ޚަބަރު

ޓީޖީއެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބި!

އިބްރާހިމް ޒަކީ

ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، (ޓީޖީއެސްޓީ) އާއި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ބިލިޔަނަކަށްވުރެން ގިނަ ރުފިޔާ ނުލިބި އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ލިޔުމުން ޖަވާބު ހޯއްދެވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލާ ގުޅިގެންނެވެ.

މެންބަރު އިބްރާހިމް ރަޝީދު މިނިސްޓަރާ ސުވާލު ކުރެއްވީ، ދައުލަތުގެ އާމްދަނީގެ ގޮތުގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ތައާރަފުކުރި ތާރީހުތަކުން ފެށިގެން 2021 ގެ ނިޔަލަށް، ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައިވާ ޖުމުލަ އަދަދު ވަކި ރަށްރަށާއި އަތޮޅުތައް ސާފުވާގޮތަށް ސާފުކޮށްދެއްވުމާއި، އަދި މި ފައިސާ ހޭދަކޮށްފައި ވަނީ ކޮންކޮން ކަންކަމަކަށްތޯ، ނުވަތަ މަޝްރޫއުތަކަކަށްތޯ އަދި މިހާތަނަށް ނުލިބި ހުރި ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ޖުމްލަ ފައިސާގެ އަދަދަކީ ކޮބައިތޯ ސާފު ކުރެއްވުމަށެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވެފައި ވަނީ، ދައުލަތަށް ލިބެން ޖެހޭ ޓީޖީއެސްޓީގެ ތެރެއިން 31 އޯގަސްޓް 2022 ގެ ނިޔަލަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން، 632 މިލިޔަނަށްވުރެ ގިނަ ރުފިޔާ ނުލިބިވާ ކަމަށެވެ. ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 240.3 މިލިޔަން ރުފިޔާއާއެކު ޖުމުލަ 872.4 މިލިޔަން ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި 85.4 މިލިޔަން ރުފިޔާ ނުލިބި އެބައޮތް ކަމަށާއި، ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ 42.9 މިލިޔަން ރުފިޔާއާއެކު ޖުމުލަ 128.4 މިލިޔަން ރުފިޔާ ދައުލަތަށް ނުލިބި އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ 2019 ވަނަ އަހަރުން ފެށިގެން ޖަމާކުރަނީ ގްރީން ފަންޑަށް ކަމަށެވެ. މި ފަންޑަށް ޖަމާ ކުރާ ފައިސާގެ ތަފުސީލާއި، ކުރާ ހަރަދުތަކުގެ ތަފްސީލު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި މަހަކު އެއްފަހަރު ޝާއިއު ކުރަމުން އަންނަ ކަމަށެވެ. ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ޖަމާވަނީ ޕަބްލިކް ބޭންކު އެކައުންޓަށް ކަމަށްވުމާއެކު އެ ފައިސާ ހަރަދު ކުރަމުން އަންނަނީ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ހަރަދުތައް ކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ވަކި ވަކި ޓެކްސް ދައްކާ ފަރާތްތަކުގެ މައުލޫމާތަކީ މީރާއިން ބަލަހައްޓަމުން ގެންދާ މައުލޫމާތު ކަމަށްވާތީ، ޓެކުހުން ދައުލަތަށް ލިބިފައިވާ އާމްދަނީ އަތޮޅާއި ރަށް ވަކިން އެނގޭގޮތަށް އެ މައުލޫމާތުވެސް މިނިސްޓަރު ވަނީ މެންބަރާ ހިއްސާ ކުރައްވައިފައެވެ.