ގައުމިއްޔަތަކީ އެންމެ މުހިންމު ކަންތައް ކަމުގައި ދަނެގެން ގައުމަށްޓަކާ ކުރާ ކޮންމެ މަސައްކަތެއް ކޮށްފި ނަމަ ފެންނާނީ ވަރަށް ރީތި މުޖުތަމައުއެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
"ދަ ލީޑާ އިން މީ"ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރި ވެލިއު އެޑިއުކޭޝަން ޕްރޮގުރާމު އިފުތިތާހުކުރުމަށް ތާޖުއްދީން ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ގައުމިއްޔަތަކީ ތިމާގެ ކުރިމަތީގައި އޮތް އެންމެ މުހިންމު ކަންތައްކަން ދަނެގެން ގައުމީ ލޯބީގައި މަސައްކަތްކުރާ ނަމަ މަގުމައްޗަށް ކުންޏެއް ނޫކާނެ ކަމަށާއި އާންމު މުޖުތަމައުގެ ތެރޭގައި ހިފަހައްޓަންޖެހޭ އަގުތަކާ އަހުލާގު ހުރިހާ އެންމެން ހިފަހައްޓާނެ ކަމަށެވެ.
"އޭރުން ދެން އަޅުގަނޑުމެންނަށް ފެންނާނީ ވަރަށް ރީތިކޮށް އޮންނަ މުޖުތަމައެއް. އެކަކު އަނެކަކަށް އިހުތިރާމުކޮށް އަޅާލައި މުޖުތަމައުއެއް. ދެން ކޮންމެ ކުއްޖަކުވެސް އޭރުން ފެނިގެންދާނީ ގައުމަށް ހިދުމަތްކުރާ ކުއްޖެއްގެ ގޮތުގައި. އެއްވެސް ދަރިވަރަކީ މުހިއްމުކަން ކުޑަ ކުއްޖެއް ނޫން. އެންމެ ފަރުދަކު ކޮށްލާ ހެޔޮކަމަކުން ނުވަތަ ދައްކާ ރީތި ނަމޫނާއަކުންވެސް މުޅި މުޖުތަމައުން އޭގެ ހެޔޮ އަސަރު ފެނުމުގެ ފުރުސަތު އޮންނާނެ،" ނައިބު ރައީސް ވިދާޅުވިއެވެ.
"ދަ ލީޑާ އިން މީ" ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގުރާމެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ސްކޫލް އުމުރަކީ ދަރިވަރުގެ ގައިގާ ރަނގަޅު ސިފަތަކާއި އާދަތަކާއި ރަނގަޅު އަހުލާގު އަދި އެހެން މީހުންނާ ދޭތެރޭގައި އޯގާތެރިވުމުގެ ހެޔޮ ސިފަތައް އަށަގެންނެވުމަށްޓަކައި އެންމެ ރަނގަޅު އުމުރު ކަމަށެވެ.
"ދަ ލީޑާ އިން މީ" ޕްރޮގްރާމަކީ ދަރިވަރުންގެ ގައިގާ ރިވެތި އަހުލާގާއި އިސްލާމީ މުޖުތަމައުއަށް ފައިދާހުރި ކުއްޖަކަށްވުމަށް ބޭނުންވާ އަގުތައް އަށަގެންނެވުމުގެ އަމާޒުގައި ފެށި ޕްރޮގްރާމެކެވެ. އެ ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ ގައުމީ މަންހަޖުގައި ހިމެނިފައިވާ އަގުތައް ދަރިވަރުންގެ ގައިގާ އަށަގެންނެވުމަށް ސްކޫލުގެ ތެރެއިން ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް އެޅުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު