ވާހަކަ

ފިނި މެންދަމަކުން - 13

3

އެއީ 1993 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި 20 އަހަރުގެ ޝިނާޒު ޖަލަށް ގެންދިޔައީ އޭނާ އާއި ހައްވާ ޝައުނީގެ ލޯބީގެ ކައިވެންޏަށް ހަމަސްވީތަނާއެވެ. ހައްވައަކީ ރީތި އެންމެ 18 އަހަރުގެ ޅަޒުވާން އަންހެނެކެވެ. ފިރިމީހާ އެނބުރި އަޔަސް އާދެވޭނީ ސާދަ ވަރަކަށް އަހަރު ފަހުން ކަމުގެ ވިސްނުން ހައްވަގެ ސިކުނޑިއަށް ވިސްނައިދިނީ ކާކު ކަމެއް، އެއީ ކިހިނެއް ފެށުނު ކަމެއްކަން އެނގޭ މީހަކު ނެތެވެ. އެކަމަކު ހައްވަގެ އުޅުން ގޯސްވެ، "ކޫޑި" އެއްގެ ލަގަބު ލިބުނު އިރު އޭނާގެ ގެ ކުރިން ހަދަން ފަށާފައި ހުއްޓިފައި ހުރި ހިސާބުން ބޮޑު ތަނަވަސް ގެއަކަށް ބަދަލުވެ އެރަށުގައި ހުރި އެންމެ ފޯރާ މީހާއަށްވެސް ވެއްޖެއެވެ.

ޖަލުގައި އޮތް ހައްވަގެ ފިރިމީހާ ޖަލުގައި މަރުވި ހަބަރު ލިބުމުން ހައްވައަށް ފުރިހަމަ މިނިވަންކަން ލިބުނީ ކަމަށް އެންމެން ތިބީ އުފަލުންނެވެ. އެހެންނަމަވެސް އެއީ ހައްވަގެ ހިތްހަލާކުކޮށްލި ހަބަރެކެވެ. ހައްވަ ޝިނާޒުދެކެ ލޯބިވާކަން ގައިމެވެ.

ހައްވަ ނަމާދަކޮށް އަޅުކަމާ ގާތްވެ އެކަނި ގިނަވަގުތު ގެއާ މާދުރުގައި ފަޅު އަތިރިމަތީގަ އާއި އެހެންވެސް އެފަދަ ތަންތަނުގައި އުޅެން ފަށައިފިއެވެ. އަދި މިގޮތަށް ކަންތައް ވާންފެށިތާ، މާނައަކީ ޝިނާޒުގެ މަރުގެ ހަބަރު ލިބުނުތާ ބަރާބަރު މަހެއްވީތަނާހެން މިބިރުވެރި ހާދިސާ ހިނގައިފިއެވެ. އެއީ ނަސީރު، ރަމްޒީގެ ނަމުގައި އެރަށުގައި ވަޒަންވެރިވެ، ފަޒީލުގެ ނަމުގެ ފަހަތަށްވެސް ރަމްޒީގެ ނަން ހިމަނައި ރަށަށް އެމީހުން ހޭނެން ފެށިތަނާހެން ދިމާވި ބިރުވެރި އަދި ހިތާމަވެރި ހާދިސާއެކެވެ.

ހައްވަ މަރާލާފައި އޮތީ އަނިޔާވެރި ގޮތަކަށެވެ. ބަލާލީމަ އެއީ އިންސާނެއްގެ ކަމެއްބާވައޭ ހީވާ ވަރުވެއެވެ. އަދި މުޅަ މަސްގަނޑާއެކު ބަދުއަހުލާގީ އަމަލުހިންގައި، ބަރަހަނާކޮށްފައި، ބޮޑެތި އަނިޔާކޮށްފައި ހުއްޓެވެ.

ރަށުތެރޭގެ ނުރައްކާތެރި ހާލަތު ރަނގަޅު ކުރެވޭނެ އެއްވެސް މީހަކު ނެތެވެ. ނަސީރު ދެފިކުރެއްގެ މަތީގައި ވިސްނަމުން ދިޔައީ މިކަމުން ރަށް ސަލާމަތް ކުރަން އޭނާ ތެދުވަންވީތޯ ނުވަތަ ނޫންތޯއެވެ. މިފިކުރުމަތީގައި އެދުވަހު އަތިރިމަތީ އޮތް ރުއްގުޅިއެއްމަތީ އިށީނދެގެން އިންދައި ދެ އަންހެނަކު އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ.

"އެއީ ހިންދާމުއަސްމާގެ މަންމަ އާއި ފަޒީލުގެ ބައްޕަގެ އެކުވެރިކަމުގެ ފެށުން....."

މާހީ ދިޔައީ ކަނުލައި ވާހަކަ އަޑު އަހަމުންނެވެ. އޭނާ ބޭނުންވަނީ މިކަމުގެ ތެރެއަށް އޭނާ އައީ ކޮން ހިސާބަކުންތޯ ދެނެގަންނާށެވެ.

ބިރުވެރި ހުތުރު ސިފައެއްގައި ހުރެ އެ މަހުލޫގު އޭތީގެ އަސްލު އާއިލާގެ ޖިންނި ޝައިތާނުން ތިބޭނީ އެހެން ކަމަށް ބުންޏެވެ. ދެން ބަދަލުވީ ޖަނަވާރެއްގެ ސިފައަށެވެ. އެއީ އެމަހުލޫގުން ކާނާ ހޯދުމަށް ޝިކާރައަށް ނުކުންނަ ސިފައެވެ. އަދި ދެން އިންސާނެއްގެ ސިފައަށެވެ. އެމަހުލޫގު ބުނި ގޮތުންނަމަ އެއީ ހިންދާމުއަސްމާގެ ދަރިފުޅެވެ.

އެގަހަށް ކާފަ އަންނަ ބޭނުމަކީ އަދި ހިންދުއްސަބާވެސް އައި ބޭނުމަކީ އެއީ ކަމަށާއި ނަމަވެސް މާހީ އުޅޭގެ ކަން އެނގުމުން އެމަހުލޫގުންނަށް މާހީއަށް ފާރަލާ ހެދުމަށް އެންގުނީއެވެ.

"ހިންދާމުއަސްމާ އާއި ފަޒީލުގެ ގާތްގުޅުމަކީ އޭގެ މިސާލެއް ނެތް ފަދަ ގުޅުމެއް. ތިންކުދިން ބޮޑުވަމުން އައީ އެންމެ ސަކަ އުމުރުގައި ވަރަށް ގާތުގައި އެކުއެކީގަ. ހަގީގަތަކީ އެގުޅުމުގައި ފޮރުވިފަ އޮތް އެއްޗެއް. ފަޒީލުގެ ހިތާއި ނަފުސުން ގުރުބާންވީ ހިންދާމު ސަލާމަތްކޮށް ދެވޭތޯ... އެކަމަކު އޭނައަކަށް ވެސް ހިންދާމު ބަލިވެ އިނުމުން ދެން ގޮތް ހުސްވީ، އެނޫން ގޮތަކަށް އެކަން ނުނިމޭނެ. އެކަމަކު ފަޒީލަކީ ޖަލުގަ އޮންނަން ޖެހޭ ކުއްޖެއް ނޫން. އަދި ސާއިރާވެސް....."

*****

"އައްޞަލާތު ޚައިރުން މިނަންނައުމް....ﷲ އަކްބަރް ﷲއަކްބަރް..."

ފަތިސް ނަމާދަށް ގޮވަން ފެށި ބަންގީގެ ފަހު ކަލިމަ ތަކުގެ އަޑު މާހީ އަށް ރަނގަޅަށް އިވުނެވެ. ލެޕްޓޮޮޕްގެ ކީބޯޑު މަތިން ބޯ ނެގި އިރު ކަނދުރާގަ އާއި ބުރަކަށީގައި ވޭން ބޮޑު ގޮތަކަށް ރިހުމެއް ހަރުލާފައި ހުރުމާއި ކަނދުރާގެ އެއްފަރާތުގެ ނާރަކަށް ވާން ވެފައި ހުރުމުން އެހެން އޮންނަތާ ގިނައިރުތަކެއް ވެއްޖެކަމުގެ އިހުސާސް މާހީއަށް ކުރެވުނެވެ. ވަށައިގެން އެނބުރި ބަލާލެވުނީ އޭނާ އަށް ފެނުނީ ހުވަފެނެއްތޯ ޔަގީން ކޮށްލުމަށެވެ. ލެޕްޓޮޕްގެ ސްކްރީނުން އޭނާ ހުޅުވާފައި ހުރި ފަޒީލުގެ މައްސަލައިގެ ތަފުސީލު ތަހުގީގަށް އޭނާ އިތުރު ކުރަމުން ދާ މުހިންމު ވާހަކަ ތަކާއި ޕޮއިންޓުތައް ލިޔާ ސޮފުހާ ހުޅުވި ގޮތަށް ހުރި ތަން ފެނުމުން ޔަގީނުން ވެސް އޭނާ އަށް ނިދިގެން ލެޕްޓޮޕްގެ ކީބޯޑުގައި ބޯ އަޅާލެވިފައި އެއިނީ އެ ލިޔަމުން ދަނިކޮށް ކަން އެނގުނެވެ.

