ދެން އަންނަ ރިޔާސީ ދައުރަކަށް ވާންޖެހޭނެ އަސާސީ ހިދުމަތުގެ އިތުރު ވައުދެއް ނޯންނާނެ ކަމަށްބުނެ ސަރުކާރުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރައްދުދީފިއެވެ.
ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެ ރަށުގެ މަސްވެރިންނަށް އެ ރަށުން ޑީސަލް އާއި އައިސް ލިބޭނެ ގޮތް ޕީޕީއެމްގެ ސަރުކާރުގައި ހަދައިދޭނެ ކަމަށާއި އަދި އެ ރަށުގެ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްދެއްވާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މިކަމަށް ރައްދު ދެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ހއ. އަތޮޅަށް ރައީސް ޔާމިން ކުރެއްވި ދަތުރުފުޅުގައި އިހަވަންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އަންނަ ދައުރެއްގައި އެރަށުގައި އައިސްޕްލާންޓަކާއި ބަނދަރެއް ހަދާނެ ކަމަށް ވިދާޅުވެފައި ވިޔަސް އެއީ މި ސަރުކާރުން މިހާރު ނިންމާފައި އޮތް މަސައްކަތްތަކެއް ކަމަށެވެ.
"އިހަވަންދޫގައި އައިސްޕްލާންޓަކާއި ބަނދަރެއް އޮތްކަމެއް އެމަނިކުފާނަށް (ރައީސް ޔާމީނަށް) ނޭނގުނީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި ރަށްރަށް ތަރައްގީކުރުމުގެ ކަންކަމަށް އިސްކަންދެއްވި ބޭފުޅަކަށް ނުވާތީ. ރަށްރަށުގެ ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތައް އަޅުގަނޑުމެންގެ މި ފަސް އަހަރު ނިމިގެންދާ އިރު، ހުންނާނީ ގާއިމުކުރެވިފައި. ދެން އަންނަ ދައުރަކަށް ވާންޖެހޭ އަސާސީ ހިދުމަތްތަކުގެ ވައުދެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރު މާލެއަށް ކޮށްދެއްވި ކަންތައްތަކުގެ ފޮޓޯޖެހި ބެކްޑުރޮޕެއްގެ ކުރިމަތީގައި ހުންނަވައިގެން، ރަށްރަށަށް ވަޑައިގެން އަސާސީ ހިދުމަތްތަކާ ގުޅޭގޮތުން އަނެއްކާވެސް ވެވަޑައިގަންނަވާ ވައުދުތައް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ.