ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ވިއްކާ ޓްރެޝަރީ ބޮންޑާއި ޓީބިލުތަކަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ 63.5 ބިލިއަން ރުފިޔާ އަށްވުރެ އިތުރު ކަމަށް ފިނޭންސް މިނިސްޓްރީން އިން ހާމަކޮށްފިއެވެ.

މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ 37 ބިލިއަން ރުފިޔާގެ ބަޖެޓުގައިވާ ގޮތުގައި، ބަޖެޓް ޑެފިސިޓް ފޫބެއްދުމަށާއި ހަރަދުތައް ހަމަޖެއްސުމަށް މިއަހަރު 13 ބިލިއަން ރުފިޔާ ސަރުކާރުން ދަރަންޏަށް ނަގަން ޖެހެއެވެ.

އެ ފައިސާ ހޯދުމަށްޓަކައި އެކިފަރާތްތަކުން ނަގާ ލޯނުގެ އިތުރަށް މިއަހަރު ތެރޭގައި ރާއްޖޭގެ އެކި ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ އަދި ބޭރުގެ ފަރާތްތަކުން 7.5 ބިލިއަން ރުފިޔާ ސަރުކާރުން ދަރަންޏަށް ނަގާނެއެވެ. މި ދަރަނި ނަގަނީ ޓީބިލް، ބޮންޑު ނުވަތަ ސުކޫކް ވިއްކައިގެންނެވެ. އެގޮތުން އެފައިސާ ހޯދުމަށް ފިނޭންސް މިިނިސްޓްރީން ކޮންމެ މަހަކު ދެ ފަހަރެއްގެ މަތިން ޓީބިލް ވިއްކައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ފާއިތުވި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސަރުކާރުން ވިއްކައި އަދި ފައިސާ ދައްކާފައި ނުވާ ޓީބިލުގެ ޖުމްލަ 33 ބިލިއަނަށް އަރައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެތެރޭގެ މާކެޓަށް ދައްކަންޖެހޭ 29 ބިލިއަން ރުފިޔާ އާއި ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ 4.2 ބިލިއަން ރުފިޔާގެ ޓީބިލް ހިމެނެއެވެ.

އޭގެ އިތުރުން ސަރުކާރުން ވިއްކާފައިވާ ބޮންޑުތަކުގެ ތެރެއިން އެތެރޭގެ މާކެޓަށް ދައްކަންޖެހޭ 15.7 ބިލިއަން ރުފިޔާ އާއި ބޭރުގެ މާކެޓަށް ދައްކަންޖެހޭ 3.8 ބިލިއަން ރުފިޔާ ހިމެނެއެވެ.

ސަރުކާރުގެ މި ދަރަނިތަކުގެ ޖުމުލަ 63.5 ބިލިއަން ރުފިޔާއަށް އަރާއިރު، އެތެރޭގެ މާކެޓަށް ޖުމްލަ 54 ބިލިއަން ރުފިޔާ ދައްކަންޖެހެއެވެ. އެގޮތުން ޓީބިލުތަކަށް އެއްމަސްތެރޭ ދައްކަންޖެހޭ 2.2 ބިލިއަން ރުފިޔާ އާއި ތިން މަސްތެރޭ ދައްކަންޖެހޭ 3.2 ބިލިއަން ރުފިޔާ އާއި ހަ މަސް ތެރޭ ދައްކަންޖެހޭ 4.3 ބިލިއަން ރުފިޔާ އަދި އެއް އަހަރު ތެރޭ ދައްކަންޖެހޭ 24.8 ބިލިއަން ރުފިޔާ ހިމެނެއެވެ.

ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވިއްކާފައިވާ ބޮންޑާއި ސުކޫކަށް ދައްކަންޖެހޭ އަދަދު 9.2 ބިލިއަން ރުފިޔާއަށް އަރާއިރު، އެ ދަރަނި އަދާކުރަން ޖެހެނީ ތިން އަހަރާއި ފަސް އަހަރާއި ދޭތެރޭގެ މުއްދަތެއްގައެވެ.