އެހެން ނަމަވެސް ހައިރާންވެ އަދިވެސް މާހީ އަށް ވިސްނެމުން ދިޔައީ އޭނާ އަށް އެ ފެނުނު ފާޑެއްގެ ހުވަފެނާ ދޭތެރޭގައެވެ. އެއީ ކޮންހާ މަހުލޫގުން ތަކެއްބާއެވެ. ބިރުން ގޮސް ހޭނެތޭ މާހީ އެ މަހުލޫގުންނާއެކު ނުހަނު ގާތުގައި އިނދެ ވާހަކަ ދެއްކީ ހެއްޔެވެ. އެ ޖިންނީންގެ އާއިލާގެ މެންބަރުން ކިޔައިދިން ގޮތުގައި އޭނާ އަކީ ވެސް އެ ބައިގަނޑާ ކޮންމެވެސް ގުޅުމެއް ހުރި މީހެކެވެ.

އެ ކިޔައިދިން އަޖައިބެއް ފަދަ ވާހަކައިގައި އުޅުނު ނަލަކަދީ އަކީ އޭނާގެ މަންމައަށް ވާންވީ ކީއްވެގެން ހެއްޔެވެ. އޭނާގެ އުފަން މަންމަ ދުނިޔެއަކު ނެތެވެ. އަމުދުން އެވާހަކަ އާއި މާހީއާ ގުޅުމެއް އޮވެގެން ނުވާނެ ނޫން ހެއްޔެވެ. ސަބަބަކީ ހަނދާން ހުންނަން ފެށީއްސުރެ ދޮންދައްތަ އާއި ޅިޔަންބޭބެއާއެކު، މާހީ ދިރިއުޅެމުން އެއަންނަނީ މާލޭގައެވެ. އެފަދަ ވިޔާނުދާ އެއްވެސް ކަމެއް އޭނާގެ އާއިލާގެ ތެރޭގައި ހިނގާފައި އޮތް ކަމުގެ އެއްވެސް ހިލަމެއް ވެސް އަދި އޮޅިގެން އެފަދަ ވާހަކައެއް ވެސް ގޭތެރެއިން، އާއިލާގެ އެއްވެސް ހިސާބަކުން މީހަކު ދެއްކި އަޑެއް މާހީއަށް އިވިފައެއް ނެތެވެ. ވީއިރު އެބުނާ ނަލަކަދީ އެއް ސިހުރު ހަދައިގެން ޖިންނީންގެ ބާރުގައި ހޯދި ދަރި އަކަށް މާހީ ވާނެ އެއްވެސް ގޮތެއް މާހީއަކަށް ނޭނގުނެވެ.

މިސްކިތް ހުންނަނީ ގެއާ މާދުރުގައި ނޫންކަމުން ގަމަތް ދޭން ފެށި އަޑު މާހީ އަށް ވަރަށް ރީތިކޮށް އިވެން ފެށިއެވެ. އެއަޑާއެކު ފެނުނު ހުވަފެނާމެދު ވިސްނުމާއި ހޯދާބެލުމަށް ސިކުނޑިއަށް ލަމުން ދިޔަ ބާރުން ބޭރަށް އާދެވި، ރަނގަޅަށް މާހީއަށް ހޭވެރިކަން އަތުވެއްޖެއެވެ. އެއާއެކު އަމިއްލަަ ނަފުސަށް ހީނގަނެވިއްޖެއެވެ.

