މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރު ކަަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ކަންކަން ނުނިމި ހުރުމުން އޮގަސްޓު މަހުގެ 25 ވަނަ ދުވަހު އެ އިއުލާން ވަނީ ބާތިލުކޮށްފައެވެ. އޭގެ ފަހުން އަލުން އިއުލާންކުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެއިއުލާނުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.
ހޯމް މިނިސްޓްރީން އިއްޔެކުރި އިއުލާނެއްގައި ބުނެފައިވަނީ މީޑިއާ ކައުންސިލް މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ދެވަނަ ދުވަހާއި ހަމަޔަށް އިތުރުކޮށްފައިވާ ކަމަށެވެ. މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އެހެނިހެން ލިޔުންތައް އެ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން https://www.gov.mv/MoHA އަށް މެއިލްކުރުން އެދޭ ކަމަށެވެ.
އެމްއެމްސީގެ މެންބަރުކަމަށް ހުޅުވާލީ އެ ކައުންސިލުގައި މިހާރު ތިބި 13 މެންބަރުންގެ ދައުރު މި އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހަށް ހަމަވާތީއެވެ.
"މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގައި ބުނާ ގޮތުން އެމްއެމްސީގެ މެންބަރަކަށް އިންތިހާބުވާ މީހަކަށް އެ މަގާމުގައި ހުރެވޭނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އެއްވެސް މެންބަރަކަށް ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެއެވެ.
މީޑިއާ ކައުންސިލުގައި މީޑިއާ ތަމްސީލުކުރުމަށް ކެންޑިޑޭޓުން ހުށަހަޅާނީ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ނޫސްތަކާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދީފައިވާ ބްރޯޑްކާސްޓަރުންގެ މަސްއޫލުވެރި ފަރާތުންނެވެ. އަދި ކޮންމެ މަސްއޫލު ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ކެންޑިޑޭޓެވެ.
އެމްއެމްސީއަށް އައްޔަންކުރަން ޖެހޭނީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި އާންމު ހަ މެންބަރުންނެވެ. އެގޮތުން އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާއި ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހުންނެވެ.
އާއްމު މެންބަރުން ހޮވުމުގައި ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއިން ނުވަތަ އިޖުތިމާއީ ސައިންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކާއި އިޖުތިމާއީ ތަރައްގީއާއި ދުޅަހެޔޮ ކަމަށް މަސައްކަތް ކޮށްދީފައިވާ ފަރާތްތަކަށް އިސްކަންދޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު