ގަލޮޅު ދަނޑު ހެދުމުގެ 25 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭވަރުވާނެ ކަމަށް މިނިސްޓާ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަނޑީތީމު ދާއިރާގެ މެންބަރު އަބުދުﷲ ޝަހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ގަލޮޅު ދަނޑު ތަޅާލައި އެތަނުގައި އާ ދަނޑެއް ހެދުމުގެ ޕްރޮޖެކްޓް ފެށުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތް ކަމަށެވެ. ނަމަވެސް ދަނޑު ތަޅާލާނީ ހުޅުމާލޭގައި ހުންނަ ޓްރެކް ދަނޑު ތަރައްގީކޮށް އެތަނުގައި މެޗުތައް ކުޅެވޭނެ ގޮތަށް ސެޓަޕް ހެދުމަށްފަހުގައި ކަމަށް ވިދާޅުވިއެވެ.
މަހުލޫފު އިތުރަށް ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ކުރިއަށްގެންދާ މި ޕްރޮޖެކްޓަށް 25 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށާއި އުއްމީދަކީ މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ދަނޑުގެ މަސައްކަތް ފެށުން ކަމަށެވެ.