މަސްވެރިންގެ ތެލުގެ ސަބްސިޑީއަށް މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން 2.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަސްވެރިންގެ ތެލުގެ ސަބްސިޑީއަށް ދީފައިވާ އަދަދުތަކާބެހޭގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ލިޔުމުން ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.

މެމްބަރު އިބްރާޙިމް ރަޝީދު ސުވާލު ކުރެއްވީ މިދިޔަ ތިން އަހަރު ތެލުގެ ސަބްސިޑީގެ ގޮތުގައި ދައުލަތުން ދޫކޮށްފައިވާ ފައިސާގެ އަދަދާއި ސަބްސިޑީގެ ގޮތުގައި ކަޅުބިލަމަހާއި ކަންނެލި މަސްވެރިކަމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ހިމެނޭ އެހެނިހެން މަސްވެރިކަން ކުރާ ފަރާތްތަކަށް ތެލުގެ ސަބްސިޑީ ދީފައިވާނަމަ، އެކަމަށް ދައުލަތުގެ ބަޖެޓުންކޮށްފައިވާ ހަރަދު ތަފުސީލު ހޯދުމަށާއި ތެލުގެ ސަބްސިޑީ ދެނީ ކޮން ފަރާތެއް މެދުވެރިކޮށްގެންތޯ އޮޅުން ފިލުވުމަށެވެ.

  • 2019 ވަނަ އަހަރު: 167،280 ރުފިޔާ
  • 2020 ވަނަ އަހަރު: 1323686 ރުފިޔާ
  • 2021 ވަނަ އަހަރު: 1323480 ރުފިޔާ

މިނިސްޓަރު ވިދާޅުވީ، މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދެނީ ފިޝަރީޒް މިނިސްޓްރީ މެދުވެރިކޮށް ކަމަށެވެ.