ތައިލެންޑްގައި ކުރިއަށްދިޔަ ތައިލެންޑް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށް، ރާއްޖޭގެ އީން އައްބާސް ޝަރީފް ގިނަ ކާމިޔާބީތަކެއް ހޯދައިފިއެވެ.

އަރުތަ ޕްރޮގްރާމްގެ ދަށުން ތައިލެންޑްގައި ފެތުމުގެ ތަމްރީނުތައް ކުރިއަށް ގެންދާ އީން ވަނީ ތައިލެންޑް މުބާރާތުގެ 15 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާފައި ވާދަކުރި 9 އިވެންޓަކުން މެޑަލް ހޯދައިފައެވެ. މިދިޔަ ހުކުރު ދުވަހު ފެށި މުބާރާތުގައި އީން ހަތަރު ރަން މެޑެއްޔާއި، ހަތަރު ރިހި މެޑަލް އަދި އެއް ބްރޯންޒް މެޑަލް ހޯދައިފައެވެ.

އީން ރަން މެޑަލް ހޯދީ (ޝޯރޓް ކޯސް) 400 މީޓަރު ފްރީސްޓައިލް އިވެންޓާއި، 200 މީޓަރު ބަޓާފްލައި ސްޓްރޯކް އިވެންޓުގެ އިތުރުން، 400 މީޓަރު ފްރީ ސްޓައިލް އަދި 800 މީޓަރު ފްރީ ސްޓައިލް އިވެންޓުންނެވެ. އޭގެ އިތުރުން އީން ރިހި މެޑަލް ހޯދީ 50 މީޓަރު ބްރެސްޓް ސްޓްރޯކް، 200 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓް އަދި 200 މީޓަރު ފްރީ ސްޓައިލް، 200 މީޓަރު އިންޑިވިޖުއަލް އިވެންޓުންނެވެ.

އީން އޭނާގެ ބްރޯންޒް މެޑަލް ހޯދީ 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުންނެވެ.

ޝޯޓް ކޯސް 400 މީޓަރުން އީން ރަން މެޑަލް ހޯދި އިރު، އޭނާ ވަނީ ގައުމީ ރެކޯޑު އާކޮށްފައެވެ. އެ އިވެންޓްގެ ގައުމީ ރެކޯޑު އީން އާކުރީ ފަސް މިނެޓް، 29.88 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. އެ އިވެންޓްގައި ދިވެހި ފެތުންތެރިއަކު އެންމެފުރަތަމަ ފަތާފައިވަނީ 2021 ވަނަ އަހަރު ބޭއްވި ތައިލެންޑް ސްވިމިން އެސޯސިއޭޝަން، އޭއެމްއައިޖީ ސްވިމް ޓްރައިލްސްގައެވެ. އެފަހަރު ވާދަކުރީވެސް އީން އެވެ. އެ ޓްރަޔަލްސްގައި އީން ރޭސް ފުރިހަމަކޮށްފައިވަނީ ފަސް މިނެޓް 49.74 ސިކުންތުންނެވެ. އެހެންކަމުން މިފަހަރުގެ މުބާރާތުގައި އީންގެ ފަރާތުން ފެނުނީ ބޮޑު ކުރިއެރުމެކެވެ.