މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ގައުމީ ސާފިން ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވުނު އިވެންޓާއެކު ބީއެމްއެލްއިން ޒުވާން މޮޅު ކުދިންގެ ހުނަރު ޕްރޮމޯޓް ކުރުމަށް އެމްއެސްއޭއިން ކޮންމެ އަހަރަކު ބޭއްވުމަށް ހަމަޖެހިފައިވާ ނޭޝަނަލް ޖޫނިއާ ސާފިން ޗެންޕިއަންޝިޕަށްވެސް ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދޭނެއެވެ.
ސާފިންނަކީ ރާއްޖޭގައި ބާރު ސްޕީޑުގައި ކުރިއަރަމުންދާ ކުޅިވަރަކަށްވެފައިވާ އިރު، ބައިނަލްއަގުވާމީ ގޮތުންވެސް މެޑަލްތަކަށް މަސައްކަތް ކުރެވެން އޮތް ކުޅިވަރެކެވެ. ސާފިންގެ ބޮޑެތި މުބާރާތްތައް މިހާރުވެސް ރާއްޖޭގައި ބާއްވަމުން ދެއެވެ.
ބީއެމްއެލްއާ އެކު ވެފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން އެ ކުންފުނީގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ ސާފިންގެ ކުރިމަގަށް އެހީވުމަކީ ލިބޭ ފަހުރެއް ކަމަށެވެ.
"ބީއެމްއެލް އިސްލާމިކްއާ ގުޅިގެން މޯލްޑިވްސް ސާފިން އެސޯސިއޭޝަން އަށް އެހީތެރިވުމަށް އެއްބަސްވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. ރާއްޖޭގެ ރާޅާއެޅުންތެރިންގެ ހުނަރާއި ހޯދަމުންދާ ކާމިޔާބީއަކީ އަޅުގަނޑުމެން އެންމެންނަށްވެސް ފާހަގަކޮށްލެވޭ ކަމެއް. ޕާޓްނާޝިޕްގެ ދަށުން އަޅުގަނޑުމެން އުންމީދު ކުރަނީ މިކުޅިވަރު ކުރިއެރުވުމާއި ޒުވާން އެތްލީޓުންގެ ހުވަފެން ހަގީގަތަކަށް ހެދުމުގައި އަޅުގަނޑުމެންގެ އެހީތެރިކަން ލިބިގެންދިއުން،" ނޫރައްދީން ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިހާރުވެސް ވަނީ ގައުމީ ފުޓްބޯޅަ، ސްވިމިންގެ އިތުރުން ޓެނިސް ޓީމާއެކު ވެސް ޕާޓްނާޝިޕް ގާއިމްކޮށްފައެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ސްޕޮންސާޝިޕްގައި ބޭންކް ވަކިން ބޮޑަށް އަބަދުވެސް ފާހަގަކުރެވެއެވެ.
ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން ދާދިފަހުން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން މޮޅު އެތްލީޓުންނަށް ސްޕޯޓްސް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފައެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް