ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ މާބަނޑު މީހުންނާއި އަންހެނުންނަށް ހާއްސަ ވޯޑުތައް ހިމެނޭ ހިޔަލަ ވިންގުގެ ލިފްޓު ހަލާކުވެފައި ހުންނަތާ ހަފުތާއެއް ވެއްޖެއެވެ.
ހިޔަލަ ވިންގުގެ ލިފްޓުގައި ޓެކްނިކަލް މައްސަލައެއް ދިމާވެ އެ ލިފްޓު ބޭނުން ކުރުން ހުއްޓާލާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު "ވަން" އަށް އިއްޔެ ވިދާޅުވީ ލިފްޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. ނަމަވެސް މައްސަލަ ހައްލުކޮށް ލިފްޓު އަލުން ބޭނުންކުރެވޭނެ ސީދާ ދުވަހެއް ބުނަން ނޭނގޭ ކަމަށް ވިދާޅުވިއެވެ.
އައިޖީއެމްއެޗުގައި މަސައްކަތްކުރާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް ބުނި ގޮތުގައި، ލިފްޓު ހަދަން އަދި މަހަކަށްވުރެ ގިނަދުވަސް ނަގާނެ ކަމަށް އެ ހޮސްޕިޓަލުން އަންގާފައިވާ ކަމަށެވެ.
ލިފްޓު ހަލާކުވެފައި ހުރުމުން ހިޔަލަ ވިންގުން ދޭ ބައެއް ހިދުމަތްތައް އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. އެގޮތުން ދެވަނަ ފަންގިފިލާއިން ދެމުންގެންދާ އިމަޖެންސީ ހިދުމަތްތައް ހޮސްޕިޓަލުގެ ޓްރޯމާ އެންޑް އިމަޖެންސީ ޑިޕާޓްމެންޓުގެ (އަވަސްފަރުވާގެ ހިދުމަތްދޭ ތަން) އައިސޯލޭޝަން އޭރިއާއަށް ވަނީ ބަދަލުކޮށްފައެވެ. އަދި ހިޔަލަ ވިންގުގެ އެހެން ފަންގިފިލާތަކުގައި އެޑްމިޓްކުރާ ބަލި މީހުން ދަރުމަވަންތަ ހޮސްޕިޓަލުގެ 12، 16 އަދި 17 ވަނަ ފަންގިފިލާގައި އެޑްމިޓްކުރަން ވަނީ ނިންމައިފައެވެ.
ހިޔަލަ ވިންގުގެ ފުރަތަމަ ފަންގިފިލާއިން މިހާރު ދެމުންގެންދާ އޯޕީޑީގެ ހިދުމަތާއި ހިޔަލަ ވިންގުގެ 10 ވަނަ ފަންގިފިލާއިން ދެމުންގެންދާ އޯފީޑީގެ ނިއުނޯޓަލް އިންޓެންސިވް ކެއާ (އެންއައިސީޔޫ)ގެ ހިދުމަތްތައް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު