ކޮވިޑުގެ ދަތިކަމުން އަރައިގަނެފައިވާ މި ދަނޑިވަޅުގައި ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފެށުމުން ރާއްޖޭގެ އިގުތިސާދީ ދުވެލި މިހާރަށްވުރެ ހަލުވިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށާއި ރާއްޖެ ތަރައްގީއަށްކުރާ ދަތުރުގައި ދެ ގައުމުގެ ދެމެދު އޮތް ގާތްގުޅުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ރާއްޖެއާއި ޗައިނާއަކީ ތަރައްގީގެ ދަތުރުގައި އެކުއެކީގައި ގުޅިގެން ކުރިއަށްދާ ދެ ގައުމުކަން ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތަރައްގީއަށް ދެއްވާ އެއްބާރުލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި ރައީސް ވިދާޅުވީ، ދެ ގައުމުގެ ދެމެދު އޮންނަ ގާތްގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ މުހިންމު ގުޅުމެއް ކަމަށެވެ.
"ކޮވިޑުގެ ދަތިކަމުން އަރައިގަނެ އަޅުގަނޑުމެންގެ އިގުތިސާދު އަމިއްލަ ފައިމައްޗަށް ތެދުވަމުން އަންނަ މިދަނޑިވަޅުގައި އަދި ރާއްޖެއަށް ޒިޔަރަތްކުރާ ފަތުރުވެރިން އިތުރުވަމުން އަންނައިރު ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދާއެކު ރާއްޖޭގެ އިގުތިސާދީ ދުވެލި މިހާރަށްވުރެ ހަލުވިވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ތަރައްގީގެ ރޮނގުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުއްމީދުކުރައްވާ ކަމަށެވެ.
ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޓޮޕް މާކެޓެވެ. ނަމަވެސް ކޮވިޑާ ގުޅީގެން 2020 ވަނަ އަހަރު ރާއްޖެއާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް މެދުކަނޑާލުމުން ޗައިނާ ފަތުރުވެރިން ރާއްޖެ އައުން ވަނީ ހުއްޓިފައެވެ. ނަމަވެސް ޗައިނާގައި ކޮވިޑުގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނާތީ ދަތުރުފަތުރު ކުރުމުގެ ހުއްދަ ދޭން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު