Close
ޚަބަރު

ޗާގޯސް މައްސަލަ ސިޔާސީކޮށް ހަގީގަތް އޮޅުވާލާތީ ހިސާންގެ ހިތްހަމަނުޖެހުން

އިބްރާހިމް ޒަކީ

ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ރާއްޖެއިން ބަލައިގަތުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވާހަކަދައްކަވަނީ ސިޔާސީ ސަބަބުތަކަށްޓަކައި އޮޅުވާލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މައްސަލާގައި ސަރުކާރުން ނިންމި ނިންމުން ކުށްވެރިކޮށް އެކަން ރައްޔިތުންގެ މަޖިލީހުން ބެލުމަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، އެ މައްސަލާގައި އުފެދިފައިވާ ސުވާލަކީ އިނގިރޭސީންގެ އިސްތިއުމާރީ ބާރު އެންޑޯސްކުރުމާމެދު ކަމަށެވެ.

ކޮލަނައިޒޭޝަން ނުވަތަ އިސްތިއުމާރު ކުރުމަކީ އިންސާނެއްގެ ހައިސިއްޔަތުންނާއި ގައުމެއްގެ ހައިސިއްޔަތުން ދެކޮޅުހަދަންޖެހޭ ކަމެއް ކަމަށާއި ކޮލޮނައިޒޭޝަނަށް ތާއީދު ނުކުރެވޭނެ ކަމަށްވެސް ހިސާން ވިދާޅުވިއެވެ. އަދި ޗާގޯސް އިނގިރޭސި ވިލާތުގެ ދަށުގައި އޮތުމަށް ތާއީދުކުރުމަކީ ރަނގަޅުގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ރާއްޖޭގެ އެ ސްޓޭންޑް ގޯހެއް ނޫން، އަޅުގަނޑުމެންނަކަށް ކޮލޮނައިޒޭޝަނަކާ އެއްކޮޅަށް އާއެކޭ ނުބުނެވޭނެ، އެ ފުރުސަތު އަޅުގަނޑުމެން ދިވެހިންގެ ހައިސިއްޔަތުން ދީގެންވެސް ނުވާނެ،" ހިސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އައިސީޖޭގެ ނިންމުން ގަބޫލުކުރުމުން ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން 200 މޭލު ދޫކޮށްލަންޖެހޭ ވާހަކަ މަޖިލީހުގައި ދައްކާއިރު، އެއީ ގަސްތުގައި ސިޔާސީ ސަބަބުތަކަށްޓަކައި އޮޅުވާލަން ހިންގާ ބަހުސެއް ކަމަށެވެ. އަދި ރާއްޖެއަކުން އެއްވެސް އިރަކު އެ 200 މޭލު ދޫކޮށްލަން އެއްބަސްނުވާ ކަމަށާއި އެކަންކުރާކަށްވެސް ނޫޅޭ ކަމަށް ވިދާޅުވިއެވެ.