ހުވަފެނަކީވެސް ހާދަހާ ވާ އާދަޔާހިލާފު މަޖާ ކަންތައް ދައްކާ އެއްޗެކެވެ. އެހާ ހަގީގަތެއްހެން ކުލަކޮށް ދައްކާ ހަމަ ރީތި ފިލްމަކަށް ވުރެން ވަކި ދެރައެއް ނޫނެވެ. ހެއްވާ ވެސް ކަމެއްތާއެވެ.

ހިތާ ހިތުން އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން މާހީ ލެޕްޓޮޕުން ހުޅުވާފައި ހުރި ފައިލް ލައްޕާލުމަށް ކަމަށް ހީ ކޮށްލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ހައިލައިޓް ކޮށްފައިވާ ލިޔުން ކޮޅެއްގައެވެ. އެއީ އޭނާ ލިޔެފައިވާ ނޯޓެއް ނޫންކަން ޔަގީން ވާތީ އިތުރަށް ހައިރާން ވިއެވެ. އަވަހަށް އޭގައި އޮތީ ކީކޭތޯ ބެލުމަށް އެތަން ވަކިން ބޮޑު ކޮށްލިއެވެ.

"ހިންދާމު އަސްމާގެ ކޮއްކޮ އެއް ހުންނަކަން އެނގޭ ހެއްޔެވެ. އޭނާ އޮތީ ފަޒީލު އެ އޮންނަ ތަނުގެ އަންހެނުން ތިބޭ ބައިގަ ކަން އެނގޭ ހެއްޔެވެ. ނިކަން އޭނާ އާވެސް ސުވާލެއް ކޮށްލަބަލާށެވެ. ހަމަޔަގީނުންވެސް އަހަންނަށްވުރެން ރަނގަޅަށް ފަޒީލާއި ހިންދާމުއަސްމާގެ ގުޅުމާއި ހިންދާމުއަސްމާއަކީ އަސްލު ކިހިނެއްވާ ކާކުކަން އެނގޭނެއެވެ. އަދިވެސް ބުނެދެމެވެ. ހިންދާމުއަސްމާގެ މަރާބެހޭ ހަގީގަތަކީ ތިހީކުރާހެން ފަސޭހައިން ލިބޭނެ އަދި ލިބުނަސް ފަސޭހައިން ސާބިތު ކުރެވޭނެ ކަންތައްތަކެއް ނޫނެވެ. ފަޒީލު ޖަލަށް ދާން ޖެހުނީ ކީއްވެގެންކަން ހުދު ފަޒީލަށް އެނގޭނެއެވެ. އަދި ސަލާމަތްވާން ބޭނުންނަމަ ކުރަން ޖެހޭ ކަންތައްވެސް މިހާރު އޭނާއަށް އޮންނާނީ އެނގިފައެވެ. އަންހެންޖަލުގައި އެއޮތީ ހިންދާމުއަސްމާގެ މަރުގެ ޒިންމާ ނަގަންޖެހޭ ހަގީގީ ފަރާތްކަމަށްވެސް ވެދާނެއެވެ. މިވާހަކަ ކިޔައިމިދިނީ މާހީއަކީ ހިތްރީތި، ހެޔޮ އިންސާނަކަށްވީތީއެވެ. އެހެން އިންސާނުންހެން އަމިއްލަ އެދުން ބޮޑު، އަނިޔާވެރި ފަރާތަކަށް ނުވާތީއެވެ. އަދި ހަމައެހެންމެ މާހީގެ މަންމައަށްޓަކައިވެސްމެއެވެ."

މާހީއަށް އެބައި ކިޔައި ނިންމައިލެވުނީ ހަމަ ކިރިޔާއެވެ. ފަހު ޖުމްލައިގެ ފަހު ބަސްކިޔާލުމަށްފަހު އެސްފިޔަ ޖަހާލާފައި ދެން ބަލައިލެވުނު އިރު މަޑުމަޑުން ފޮހެވެނީއެވެ. ބެކްސްޕޭސް ނޫނީ ޑިލީޓްގައި އޮޅިގެން އިނގިލި އެޅުނީއޭ ނޫނީ ކީބޯޑުގައި ތަނެއް ތާށިވެފައި ކަމަށްހީކޮށް ބަލާބަލާ އެކަހަލަ އެއްވެސް ކަމެއް އަޅައިނުގަތެވެ. އަދި ދެން ފޮހެވެމުންގޮސް އެލިޔުން މުޅިން ފޮހެވިއްޖެއެވެ. ހައިރާންވެ އަންތަރީސްވެފައި ލެޕްޓޮޕް ނިވާލާފައި މާހީ އެނބުރިލީ ސްޓަޑީއިން ބޭރަށް ނުކުތުމަށް ހިނގައިގަންނާށެވެ.

ދެވަނައަށް، ހައިރާންކުރުވަނިވި މަންޒަރު ފެނުނީ ކުރިއަށް އެޅި ފިޔަވަޅާއެކު، މާހީ އިށީނދެ އިން ސޯފާގެ ކުރިމަތީގައި ކުޑަކޮށް އެއްފަރާތުގައި ކަހަލަ ގޮތަކަށް ހުރި ސޯފާގެ އަރިމަތީގައި ބަހައްޓާފައި ހުންނަ ކުޑަ ބިއްލޫރި މޭޒާ ދިމާއަށް އެއްލުނު ކަޅިއަކުންނެވެ. އެމޭޒުމަތީގައި ގޭގައި ފޮނިކާ ތަކެތި އަޅަން ގެންގުޅޭ ތަށިތަކުންތަށްޓެއް އެބަހުއްޓެވެ. މާހީ އެދިމާއަށް ގޮސް އެތަށްޓަށް ރަނގަޅަށް ބަލާލިއެވެ.

މާހީގެ ހިތަށް ބިރުވެރިކަން ވަނީ ދެނެވެ. ހަތަރެސްފައި ފިނިވެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެ ތަށީގައި އެހެރީ ޗޮކްލެޓް ޕުޑިންގެ އެތިކޮޅުތަކެވެ. ޕުޑިން ތައްޔާރު ކުރިނަމަވެސް އެއީ މާހީ އެއްގޮތަކަށް ވެސް ކާ އެއްޗެއް ނޫނެވެ. އޭނާ އަކީ ކާ ތަކެތި ތައްޔާރުކޮށް ކެއްކުމުގެ ވައްޓަފާޅި ހުއްޓަސް، ހާއްސަކޮށް ފޮނި ކާތަކެތި ވަރަށް މީރުކޮށް ހަދަން އެނގުނަސް ފޮނި ކާތަކެތި ބޭނުން ކުރާ މީހެއް ނޫނެވެ. އަމުދުން މި ސްޓަޑީ ރޫމަށް އޭނާ ފަހަރެއްގައި ވެސް އެކަހަލަ ކާ އެއްޗެއް ނުގެންނާނެއެވެ.

ރޭގައި ފެނުނު ހުވަފެނެއް ކަމަށް ހީކުރެވުނީ މުޅީން ގޯސްކޮށް ކަން މާހީއަށް ވިސްނިއްޖެއެވެ. ލެޕްޓޮޕުގައި ދީފައިއެވާ މައުލޫމާތުތަކާއި މިތަށްޓާ ހުރި ގުޅުން މާހީއަށް ދެނެގަނެވިއްޖެ އެވެ. ބިރުގަނެފައި ވާކަން އެއްވެސް ގޮތަކަށް މޫނު މަތިން ވެސް ފެނި ދާނެތީ، ތުރުތުރު އެޅުން ހަމަ އަކަށް އަޅުވަން މަސައްކަތް ކުރަމުން ތަށި ނެގިއެވެ. އަދި ވަރަށް ހިތްވަރު ކޮށްފައި އަޑަށް ބާރުލަމުން "ޕުޑިން މީރު ކަމެއްވެސް ނޭނގޭ. ނުވެސް ބުނޭ ވިއްޔަ." މިހެން ބުނެލިއެވެ. މާހީ އަށް ހީވީ ހަމަ ރަނގަޅަށެވެ. ކޮޓަރީގެ ކުޑަދޮރާ ދިމާލުން، ވަދެގެން އައި ފިނިފިނި ރޯޅިއެއް މާހީގެ ކަންފަތުގައި ފިރުމާލައިފިއެވެ. އަޑު އިވުނީ ކަމެއް ނޫނީ އެއަޑު މާހީއަށް އިހުސާސް ކުރެވުނީ ކިހިނެއް ކަމެއް ނޭނގެއެވެ. ޖެހިލި ރޯޅިއާ އެކު މާހީއަށް ހަމަ ސާފުކޮށް އިވުނެވެ.

"ޕުޑިން މީރު.... އެކަމަކު ޖަލުގެ ކޮއްތު ކިރިޔާވެސް މީރު ވާނީ މިއަދު. ނައުޝީނާ އެންމެ ފަސޭހައިން ގުޅޭނީ ވެސް މިއަދު މެންދުރު ފަހު."

މާހީ އަށް އޭނާ ކަންތައް ކުރަންވީ ގޮތް ހަމަ ވަރަށް އަވަހަށް ވިސްނިއްޖެއެވެ. މި ހުރިހާ ދުވަހު އޭނާ މަސައްކަތް ކުރަމުން އައީ މުޅިއަކުން ރަނގަޅަށް ނޫންކަން ވެސް އިހުސާސް ކުރެވިއްޖެއެވެ. ކޮންމެ މީހަކުވެސް އަޖައިބުވެފައި އޭނާއާ ކުރަނީ އެއް ސުވާލެކެވެ. އެތައް ގިނަ ބޮޑެތި ކޭސްތަކުގެ ތެރެއިން އޭނާއަށް މިމައްސަލަ މުހިންމު ވީ ސަބަބު އެނގެނީ ހަމައެކަނި އޭނާއަށެވެ. ހިންދާމުއަސްމާގެ މަރުގެ މައްސަލައިގެ ޝަރީއަތުން ފަޒީލަށް ކުރި ހުކުމް އިސްތިއުނާފުން ކޭސް ކާމިޔާބު ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް މާހީ ކުރާނެއެވެ. އެއީ އޭނާގެ ވަކީލުކަމުގެ މިހަޔާތުގައި ދިމާވި ގޮން ޖެހުމެއް ކަމަށް މިހާރު ގަބޫލު ކުރެވިއްޖެއެވެ. މިހާރު ދެން މައިދާނަަށް ނުކުންނަންވީއެވެ. ފާޅުގައި ހަނގުރާމަ އިއުލާންކޮށްގެން ވެސް މީގެ އެންމެ ފުނުގައިވާ ސިއްރާ ހަމައަށް ފީނަން މިހާރު މާހީ އެހެރީ ކުރިއަށްވުރެ ބޮޑަށް ކެރިގެން ކުރިމަތިލާފައެވެ.

ލޯބިވާ ދަރިންކޮޅާއި ފިރިމީހާގެ ހަނދާން މާހީ ވީ ހަމަ ކުއްލިއަކަށެވެ. މިފަހަކަށް އައިސް އޭނާ ކިހާ ބޮޑަކަށް އެމީހުންނާ ދުރުވެއްޖެ ހެއްޔެވެ. މާހީގެ ހިތަށް ތަދުވެއްޖެއެވެ. އަދި އަވަހަށް ސްޓަޑީ އިން ނުކުންނަން ހިނގައިގަތެވެ. މަސައްކަތަށް އެނބުރި އައުމުގެ ކުރިން އާއިލާއާ އެކުގައި މިއަދުގެ ވަގުތުތައް ހޭދަކޮށްލަން ހިތުލައިގެން މާހީ ހިނިތުން ވެލިއެވެ. އަދި ސްޓަޑީގެ ދޮރު ހުޅުވާލާފައި ބޭރަށް ނުކުންނަން ފިޔަވަޅު ނެގިއެވެ.

*******

(ކ.މާފުށީ ޖަލު، އަންހެނުންގެ ބައި.)

"ސައި ބޯން އާދޭ، ސައި ނަގަން އާދޭ. ބަޖިޔާ ނަގަން އާދޭ. ބަލަ ބަޖިޔާ ނުކަނީ ކޮން ކުދިންނެއް....؟ ކޮބާ ރަޝީދާ.... ލަމްހާ.... ދީމާ.... ކޮބާ އެންމެން ސައިނުބޯ ދުވަހަކީތަ....."

