"ވިލީގެ ކޮންމެ ތަނަކަށް ދިޔަސް ފަހަތުގަ އަހަރެން ހުންނާނެ" ޓެކްސީ އާ ދިމާލަށް ވިލިނީ ހިނގައިގަތް ހިނދު ލައިދު ބުނެލި އަޑު އިވުނެވެ.
ވިލިނީ ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. ލައިދު ބުނިހެން އޭނާ އެހެރީ ވިލިނީގެ ފަހަތުގައެވެ. ދުރުކުރަން އުޅެއުޅެވެސް ލައިދު ދުރަށް ނުދިޔައެވެ. ވިލިނީގެ ލޮލުން ވެއްޓުނީ ކަރުނަތިއްކެކެވެ.
******
ނަހީކްގެ ކޯލެއް ރިންދާއަށް ލިބުނީ ކޮޓަރީގައި ތައްޔާރުވާން ހުއްޓައެވެ. އަޔާލްއާ އެކު ލޫކް އާ ބައްދަލުކުރަންދާން ރިންދާ ހުރީ ބޭނުންވެފައެވެ. ނަހީކް ގުޅާނަމޭ ބުނެފައި އޮތުމުން ރިންދާ އެވަގުތަށް އިންތިޒާރު ކުރިއެވެ. ރޭގަނޑު އަޔާލްއާ އެކު ރިންދާއަށް ބޭރުގައި އުޅެވޭނީ ނަހީކް އުޅޭތަނެއް ބަލައިފައެވެ. އެހެންކަމުން ނަހީކްގެ އެންމެ ކޯލަކާ އެކު ރިންދާ ފޯނު ނަގައިފިއެވެ.
"މިރޭ ހިއެއްނުވޭ ރިދާ ކައިރިއަށް ދެވޭނެހެނެއް. ކޮންކަމެއް އޮތީ" ނަހީކް ބުންޏެވެ. ރިންދާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"އެހެންވިއްޔާ އޮފީސް ކުއްޖަކާ އެކު ޝޮޕިންއަށް މިނުކުތީ" ރިންދާ ބުންޏެވެ. ރިންދާއަށް ވަރަށް ފަސޭހައިން ނަހީކްގެ ރުހުން ލިބުނެވެ.
"މާދަމާ ރިދާ ވާނެ އިނގޭ އަހަރެންގެ ބެސްޓްފްރެންޑާ މީޓްކުރަން. އަހަރެން ކައިރީގައި ބުނެވެސްނުލާ މާލެ އައިސްފި. މިދަނީ އޭނަ ބަލާ އެއާޕޯޓަށް" ނަހީކް ބުންޏެވެ.
ނަހީކްގެ އެ ޖުމްލައިގައި ރިންދާ އަޅައިގަތެވެ. ރާއްޖެއިން ބޭރުގައި ހުރި ނަހީކްގެ ކޮން އެކުވެރިއެއް ހެއްޔެވެ؟ އެ ނުބައި އަމަލު ހިންގަން އެއްބައިވި އެކުވެރިޔާ ހެއްޔެވެ؟ ރަންނިގެ ގާތިލު ހެއްޔެވެ؟ ފޮޓޯއިން ފެނުނު މީހާ ހެއްޔެވެ؟ އަހަންވީ ހެއްޔެވެ؟ އެއްފަހަރާ އެތައް ސުވާލެއް ރިންދާގެ ސިކުނޑި ތެރޭގައި ހިނގައިގަތެވެ.
އެންމެފަހުން ނަހީކް ފޯނު ބޭއްވި އިރުވެސް ރިންދާއަށް އެ ސުވާލުތަކުގެ ޖަވާބު ނުލިބުނެވެ.
*****
ގޭދޮރުމައްޗަށް ހުއްޓާލި ކާރަށް ރިންދާ އެރިއެވެ. ޑްރައިވަރާ ޖެހިގެން އިނީ ބަރަކްއެވެ. ފަހަތުގައި އިން އަޔާލް ރިންދާއަށް ބަލައިލިއެވެ. ރިންދާގެ މޫނުމަތިން ކަމެއްވެފަ އިންހެން އަޔާލްއަށް ހީވިއެވެ. ކާރުތެރޭގައި ހުރިހާ ވާހަކައެއް ނުދެއްކޭނެތީ ރިންދާ އިނީ ހިމޭނުންނެވެ.
"މިދަނީ ހުޅުމާލެއަށް އިނގޭ. ލޫކް ސަރ ބުނީ ގެއިން ބައްދަލުކުރާށޭ" ބަރަކް ބުންޏެވެ.
ބްރިޖު މަތިން ކާރު ދިޔައިރު އެއްވެސް މީހަކު އަނގައިން ނުބުނެއެވެ. ގުރޫޕުގައި ލައިދު ބައިވެރިނުވާކަން ރިންދާއަށް ފަހުމުވީ މާފަހުންނެވެ.
"ކޮބާ އިދޫ؟ އެގޭ ކައިރިއަށް ދާނެތަ؟" ރިންދާ އެހިއެވެ.
"ނޭނގެނީތަ؟ އިދޫ ވިލީ ފަހަތުން ދިޔައެއްނު" އަޔާލް ބުންޏެވެ. ރިންދާއަށް އަޔާލްގެ މޫނަށް ބަލައިލެވުނެވެ.
"ވިލީ އެކަހަލަ ހަބަރެއްނުދޭ" ރިންދާ ބުންޏެވެ.
********
ފާހާނާއިން ނުކުމެގެން އައިސް ލޯގަނޑު ކައިރީގައި ހުއްޓުނު ޖިލްވާ ސިހުނީ ކޮޓަރީގެ ދޮރުހުޅުވުނު އަޑަށެވެ. ބަލައިލި އިރު ރޫބިޔާ ދޮރުން އެތެރެއަށް ވަދެއްޖެއެވެ. އެހެންފަހަރުތަކާ ހިލާފަށް ރޫބިޔާ ހަމަޖެހިފައި ހުރިތަން ފެނުމުން ޖިލްވާ ހައިރާންވިއެވެ.
"ބަރަކް އަދިވެސް ނާދޭތަ؟" ރޫބިޔާ އެހިއެވެ. ޖިލްވާ ބޯޖަހާލިއެވެ. އިރުކޮޅަކުން ކަމަކުތޯ އެހިއެވެ.
"ޑިޔުޓީއަށްތަ ދިޔައީ" ރޫބިޔާ އެހިއެވެ.
"ނޫން. ބައްދަލުވުމަކަށޭ ބުނީ. ލަހުންނޭ ގެއަށް އާދެވޭނީ. މަންމަ ކަމަކުތަ؟" ޖިލްވާ އެހިއެވެ.
"އުނހު. ވިއްސާރަވާން އުޅޭހެން ހީވަނީ. ކަލޭ ނިދަން އޮށޯވޭ" ރޫބިޔާ ބުންޏެވެ.
ޖިލްވާއަށް ލިބުނީ ހައިރާންކަމެކެވެ. ގަޑިން އަދި ދިހައެއް ނުޖަހާއިރު ރޫބިޔާ ޖިލްވާ ނިންދަވަން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ވިއްސާރަޔަސް ޖިލްވާ ހުރީ ފުރާޅެއްގެ ދަށުގައެވެ.
"ކިހިނެއްވީ ބަލަހައްޓައިގެން ތިހުންނަނީ. ބަރަކް ނެތްއިރު ދެން ކޮންމެހެން ހޭލާ އުޅުމުގެ ބޭނުމެއްނެތެއްނު. އަހަރެންވެސް މިވަންނަނީ ނިދަން" ރޫބިޔާ ބުންޏެވެ.
ޖިލްވާ އައިސް އެނދުގައި އިށީނެވެ. ރޫބިޔާއާ މެދު ޝައްކުގެ އޮއިވަރެއް ޖިލްވާގެ ހިތުގައި ހިނގާލިއެވެ. އެންމެ ފުރަތަމަ އެހީ ބަރަކްގެ ވާހަކައެވެ. ބަރަކް ހުރީ ޑިޔުޓީގަތޯ ޔަގީންކުރިއެވެ. ބަރަކް ގެއަށް އަންނާނެ އިރެއް ބެލިއެވެ. ވިއްސާރަ ބަހަނާއަކަށް ހަދާފައި ޖިލްވާއަށް ނިދަން އެރުމަށް އަމުރުކުރިއެވެ. ކޮންމެސް ނުބައެއް އެބައުޅެއެވެ. އެހެންނޫނީ އެހާވަރުން ޖިލްވާ ނިންދަވަން އުޅުމުގެ ބޭނުމެއްނެތެވެ. ޖިލްވާ ނިންމީ ރޫބިޔާގެ ބޯކޮޅު ބެލުމަށެވެ. ރޫބިޔާ ކުރަންއުޅޭ ކަމެއް ކޮންމެހެންވެސް ހޯދާށެވެ.
*******
ކައި ނިމިގެންވެސް ލައިދު މޭޒުކައިރިން ދުރަށް ނުދެއެވެ. ކުރިމަތީގައި ހުރި ގޮނޑީގައި ވިލިނީ އިނެވެ. ތަށިތައް ނަގަން ފަހުން އަންނަން އާތިފާ ވަނީ ގޭތެރެއަށެވެ. ލައިދުގެ ބޭނުމަކީ ކޮބައިކަން ވަރަށް ރަނގަޅަށް އާތިފާއަށް ވިސްނިއްޖެއެވެ. ވިލިނީ އާ މެދު އެ ޒުވާނާގެ ހިތުގައި އެއްވެސް އިހުސާސެއް ނުވާނަމަ ވިލިނީގެ ފަހަތުން މިރަށަށް އައުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އާތިފާއަށް އަދި ހަމަޖެހިގެން ލައިދު އާ ވާހަކަދައްކާ ނުލެވެއެވެ. ކޮންމެސް އިރަކުން ވިލިނީ އާތިފާ އާ ވާހަކަދައްކާނެކަން ޔަގީންވާތީ އާތިފާ އަދި ހުރީ ހިމޭނުންނެވެ.
"ލައިދުގެ ކޮޓަރި އެހުރީ ތައްޔާރުކޮށްފަ" ވިލިނީ ބުންޏެވެ.
"އަހަރެންނަށް މިގެއިން ފެންނަނީ އެންމެ ކޮޓަރިއެއް. އެކޮޓަރީގަ އަހަރެން އޮތީމަ ދެން ވިލީ އާއި ވިލީގެ މަންމަ ނިދަނީ ކޮންތާކު؟" ލައިދު އެހިއެވެ.
"އެކަމާ ލައިދު ނުވިސްނާ. މިގެއާ ޖެހިގެން މިހުރީ މަންމަގެ އެކުވެރި މުނީރާއްތަގެ ގެ. އަހަރެންނާއި މަންމަ އެގެއަށް ހިނގައިދާނަން" ވިލިނީ ބުންޏެވެ.
ލައިދު ދެރަވިއެވެ. ވިލިނީ އޭނާ އާ ދުރަށްދާން އެހާ މަސައްކަތްކުރާއިރުވެސް އޭނާއަށް ހައްތަހާ ވިލިނީއަށް އުނދަގޫ ކުރެވެނީއެވެ. އެންމެފަހުން އޭނާގެ ސަބަބުން ދެމައިން ގެއިންވެސް ބޭރުކުރެވޭ ކަހަލަ އިހުސާސެއް ލައިދުއަށް ކުރެވުނެވެ. އަނެއްކާވެސް އޭނާއަށް ވިލިނީގެ ކިބައިން މައާފަށްއެދެވުނެވެ.
"ޕްލީޒް ހިނގާ އަހަރެންނާއެކު މާލެދާން" ލައިދު ބުންޏެވެ.
"ލައިދު މޮޔަތަ؟ އަހަރެން ކިހިނެއް ލައިދު އާ އެކު ދާނީ. މަންމަ އަހަރެން ނުފޮނުވާނެ. އެހެންނޫނަސް އަހަރެން ހިލޭ ފިރިހެނަކާ އެކު އެއް ގެއެއްގަ" ވިލިނީ ބުންޏެވެ.
ލައިދު އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ. ކޮންމެގޮތެއްވިޔަސް ލައިދު އިނީ އެހާ ފަސޭހައިން ދޫދޭގޮތަކަށް ނޫނެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އޭނާއަށް ދަސްވެފައި ވަނީ އެއްވެސް ކަމަކީ ނުވާނެ ކަމެއްކަމަށް ބަލާފައި އެކަމުން އަތްދޫކޮށްލާކަށް ނޫނެވެ. ހަޔާތުން ހަމައެކަނި ލޯތްބެއްވެވުނު އަންހެންކުއްޖާ އަތްދަށުން ބީވާކަށް އޭނާ ދޫކޮށްނުލާނެއެވެ.
ބޭރުގޯތީގައި ފޯނެއްގައި ހުރެފައި ލައިދު އެތެރެއަށް ވަނެވެ. އޭރު ރިހަ ތެއްޔަށް ހޫނުކުރަން ތެޔޮ އުނދުން ކައިރީގައި ވިލިނީ ހުއްޓެވެ.
"އަހަރެން ވިލީގެ މަންމަ އާ ވާހަކަދައްކާލަން ބޭނުން" ލައިދު ބުންޏެވެ. ވިލިނީއަށް ޖަވާބެއްނުދެވުނީ ލައިދުގެ ފަހަތުގައި ހުރި އާތިފާ ފެނިފައެވެ. ލައިދު ފަހަތް ބަލައިލާފައި އާތިފާ އެތެރެއަށް ވަންނަން ތަންދެއްކިއެވެ.
********
ދުވަސްތަކަކަށްފަހު ޒަކްވާނަށް ރާއްޖެ އާދެވުމުން ކުރެވުނީ އެހެންކަހަލަ އިހުސާސެކެވެ. ފްލައިޓުން ފައިބައިގެން މަޑުކޮށްލައިގެން ހުރީ ޝަލްބިޔާ އަރާ ހަމަކުރަންދެނެވެ. ޝަލްބިޔާގެ އެދަތުރަކީ ނަހީކަށް އެނގިގެން އައި ދަތުރެއް ނޫނެވެ. ނަހީކްގެ ކައިވެނި ކުރެވޭއިރު ޝަލްބިޔާ ބޭނުންވަނީ ނަހީކްގެ ގާތުގައި ހުންނާށެވެ. އެއީ އޭނާގެ އެތައް ދުވަހެއްގެ އުންމީދެވެ.
"ނާކު އައިސްހުރީ. ޝަލައްތަ ފެނުނީމަ ސަޕްރައިޒްވާނެ ދޯ" ގޭޓާ ދިމާލަށް ހިނގަމުން އައި ޒަކްވާން ބުންޏެވެ.
ޝަލްބިޔާ ހީލިއެވެ. ބަދަލުވެފައިވާ ހުޅުލޭގެ އެކި ދިމާލަށް ބަލަމުން ޝަލްބިޔާ އައެވެ. ހީވީ ހަޔާތުގައިވެސް ދުވަހަކުވެސް ދަތުރުކޮށްފައި ނުވާ މަންޒިލަކަށް ތިރިކޮށްލެވުނު ހެންނެވެ.
"ކީއްވެތަ އަހަރެންނަށް އަންހެންކުދިން އެބަލަނީ" ފޮނިގޮތަކަށް ޒަކްވާން ބުންޏެވެ. ޝަލްބިޔާއަށް ހެވުނެވެ. ޒަކްވާންގެ އަތްމަތީގައި މަޑުމަޑުން ޝަލްބިޔާ ޖަހާލިއެވެ.
"އެމީހުން އެބަލަނީ ކޮންމެހެން ޒަކްވާން ރީތިވެގެނެއް ނޫނޭ. އާދަޔާހިލާފު އިންސާނެއް ފެނުނީމަ. އާނ އެހެން ބުނާނެއްނު. ދެކަންފަތުން ފެށިގެން ގޮސް އަތުގެ އިނގިލިތަކާ ހަމައަށް ހަންގަނޑެއް ނުފެނޭ ވިއްޔާ. ފާޑުފާޑުގެ ޓެޓޫ ޖަހައިގެން މުޅިތަނުގަ ހިނގަންޏާ އަންހެންކުދިން އެކަންޏެއް ނޫން ފިރިހެނުންވެސް ބަލާނެ" ޝަލްބިޔާ ބުންޏެވެ.
ޒަކްވާން ހިނިގަނޑެއް ޖަހާލިއެވެ. ލަގެޖް އަންނަންދެން މަޑުކޮށްގެން ހުރިއިރު ޒަކްވާން ހުރީ ޝަލްބިޔާގެ ކޮނޑަށް އަތް އެއްލައިގެންނެވެ. އެހެން ހުރިއިރު އަންހެންކުދިންނަށް ވުރެ ބޮޑަށް އޭނާއަށް ބެލެނީ ގެސްޓު ފިރިހެނުންނަށެވެ.
**********
ރަނގަބީލުވާން ފެށުމުން ދޮރު ހުޅުވީ ލޫކްގެ އަނބިމީހާ އަލްޔާއެވެ. ބޭރުގައި ތިބި ކުދިންތައް ފެނުމުން އަލްޔާ ހަދިޔާކުރީ ހިނިތުންވުމެކެވެ. ބަޔަކު އަންނާނެ ވާހަކަ ލޫކް އޮތީ ކުރިން ބުނެފައެވެ. އެއީ ކޮންބޭނުމަކު އައި ކުދިންތަކެއްކަން އަލްޔާއަށް އެނގުނީ އެހެންވެއެވެ. ގޭތެރެއަށް ހުރިހާ ކުދިން ވައްދާފައި އިށީންނާނެ ތަން ދެއްކިއެވެ. ދެން އަލްޔާ ގޮސް ވަނީ ކޮޓަރިއަށެވެ. އޭރު ލޫކް ފާހާނައިން ނުކުމެއްޖެއެވެ.
ޖާގަ ތަނަވަސް ބޮޑުކޮޓަރިއަށް ރިންދާ ބަލަމުން ދިޔައެވެ. ބޮޑުކޮޓަރީގެ އެއްބައި ހީވަނީ ކުޑަކުދިންގެ ޕާކެއްހެންނެވެ. އެގެއަކީ ކުޑަކުދިންތަކެއް އުޅޭ ގެއެއްކަން ރިންދާއަށް ޔަގީންވިއެވެ. ދިމާލަށް ހުރި ފާރުގައި ހުރި ބޮޑު ފޮޓޯ ލޯގަނޑު ރިންދާގެ ލޮލުގައި އަޅައިގަތެވެ. އެއީ އާއިލާއެއްގެ ފޮޓޯއެވެ. ދޮރުހުޅުވި އަންހެންކުއްޖާ ޔަގީނުންވެސް އެފޮޓޯގައި އެބަހުއްޓެވެ. ބަލާބެލުމަށް އުފާވެރި އާއިލާއެކެވެ.
"މިގޭތެރެއިން ހާދަ މީހަކު ނުފެނެއޭ" ރިންދާ ބުންޏެވެ.
"ލޫކް ސަރ ގެ އާއިލާ އެހެން ގެއެއްގަ އުޅެނީ. މަށަށް އިނގިގެން މިގޭގަ އުޅެނީ ލޫކްސަރ ގެ ދެމަފިރިންނާ ދެދަރިން. ރޯދަވިއްލުމަކަށް އައިމޭ މިއަހަރު" ބަރަކް ވާހަކަދެއްކިއެވެ.
*******
"ލައި މަށަށް ކޯޗެއް ދިނީ ހަވީރު. މިހާރު ދެފަހަރު ފާހާނައަށް ދެވިއްޖެ" ފާހާނައިން ނުކުތް ލޫކް ބުންޏެވެ.
"ދިން އެއްޗެއް ނުކަމެއްނު. ކަޅު ކޮފީ ބުއީ. ތިވާނީ ބޭރުން ކެވުނު އެއްޗެއްގެ ސަބަބުން ކަމަށް" އަލްޔާ ބުންޏެވެ.
ލޯގަނޑު ކުރިމަތީގައި ހުރެ ކުޑަކޮށް ލޫކް ތައްޔާރުވެލިއެވެ. ދެން އައިސް އަލްޔާގެ ކޮލުގައި މަޑުމަޑުން ހިފާލިއެވެ.
