މިޔަހެލި 2022 ގައި ބައިވެރިވުމުގެ ފުރުސަތު ޔުނައިޓެޑް ނޭޝަން ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން މިއަދު ހުޅުވާލައިފިއެވެ.
މިޔަހެލި އަކީ 2016 ވަނަ އަހަރުން ފެށިގެން ޔޫއެންޑީޕީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ޒުވާނުން ބާރުވެރިކުރުވައި އިޖުތިމާއީ ކަންކަމަށް ހައްލު ހޯދުމުގެ މަގުސަދުގައި ބާއްވާ އިނޮވޭޝަން ޗެލެންޖެކެވެ.
މިއަހަރުގެ މިޔަހެލި ޗެލެންޖުގެ ޝިއާރަކީ "ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ (ދުނިޔެ އަދި ފާގަތިކަމަށްޓަކައި އުފެއްދުންތެރިކަން)" އެވެ.
ޔޫއެންޑީޕީ މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮންމެ އަހަރަކުވެސް މިޔަހެލި ކާމިޔާބުކުރާ ޒުވާނުންނަށް އެފަރާތްތަކުން ހުށަހަޅާފައިވާ މަސައްކަތްތައް ހަ މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޕައިލެޓް ކުރުމަށް ސީޑް ފަންޑިން ފޯރުކޮށްދީފައިވާނެ ކަމަށެވެ. މިއަހަރުގެ މިޔަހެލި ޗެލެންޖަށް ހިޔާލު ހުށަހަޅަން ވާނީ މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރުގެ ދަށުން ކަމަށް ޔޫއެންޑީޕީން ބުންޏެވެ.
އެ ޝިއާރުގެ އަމާޒަކީ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން ބަދަލުތައް ގެންނާނެ މީހުންނާއި ތަޖުރިބާކާރުން ދުނިޔެ އަދި ތަރައްގީގެ ރޮނގުތަކުން ބަދަލުތައް ގެންނާނެފަދަ އީޖާދީ ހިޔާލުތައް އެއްތަން ކުރުން ކަމަށް ޔޫއެންޑީޕީން ބުންޏެވެ.
މިޔަހެލި ޗެލެންޖުގެ މަގުސަދަކީ ޗެލެންޖުގެ ބައިވެރިންގެ ފަރާތުން މުޖުތަމައުގައި ހަވާސާކުރެވިފައިވާ ފަރާތްތަކަށް އެއްހަމައެއްގައި ފުރުސަތުތައް ހޯދައިދީ، އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް ސައިންސަށް ބިނާކޮށް ތިމާވެއްޓާއި މުޖުތަމައަށް ދިމާވާ މައްސަލަތަކަށް ފައިދާހުރި ގޮތެއްގައި އާ ވިސްނުމެއްގައި މަސައްކަތް ކުރުން ކަމަށް ޔޫއެންޑީޕީން ބުންޏެވެ.
ކުރިން އަހަރުތަކާ ހިލާފަށް މިއަހަރުގެ މިޔަހެލި ޗެލެންޖުގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ މަދަނީ ޖަމިއްޔާތަކަށް ކަމަށް ޔޫއެންޑީޕީން ބުންޏެވެ.
އެގޮތުން މިޔަހެލި ޗެލެންޖުގައި ބައިވެރިވުމަށް 13 މަދަނީ ޖަމިއްޔާއެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށާއި ބައިވެރިވާ ޖަމިއްޔާތަކުގެ ތެރެއިން ތިން ޖަމިއްޔާއަކަށް، އެ ޖަމިއްޔާއެއްގެ އީޖާދީ ހައްލުތައް ޕައިލެޓް ކުރުމަށް ސީޑް ފަންޑީން ދޫކުރާނެ ކަމަށް ޔޫއެންޑީޕީން ބުންޏެވެ.
ޖަމިއްޔާތަކުން ހުށަހަޅާފައިވާ ތަސައްވަރު ހަ މަސް ނުވަތަ އަށް މަސް ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ޕައިލެޓްކުރުމަށް 300،000 ރުފިޔާގެ ސީޑް ފަންޑިންއެއް ލިބިގެންދާނެ ކަމަށް ޔޫއެންޑީޕީން ބުންޏެވެ.
މިއަހަރުގެ މިޔަހެލި ޗެލެންޖު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 އިން ވަނަ 20 ވަނަ ދުވަހަށެވެ. މިޔަހެލި ޗެލެންޖުގައި ބައިވެރިވުމަށް ބޭނުންވާ މަދަނީ ޖަމިއްޔާތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ވެބްސައިޓު މެދުވެރިކޮށް ފޯމް ހުށަހެޅުމަށް ޔޫއެންޑީޕީން ވަނީ އެދިފައެވެ.