އަޑުގެ ކޮޅަށް، ގޮވަމުން ގޮވަމުން ކޮރިޑޯތަކުގެ ބޭރުން ހުރި ފެންސު ކައިރިން ހިނގާފައި އެ ދަނީ އަންހެން ޖަލުގެ ސުފުރާ ބެލެހެއްޓުމާ ހަވާލުކޮށްފައިވާ ޒުނެއިރާއެވެ. 32 އަހަރުގެ އިސްކޮޅުން ދިގު، ދޮން ބޮޑު އަންހެނެކެވެ. ލައިގެން ހުރި ހަރުވާޅުގެ ފައިކުރި އޮޅާފައި ހުރި އިރު އަތްދިގު ކުރުތާގެ ކުލައަކީ ފިޔާތޮށި ކަމެއް އޮރެންޖު ކަމެއް ނޭނގެއެވެ. ޖަލުގައި އުޅޭތާ ގިނަ އަހަރުތަކެއް ވެފައި ހުރުމުން ލާން ގެންގުޅޭ އަންނައުނު ހުންނަނީ ބާވެ ކުލަ ވެއްޓިފައެވެ. ރަނގަޅަށް ހުންނަ ރީތި އަންނައުނު ހުރި ނަމަވެސް ވަޒީފާއަށް ނުކުންނަން އެއްވެސް ގައިދީއަކު, އަތުގައި އޮންނަ ބާ ހެދުންގަނޑު ނޫނީ ނުލާނެއެވެ. ސަބަބަކީ ދޭހާ އަތްވަކާއި ހިރަފުހެއްގައި ބުރަ، އުނދަގޫ މަސައްކަތުގައި އުޅޭން ޖެހޭނެތީއެވެ. ޒުނޭރާ އަކީ ކާންދޭ ދެ މީހުންގެ ތެރެއިން އެކަކު ކަމަށްވާތީ އޭނާއަށް ވާރޭ ވެހުނަސް ކާތަކެތި ހުންނަ ބަރޯ ބަލާ ދާން ޖެހޭނެއެވެ. އަންހެނުން ކަމަކު ކުރާ މަސައްކަތުގައި ކޮނޑުހުޅުގެ ވަރު ބޭނުންވެއެވެ.

"މިއަދު ބަޖިޔާ ހުރި ދުވަހެއްގައި ހާދަ ކަމެއް ނެތޭ...." ޑިއުޓީ ޝަމްލާ އަކީ އިސްކޮޅުން ކިތަންމެ ކުރު ވިޔަސް ލޯ ތޫނުވެފައި ސިކުނޑި ދުރަށް މަސައްކަތް ކުރާ މީހެކެވެ. "ބަހާރު މޫސުމެއް ލައިގަތީތަ؟ ރިފްޒާ އާއި ކަމަނަ ކޮބާ؟"

ބަރޯ ބަދިގެއަށް ގެންދަން ވެގެން ދިޔަ މަގުމަތީގައި ޝަމްލާ ސުވާލު ކޮށްލިއެވެ. ކަމަނަ އެންމެންވެސް ކިޔަނީ އެންމެންނަށްވެސް ޒުލޭހާ ފެނިފައިވަނީ އެންމެ ބާރަ އަހަރުގައި ކަމުން އިންނަ ގާތްކަމެއްގެ ސަބަބުންނެވެ. ޝަމްލާ ދައްކަން ފެށި ވާހަކައިން ޒުނޭރާއަށް ލިބުނު ސިހުން މޫނުމަތިން އަސަރެއްގެ ކަންފުޅެއް ވެސް ދައްކާ ނުލައި ހަމަ ހެވިފައި ޖަވާބު ދިނެވެ.

"ކަމަނަ އެބައޮތް ނިދިފައި. އިއްޔެ އެކަހެރިން އައިސް ވަރުބަލި ވެފައެއްނު އަދި ހުންނާނީ. އަބަދުވެސް އެކަހެރިން އައިސް ދެތިން ދުވަހު ރެސްޓު މޯޑުގައެއްނު. ވަކި ކަމަނައެއް ނޫން. އެކަހެރިއަށް ދާ ހުރިހާ ކުދިންގެވެސް އާދައެއްނު އެއީ. މަހަކު ލިބޭ އެންމެ ދުވަހެކޭ."

"އާނ. އާނ. ތިބުނީ ވާ ދޮގެއްވެސް ނޫން. އެކަމަކު ހައިރާން ވާން ޖެހޭ ކަމަކީ އެކަހެރިއަށް ގޮސްފައި އަންނަ އިރު ހުރިހާ ކުދިންނަށް އީދެއް އަންނަކަން. ދެން ކީއްވެގެންނޯ މިއަދު މެންދުރު ޒުނޭއާއެކީ އިލްހާމަ ނެތީ؟"

ޒުނޭރާ ބިރުން އުޅުނު ހިސާބަށް ވާހަކަ ދިޔައީއެވެ.

(ނުނިމޭ)