"އެކުދިން އައިސް އެބަތިބި" އަލްޔާ ބުންޏެވެ.
"އެހެންތަ. މިދަނީ އަހަރެން. ތިއަންނަނީ ދޯ ކޮފީ ހަދަން" ލޫކް ބުންޏެވެ.
"މިދަނީ މުލްކު ނިދިތޯ ޔަގީންކޮށްލާފަ އިނގޭ" އަލްޔާ ބުންޏެވެ.
ލޫކް ނުކުތުމާ އެކު ބަރަކް ކޮޅަށް ތެދުވެ ލޫކަށް ސަލާންގޮވިއެވެ. ބަރަކް އާ ސަލާންކޮށްފައި ހިނިތުންވެފައި ވަކިން ހުރި ސޯފާގައި ލޫކް އިށީނެވެ. އެންމެން ސަލާންކޮށް ހާލުއަހުވާލު އޮޅުންފިލުވާފައި ލޫކް އެދުނީ ބައްދަލުކުރާ ކޮޓަރިއަށް ދާށެވެ.
މާގިނައިރެއް ނުވެ ހުރިހާ މީހުންނަށް ކޮފީ ހިފައިގެން އަލްޔާ އައެވެ. ލޫކް އެންމެންނަށް އަލްޔާ ތައާރަފުކޮށްދިނެވެ. އެތަނުގައި ކޮންމެހެން މަޑުކުރުމުގެ ބޭނުމެއްނެތްކަން އެނގުމުން އަލްޔާ ނުކުތީ ބޭރަށެވެ. ދޮށީ ދަރިފުޅު މުލްކު ނިދިޔަސް ހަގު ދަރިފުޅު ލިކީ ނުނިދާނެކަން އަލްޔާއަށް އެނގެއެވެ. މަންމަ ނޫނީ ބައްޕަ އަބަދުވެސް ލިކީ ނިދާ ގަޑިއަށް ބޭނުންވާނެއެވެ.
"ބަރަކް ކޮންމެސް ވަރަކަށް ކިޔައިދީފަ އޮތީ. އެއީކީ އެހާ އުނދަގުކަމެއް ނޫން. މާދަމާ ފަށަންވާނެ. އެންމެ ފުރަތަމަ ކަމަކީ އެފިރިހެނާ އާ ސުވާލުކުރަން ފުލުސް އޮފީހަށް ގެނައުން. ކުރީގެ ބަޔާންތަކާއި ހުރިހާ ލިޔުންތަކެއް މިއަދު އަހަރެން ބަލައިލިން. ނަހީކާ ސުވާލުކޮށްފައެއް ނެތް. އެކަމަކު ދެތިންފަހަރު އަޔާލް އާ ސުވާލުކޮށްފަ އެބައިން. އަހަރެންނަށް ފާހަގަކުރެވުނީ އެ އޮފީހުގަ މަސައްކަތްކުރާ ރޫބިޔާ ކިޔާ މަސައްކަތު މީހަކާ ސުވާލުކޮށްފަ ތައްޔާރުކޮށްފަ އޮތް ބަޔާނުގަ މައްސަލަތަކެއް ހުރިކަން. އެހުރިހާ ބަޔާންތަކާއި ޑިޔުޓީ ޝިފްޓުން ތައްޔާރުކޮށްފައި އޮތް ހާދިސާ ރިޕޯޓާއި އެ މައްސަލަ އާ ގުޅޭ އެހެނިހެން ރިޕޯޓްތައް ކިޔާލީމަ އަހަރެންނަށް އެނގުނީ ކޮންމެސް ފަރާތަކުން ވަރަށް ބޮޑެތި އިހުމާލުތަކެއްވެފައި އޮތް މައްސަލައެއްކަން" ކޮފީތަށިން ކޯވަރެއް ބޯލާފައި ލޫކް ވާހަކަދެއްކިއެވެ.
"ސުވާލުކުރަންޖެހޭ ވަރަށް މުހިންމު ފަރާތެއް އަދި އެބުހުރި. މިކަމަކީ ނަހީކާއި އޭނާގެ އެކުވެރިޔާ ހިންގާފައި އޮތް ބޮޑު ޖަރީމާއެއްކަން އަންގައިދޭ ބޮޑު ހެއްކެއް އަޅުގަނޑުމެން އަތުގަ އެބައޮތް" ރިންދާ ވާހަކަދެއްކިއެވެ.
ލޫކް ރިންދާގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ދަބަހުގެ ތެރެއަށް އަތްލާފައި ރިންދާ ނެގީ ފޮޓޯތަކެވެ. ދެން މޭޒުމަތީގައި އެ ފޮޓޯތައް އަތުރާލިއެވެ. ފަހަރަކު ފޮޓޮއެއް ނަގައިގެން ލޫކް ބެލިއެވެ.
"މާދަމާ ހެނދުނު އަށެއްގެ ކުރިން ބަރަކް އަންނަންވާނެ އޮފީހަށް. ރަސްމީ ދަތުރެއް އޮތިއްޔާ އޭތި ކެންސަލްކޮށްލާ. މާދަމާގެ ބްރެކްފާސްޓާއި ލަންޗް ނަގާނީ އަހަރެމެން އެކުގަ" ލޫކް ވާހަކަދެއްކިއެވެ.
