އިނޮމިކް މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ނުނަގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލް 10،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މާލެ ފެހިކުރުމަށް އިފުތިތާހުކުރި "އެއްލައްކަ ގަސް" ޕްރޮގުރާމުގެ ދަށުން، އެ ކައުންސިލުން ވަނީ މި މަހުގެ އަށް ވަނަ ދުވަހު "މާލެ ފެހި"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ގަސް ވިއްކާ ފިހާރައެއް ހުޅުވައިފައެވެ.

މާލޭ ސިޓީ ކައުންސިލްގެ ސްޕޯކްސްޕާސަން މަރިޔަމް ޝިއުނާ (ނަންނަ) މިއަދު "ވަން" އަށް ވިދާޅުވީ، އެތަން ހިންގަނީ ވިޔަފާރި ކުރުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގާ ކަމަށް ބުނެ އިކޮނޮމިކް މިނިސްޓްރީން އިއްޔެ މާލޭ ސިޓީ ކައުންސިލަށް ޖޫރިމަނާ ޗިޓް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް އެތަން ހިންގަނީ ވިޔަފާރިކުރުމަށް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ފޯރުކޮށް ދޭ ހިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ކައުންސިލުން ހުޅުވި ގަސް ވިއްކާ ފިހާރައިގެ ސަބަބުން ގަސްވިއްކާ ވިޔަފާރިތަކަށް ގެއްލުންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.