Close
ލައިފް ސްޓައިލް

ލޭމައްޗަށް ދިޔަސް ކަސްރަތު ކުރެވޭނެ

މަރިޔަމް ޝަފާ އިބްރާހިމް

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާއާއި އެކުގައި މުހިންމު އަނެއްކަމަކީ ކަސްރަތުކުރުމެވެ. އެކިިއެކި ދަރަޖަތަކާއި އެކި ކަހަލަ ކަސްރަތުތައް، ތަފާތު ފަންތީގެ މީހުންނަށް ތަފާތު ފެންވަރުގެ ކަސްރަތުތައް ހަމަޖެހިފައިވެއެވެ. މިއީ ހަމައެކަނި ގަދަވެ ސަލާމަތުން ތިބޭ އުފާވެރި މީހުން ކުރާން ޖެހޭ ކަމެއް ނޫނެވެ. ބަލިވެ، ނުތެދުވެވި، ހިނގައިބިނގާވެ ނޫޅެވޭ މީހާއަށްވެސް އޭނާއާ އެކަށީގެންވާ ކޮންމެވެސް ހަރަކާތްތަކެއް ކޮށްލެވޭނެއެވެ. ކަސްރަތުގެ ބޭނުމަކީ ހަށިގަނޑުގައި އުފެދޭ ބޭކާރު ބައިތައް މަސްތަކުން ނައްތާލައި ދުޅަހެޔޮ ގަދަފަދަ ސިއްހަތެއް ލިބިގަތުމެވެ. ބައެއް މީހުން ރީތި ހަށިގަނޑެއް ބިނާ ކުރަނީވެސް ކަސްރަތުގެ ފަރުމާކުރުންތަކުގެ ތެރެއިންނެވެ.

ފަހަކަށް އައިސް އާންމުކޮށް އިވޭ ވާހަކަތަކެކެވެ. ހާސްވެފައި ކުރެވޭ ސުވާލުތަކެކެވެ. ފާޑެއްގެ ޝަކުވާއެއްވެސްމެއެވެ. ބްލަޑް ޕްރެޝަރު ހައި ނުވަތަ ލޭމައްޗަށް ދާމީހުންނަށްވެސް ކަސްރަތު ކުރެވޭނެހެއްޔެވެ. އެއީ ރައްކާތެރި ކަމެއް ހެއްޔެވެ.

ޖަވާބަކީ، ކަސްރަތަކީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ހާލަތު ދެނެގަތުމަށްފަހު ކުރެވޭނެ ކަމެކޭއެވެ. އެހެންކަމުން ލޭމައްޗަށް ދާ މީހަކަށްވެސް ކަސްރަތު ކުރެވިދާނެއެވެ. ވިސްނަން ޖެހޭ، ދެނެގަންނަން ޖެހޭ ކަންތައްތަކެއް ހިމެނޭކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ވާނެއެވެ. ކަސްރަތު ކުރަން ބޭނުންވާނަމަ ފުރަތަމަ މިފަދަ ކަންތައްތައް ހޯދައިބަލައި ދެނެގަތުން މުހިންމެވެ.

ލޭމައްޗަށް ދިއުމުގެ ސަބަބުން ބައެއް ފަހަރަށް އެހެން ގުނަވަންތަކަށް ގެއްލުން ލިބެއެވެ. އޭގެ ތެރޭގައި ސިކުނޑިއަށް ގެއްލުން ލިބުން، ސިކުނޑީގެ ލޭނާރުތަކަށް މައްސަލަ ދިމާވުން، ލޮލުގެ ލޭނާރުތަކަށް މައްސަލަ ދިމާވުން، ހިތުގެ ލޭނާރުތަކަށް މައްސަލަ ދިމާވުން ފަދަ ކަންކަން ހިމެނެއެވެ. ތިމާއަކީ ސިއްހީ މައްސަލަތަކެއް ހުންނަ މީހެއް ނަމަ، އަދި ކަސްރަތާ މެދު ސުވާލެއް އުފެދޭ ނަމަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން އެއީ ކަސްރަތުގެ ކުރީން ކުރާން ޖެހޭ ފުރަތަމަ ކަންތަކެވެ.

ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވި ގޮތުގައި މަތީގައި ބަޔާންކުރި ފަދަ ގުނަވަނަކަށް ގެއްލުން ލިބިފައި ހުރިކަމުގެ އަލާމާތްތަކުގެ ތެރޭގައި، ބޮލުގައި ރިއްސުން، ނޭވާލާން އުނދަގޫވުން، ފައި ދުޅަވުން ކަހަލަ ކަމެއް ފާހަގަ ވާނަމަ ޑޮކްޓަރެއްގެ އިރުޝާދާ ނުލައި ކަސްރަތު ކުރުން ރަނގަޅެއް ނޫނެވެ. އެހެންނަމަވެސް ޓެސްޓުތައް ހަދާއިރު މިފަދަ ކަމެއް ނެތްކަމުގައިވާނަމަ، ޕްރެޝަރު އެއްކޮށް ކޮންޓްރޯލް ނުވިޔަސް ކަސްރަތު ކުރެވިދާނެއެވެ. މިގޮތަށް ކަސްރަތު ކުރުމުގެ ތެރޭގައި ބަރު އެއްޗެހި އުފުލިކަމުގައި ވިޔަސް ނުވަތަ ވެއިޓް ޓްރެއިނިން ކުރިޔަސް ޕްރެޝަރު މައްޗަށް ދާ ކަމަކަށް ދިރާސާތަކުން ފާހަގަވެފައެއް ނުވެއެވެ. ނުވަތަ އޭގެ ސަބަބުން އިތުރު އެހެން ގެއްލުމެއްވެސް ލިބޭ ކަމަކަށް ދިރާސާތަކުން ނުދައްކާ ކަމަށް ޑޮކްޓަރު މުހައްމަދު އަލީ ފާހަގަކުރެއްވިއެވެ.

ލޭމައްޗަށް ދާތީ، ކަސްރަތާ ކައިރިވާން ޖެހިލުންވާ ފަރާތްތަކަށް ޑޮކްޓަރު ދެއްވާފައިއެވަނީ އުފާވެރި ހަބަރެކެވެ. ހަމަޔަގީނުންވެސް، ޕްރެޝަރު ހުންނަ މީހަކަށްވެސް ވަރަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރެވިދާނެއެވެ. އެހެންނަމަވެސް ތިމަންނާއަކީ މިވެނި ކަހަލަ މީހެއްކަން ހަނދާނުގައި ބަހައްޓައިގެން، ކަސްރަތު ކުރުމަށް ފެށުމުގެ ކުރިން ކުރަން ޖެހޭ މި ހާއްސަ ކަންކަމަށް ސަމާލުކަންދީ ލިބިފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިސްކަން ދޭންވާނެއެވެ.