ފަހު ކަމަކަށް ލޫކް އެދުނީ ރިންދާގެ ކިބައިންނެވެ. އެފޮޓޯތައް އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ލޫކް އެދުނެވެ. ރަނީންއަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަން ލޫކް ދިނެވެ. އެކަމަށް އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅު މިހާރުވެސް އެޅިފައިވާ ކަމަށް ލޫކް ބުންޏެވެ. ލިބުނު ހިތްހަމަޖެހުމުގައި ރިންދާއަށް ކަރުނަތަކާ އެކު އަޔާލްގެ މޫނަށް ބަލައިލެވުނެވެ. ރިންދާގެ ކޮނޑުގައި ދެފަރާތުން އަޔާލް ހިފަހައްޓާލިއެވެ. ދެން އޭނާގެ ގަޔާ ރިންދާ ކައިރިކޮށްލިއެވެ.
*******
މީހެއްގެ ފިޔަވަޅުގެ އަޑު އިވެން ފެށުމުން ރަޖާގަނޑު ތެރޭގައި އިތުރަށް ޖިލްވާ ބޮނޑިވެލިއެވެ. އެއް އަރިއަކަށް އޮތްއިރު ކަންފަތާއި ބާލީހާ ދެމެދުގައި ފޯނު އޮތީ ދިއްލިފައެވެ. މޫނުގެ ބޮޑު ބަޔަކާ އެކު އިތުރަށް ފޮރުވާލީ އެމީހަކަށް އޭނާ އޮތީ ފޯނުގައިކަން އެނގުނަނުދިނުމަށެވެ. ޖީލްވާއަށް ހީވީ ޔަގީން ހީވުމެކެވެ. މަޑުމަޑުން ކޮޓަރި ދޮރުހުޅުވާލީ ރޫބިޔާއެވެ. އިރުކޮޅަކު ދޮރުމަތީގައި ބަލަހައްޓައިގެން ހުރެފައި މަޑުމަޑުން ދޮރުލައްޕާލާފައި ރޫބިޔާ ދިޔައެވެ. ޖިލްވާ ތެދުވެ އެނދުގައި އިށީނެވެ. ރޫބިޔާ އެހާ ސިއްރުން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެސް ސިއްރު ކަންތައްގަނޑެއް ހިންގާލަނީކަން ޔަގީނެވެ. ކޮންމެގޮތެއްވިޔަސް ކުރަން އެއުޅޭ ކަމެއް ބަލަން ޖިލްވާ ބޭނުންވެއެވެ. ރޫބިޔާ ހިތުން އެދިޔައީ ޖިލްވާ ނިދަން އޮތްކަމަށް ނިންމައިގެންނެވެ. ކޮޓަރީގެ ދޮރާ ދިމާލަށް ޖިލްވާ ދިޔައީ ސިއްރު ފިޔަވަޅުތަކެއް އަޅަމުންނެވެ.
*******
މީހުންގަނޑުގެ ތެރެއިން ބޭރަށް ނުކުތް ޒަކްވާން ފެނުމާއެކު ނަހީކް އަތް އުފުލާލައިފިއެވެ. އޭނާ ހުރި ދިމާ އަންގައިދިނުމުގެ ގޮތުންނެވެ. އުފުލާލި އަތް ތިރިކޮށްނުލެވިގެން އުޅެނިކޮށް ޒަކްވާންގެ ފަހަތުން ހިނިތުންވެގެން ހުރި ނުކުތް ޝަލްބިޔާ، ނަހީކަށް ފެނުނެވެ. ލިބުނު ހައިރާން ކަމަށް ވުރެ ބޮޑަށް ނަހީކަށް އުފާވެރިކަމެއް ލިބުނެވެ. އޭނާއަށް ޝަލްބިޔާ އާ ހަމައަށް ދާން ދުއްވައިގަތެވެ. މީހުންގަނޑުގެ ތެރޭގައި ހުރެ ޝަލްބިޔާގެ ގައިގައި ނަހީކް ބައްދައިގަތެވެ. މޫނުގައި ބޮސްދީފައި 'މަންމަ އާ ރުޅި' އޭ ބުނެލިއެވެ. ހީލައިގެން ހުރި ޝަލްބިޔާ ނަހީކްގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. ނުބުނެ ރާއްޖެ އައިކަން އެނގުމުން ނަހީކް ހިތްހަމަނުޖެހުނަސް ޝަލްބިޔާ ފެންނަހިނދުން އެހިތްހަމަނުޖެހުން ފިލައިގެންދާނެކަން ޝަލްބިޔާއަށް އެނގެއެވެ.
"ގެއަށް ދަމާ" ޒަކްވާންގެ އަޑު އިވުނެވެ. ޝަލްބިޔާގެ ގައިން ދޫކޮށްލާފައި ޒަކްވާނަށް ނަހީކް ބަލައިލިއެވެ. ދެން ހީލާފައި ޒަކްވާންގެ ގައިގައިވެސް ބައްދާލިއެވެ.
