަށް ގުޅަން އެބަ" ސަމީހާ ބުންޏެވެ.

ރޫބިޔާ ފުންމައިގެން ތެދުވިގޮތަށް ސަމީހާގެ އަތުގައި އޮތް ފޯނު ޖަހައިގަތެވެ. ފާރު ބުޑަށް ފޯނު ހޫރާލާފައި ހިނިގަނޑެއް ޖަހާލިއެވެ.

ފާހާނައިން ނުކުތް ރާޝިދަށް ގޭތެރެއިން އަޑެއް އިވުނުހެން ހީވުމާއެކު އަވަސްކޮށްލިއެވެ. ދޮރުހުޅުވާލާފައި ބޭރަށް ނުކުތްއިރު ސަމީހާގެ ކުރިމަތީގައި ހުއްޓިގެން ހުރި ރޫބިޔާ ރާޝިދަށް ފެނުނީ ފުރަގަހުންނެވެ. އެއީ ކާކުކަމެއް ރާޝިދަށް ނޭނގުނެވެ. އެހެންނަމަވެސް ސަމީހާގެ މޫނުމަތީގެ ކުލަވަރު ފެންނަން ހުރިގޮތުން އެއްވެސް ކަމެއް ރަނގަޅު ނޫންކަން ރާޝިދަށް އެނގުނެވެ.

"]ކާކު...؟'" ރާޝިދު ބުންޏެވެ.

ރޫބިޔާ ފަހަތް ބަލައިލީ އެވަގުތުއެވެ. އެތައް ދުވަހެއްވެފައި ވީނަމަވެސް ރާޝިދު ފެނުމާއެކު ރޫބިޔާއަށް އެނގިއްޖެއެވެ. އޭނާއަށް ހީވީ އުޑު ބޮލަށް ވެއްޓުނު ހެންނެވެ. ބިންގަނޑު ދެފައި ދަށުން ކެހިގެންދިޔަ ކަހަލަ އިހުސާސެއް ކުރުވިއެވެ. ހުވަފެނެއް ކަމަށް ހީކޮށް ހޭލެވޭތޯ އޭނާ މަސައްކަތް ކުރަން ފެށިއެވެ. މޫނުމައްޗަށް އަނދިރިވެ އަރިއަޅާލަން އުޅުނު ވަގުތު މީހެއްގެ ހިމާޔަތަށް އެދި އަތްދިއްކޮށްލެވުނުހެން ހީވިއެވެ. ދެންވީގޮތެއް ނޭނގުނެވެ.

(ނުނިމޭ)