ޚަބަރު

ކަނޑުގެ ސަރަހައްދާ ގުޅޭ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލެއް ނުވޭ: އޭޖީ އޮފީސް

ޗާގޮސް އާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ ތެރެއިން ބައުންޑަރީ ކަނޑައެޅުމުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅައިގެން އުޅޭ މައްސަލާގައި ރާއްޖޭގެ ވިސްނުން ބަދަލު ނުކުރާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

ޗާގޮސް-މޮރިޝަސް މައްސަލާގައި ރާއްޖޭން ކުރިން ވޯޓު ދީފައިވަނީ އިނގިރޭސި ވިލާތާ އެއްކޮޅަށެވެ.

އެގޮތުން ޗާގޮސް މޮރިޝަސްއަށް ދޫކޮށްލަންޖެހޭ ކަމަށް ބުނެ, އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޗާގޮސް މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް 2019 ވަނަ އަހަރު ނެރެފައިވާ ލަފާ ބަލައިގަންނަން އދ.ގެ އާންމު މަޖިލީހުން ފާސްކުރި އިރުވެސް ރާއްޖެއިން ވޯޓު ދިނީ އެ ރަށްތައް އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި ބޭއްވުމަށެވެ. ނަމަވެސް 116 ގައުމެއްގެ ތާއީދާއެކު އެ ގަރާރު ފާސްވީ މޮރިޝަސްއާ އެއްކޮޅަށެވެ.

މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިން ސަބަބެއް ކަމަށް ސަރުކާރުން އޭރު ބުނީ, ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކޮށް, ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިގެން ހިނގައިދާނެތީއެވެ.

މޮރިޝަސް މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެ, ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ރާއްޖެއިން އދ.ގައި ވޯޓު ދޭން އެއްބަސްވެފައިވާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ހާމަކުރެއްވުމުން ރާއްޖޭގެ އިމުން ބައެއް މޮރިޝަސްއަށް ދޭން ނިންމީ ކަމަށް ބުނެ އެކަމާ ދެކޮޅަށް ވާހަކަތަކެއް ދައްކަން ފެށިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސެއިން ހަސަން މީޑިއާތަކަށް ވިދާޅުވި ގޮތުގައި, އިމުގެ މައްސަލައިގެ ސްޓޭންޑެއް ބަދަލެއް ނުވެއެވެ. އަދި ރާއްޖެއިން ތިބީ އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖެއިން ބަދަލުވީ އދ. ގައި ނަގާ ވޯޓިންގެ ސިޔާސަތު. ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ.ގައި ރާއްޖެއިން ވޯޓު ދޭނެ. މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި، އެކަން ރައީސް ސާލިހު ވަނީ ވިދާޅުވެފައި. އިޓްލޮސްގައި އޭޖީ ރިފްއަތު ފާހަގަކުރެއްވީ އެ ވާހަކަ. ޗާގޮސްއަކީ އެތަނުގެ އަސްލު ވަަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭ ތަނެއްކަމަށް ރާއްޖެއިން ގަބޫލު ކުރޭ," ހުސެއިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, އިމުގެ މައްސަލާގައި ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުއާހަދާ)ގެ ދަށުން މައްސަލަ މައުލޫއީ ގޮތުން އިޓްލޮސްއިން ބަލައި، އެ މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަަހައްދުތަކުގެ ބައުންޑަރީ ކަނޑައަޅާނެ ކަމަށެވެ.

އަދި ބައިނަލްއަގުވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، އާންމު އުސޫލެއްގެ ގޮތުން އެފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލަށް ބިނާކޮށްގެން ކަމަށާއި އޭގެ ނަތީޖާއަކަށްވާނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތަ ލިބިގެން ދިއުން ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

ހުސެއިން އިތުރަށް ވިދާޅުވީ, 2019 ވަނަ އަހަރު މޮރިޝަސްއާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިން ނަމަވެސް, ބައިނަލްއަގުވާމީ މުޖުތަމައުގެ ވިސްނުމަކީ ޗާގޮސް މޮރިޝަސްގެ ތަނެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން އެކަމާ ގުޅޭ ގޮތުން ރާއްޖޭގެ ސްޓޭޑް ބަދަލުކުރީ ބައިނަލްއަގުވާމީ މުޖުތަމައުގެ ވިސްނުމާ އެއްގޮތް ކުރުމަށް ކަމަށެވެ.

އަދި ރާއްޖެއަކީ ޑީކޮލޮނައިޒޭޝަންއަށް (އިސްތިއުމާރުތައް ނިންމުމަކަށް ގެނައުމަށް) އަބަދުވެސް ތާއީދުކުރާ ގައުމެއް ކަމަށާއި ރާއްޖޭގެ ފޮރިން ޕޮލިސީ ސްޓޭޓްމަންޓުތަކުގައިވެސް އެކަން ފާހަގަކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އިންޓަނޭޝަނަލް ކޮމިއުނިޓީގެ ވިސްނުމާ އެއްގޮތަށް ވޯޓުލުމުން އިންޓަނޭޝަނަލް ކޮމިއުނިޓީގައި ރާއްޖެ ބަލައިގަނެ އެހެން ގައުމުތަކާ އޮންނަ ގުޅުން ރަނގަޅުވާނެ. ވީމާ އެގޮތަށް ވޯޓުލުމުން ރާއްޖެެއަށް ލިބޭނީ ފައިދާ," ހުސެއިން ވިދާޅުވިއެވެ.