ކާރުގައި ގެއަށް ދިޔުމަށް ނައްޓާލުމުގެ ކުރިން ނަހީކް ބެގަރީއަށް ގުޅިއެވެ. ކުރިން ޝަލްބިޔާ އަންނާނެކަން އެނގިފައި ނުވާތީ ޝަލްބިޔާއަށް ކޮޓަރި ތައްޔާރެއް ނުކުރެއެވެ. އެހެންކަމުން އެވަގުތު ކޮޓަރި ތައްޔާރުކޮށްދޭން އެދުނެވެ. ނިދަން ވަނުމުގެ ކުރިން މޭޒުމައްޗަށް ކާއެއްޗެއް އަރުވާފައި ބެހެއްޓުމަށް އެދުނެވެ.
އެންމެފަހު ކަމަކަށް ރިންދާއަށް ގުޅިއެވެ. ވަރަށް ހެނދުނު ރިންދާ ބަލާ ދާނެ ކަމަށް ބުންޏެވެ. ރިންދާ ވަރަށް ހާއްސަ ފަރާތަކާ ބައްދަލުކުރުވާނެ ކަމަށް ބުނެފައި ކައިރީގައި ތިބި ދެމީހުންނަށް ސިއްރުން ރިންދާދެކެ ވަރަށް ލޯބިވާކަމުގައި ބުންޏެވެ.
*******
"ސީޔަސްކޮށް. ވަރަށް ހިތަށް ތަދުވޭ... އެކަމަކުވެސް ކީއްކުރާނީ.. އަހަރެން ރިދާއަށްޓަކައި ކިތަންމެ ބޮޑު ކަނޑަކަށްވެސް ފުންމާލަފާނަން" އަޔާލް ބުންޏެވެ.
ހުޅުމާލެއިން އައިގޮތަށް ދެކުދިން ވަކިން ސައިކަލުގައި ދުއްވާލަން ނުކުމެފައި މަޑުކޮށްލައިގެން ތިބީ ރަސްފަންނުގައެވެ. އެކަކު އަނެކަކުގެ ދެއަތް ގުޅުވާލައިގެން ވާހަކަދައްކަން ތިބީ ދިރިއުޅުމުގެ އެކި ކަންކަމާ ގުޅުވައިގެންނެވެ. ނަހީކް ގުޅާތީ ފޯނަށް ޖަވާބުނުދޭން ހުރެފައިވެސް ރިންދާ ފޯނު ނެގީ ކަމެއް ގޯސްވެދާނެ ކަމަށެވެ. ރިންދާ މޫނުހަދާލީ އަނެއްދުވަހު ހެނދުނު ނަހީކް އޭނާ ބަލައި އަންނާނެކަން އެނގުމުންނެވެ.
"ކިހިނެއްވީ؟" ރިންދާ ތުންކޮޅު ހަދާލިތަން ފެނުމުން އަޔާލް އެހިއެވެ.
"އޭނަގެ ރައްޓެހި މީހަކު ބޭރުން އައިއްސި. ހީވަނީ އެމީހާ ހެން. މާދަމާ އެނގޭނެ. އެ ރައްޓެހި މީހާ އާ ބައްދަލުކުރުވަން ބަލައި އަންނާނެ ވާހަކަ އެބުނީ" ރިންދާ ބުންޏެވެ.
އަޔާލްގެ ތުންފަތަށްވެރިވީ ހިނިތުންވުމެކެވެ. އެބުނާ ރަހުމަތްތެރިޔަކީ އެނުލަފާ ޒަކްވާނަށް ވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.
*****
ގޭތެރޭގައި މާބޮޑު އަލިކަމެއް ނެތެވެ. ކޮޓަރިން ބޭރަށް ނުކުތް ވަގުތު ރޫބިޔާގެ ކޮޓަރިއަށް މީހަކު ވަތްހެން ޖިލްވާއަށް ހީވިއެވެ. މަޑުމަޑުން ހިނގާފައި ގޮސް ރޫބިޔާގެ ކޮޓަރި ދޮރުކައިރީގައި ޖިލްވާ ހުއްޓުނެވެ. އިނގިލިކުރީގައި ދަތްއަޅާލައިގެން އިރުކޮޅަކު ހުރެފައި ރޫބިޔާގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލިއެވެ. ޖިލްވާގެ ބޭނުމަކަށްވީ އެކޮޓަރިއަށް މީހަކު ވަތްކަން ޔަގީންކުރުމެވެ. މާގިނައިރެއްނުވެ ރޫބިޔާ ދޮރުހުޅުވައިފިއެވެ. ކުޑަކޮށް ދޮރުހުޅުވާލައިގެން ހުރިއިރުވެސް އެއްވެސް ފޭރާމެއް ނެތް ރޫބިޔާގެ ހަށިގަނޑުގެ ކޮނޑާހަމައިން ރީއްޗަށް ޖިލްވާއަށް ފެނުނެވެ.
"ކިހިނެއްވީ؟" ރުންކުރު ގޮތަކަށް ރޫބިޔާ އެހިއެވެ.
ޖިލްވާ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އިތުރު މީހަކު އުޅޭނަމަ ރޫބިޔާ އެގޮތަށް ނުހުންނާނެއެވެ. އެއީ ހީވި ހީވުމެކެވެ.
"ކިހިނެއްހޭވީ. ކިހާދެރަކަމެއްތަ؟ އަހަރެން ފެންވަރަންވެއްޖެ" ރޫބިޔާ ބުންޏެވެ.
"މި.. މަންމަ އަތުގަ ޕެނަޑޯލް އެބަހުރިތަ؟ ބޮލުގައި ރިއްސާތީ" ޖިލްވާ ބުންޏެވެ.
"ނެތް އަހަރެން އަތުގައެއް. ދޭމިތަނުން" ރޫބިޔާ ބުންޏެވެ.
ޖިލްވާއަށް ރަނގަޅަށް ހިނގައިނުގަނެވެނީސް ރޫބިޔާ ދޮރުލައްޕާ ތަޅުލައިފިއެވެ.
ކޮޓަރިއާ ދިމާލަށް ދަނިކޮށް މައިދޮރުގެ ތަންޑު ނެއްޓިއަޑު އިވިއްޖެއެވެ. ޖިލްވާ ދިޔައީ ސިހިގެންނެވެ. އެތެރެއަށް ވަން ބަރަކް ފެނުމުން ޖިލްވާއަށް ހަމަޖެހުމުގެ ނޭވައެއްލެވުނެވެ.
"ކިހިނެއްވެފަ ތިތަނުގަ" ކައިރިއަށް އައި ބަރަކް އެހިއެވެ.
"ކަމެއްނުވޭ. ވާރޭވެހެން އުޅޭކަމަށް ހީކޮށްފަ ދޮރުތައް ނުލެއްޕި ހުރިކަމަށް ހީކޮށްފަ" ޖިލްވާ ބުންޏެވެ.
"މަންމަ ނިދީތަ؟" ޖިލްވާގެ އަތުގައި ހިފައިގެން ކޮޓަރި އާ ދިމާލަށް ދަމުން ބަރަކް އެހިއެވެ. ފަހަތަށް އެނބުރި ރޫބިޔާގެ ކޮޓަރި އާ ދިމާލަށް ދަމުން ޖިލްވާ އަނގައިން 'ހޫމް' އެއް ލައްވާލިއެވެ.
*****
ގަޑިއެއްގެ އިރުފަހެވެ. ޖިލްވާ އޮތީ ނުނިދިފައެވެ. ބަރަކް ނިދިފަހުން އަދި މާގިނައިރެއް ނުވިއެވެ. ޖިލްވާ ކޮޓަރިން ނުކުމެލީ ރޫބިޔާ އާ މެދު ނުބައި ޝައްކެއްކުރެވޭ ވަރުންނެވެ. ރޫބިޔާގެ ކޮޓަރި ދޮރުހުޅުވާލިކަން އެނގުމުން ޖިލްވާއަށް ތެޅިގަނެވުނެވެ. ނިވާވާނެ ތަނެއްވެސް ނެތެވެ. ނަސީބަކުން އެތެރެއިން މީހަކު ނުކުތުމުގެ ކުރިން ދުވެފައިގޮސް ސޯފާގެ ބިއްދަށަށް ޖިލްވާ ވަނެވެ.
ކުޑަކުޑަކޮށް ބޯއުފުލާފައި ބަލައިލި ޖިލްވާއަށް ފެނުނު މަންޒަރާއެކު ޝޮކެއް ލިބިގެން ދިޔައެވެ. ކޮޓަރީ ދޮރުމަތީގައި ރޫބިޔާގެ ގައިގައި ބައްދައިގަނެގެން ހުރީ ފިރިހެނެއްކަން ޖިލްވާއަށް ޔަގީންވިއެވެ. އަތްކަނޑާފައި ހުރި ޓީޝާޓްކޮޅުގައި ރޫބިޔާ ހުރިއިރު ތިރިން ފޭރާމެއް ހުރިކަން ޖިލްވާއަށް ޔަގީން ނުވިއެވެ. އޭރު ބޭރަށް ނުކުތް ވަގުތު ކުރެވުނީ ހީއެއް ނޫންކަން ޖިލްވާއަށް އެނގުނެވެ. އިނދެވުނުގޮތުން ޖިލްވާއަށް ފިރިހެން މީހާގެ މޫނެއް ނުފެނެއެވެ. އެހެންނަމަވެސް ކޮޓަރިން ފެންނަން ހުރި ހުދުއަލިން ރޫބިޔާގެ ތުންފަތަށްވެރިވެފައިވި ހިނިތުންވުން ޖިލްވާއަށް ފެނުނެވެ.
"ވަޓް؟؟ އެއީތަ މަންމަ އެކުރާ ކަމަކީ. އެއީތަ ޑަސްބިނުން ފެނުނު އެތީގެ ސިއްރަކީ؟ ޗީޑި.... "ޖިލްވާ އަމިއްލަ ނަފުސަށް ބުނެލިއެވެ.
އިންތަނުން ޖިލްވާ ތެދުވީ އެމީހަކު ދޮރުން ނެރެފައި ރޫބިޔާ ކޮޓަރިއަށް ވަދެ ތަޅުލުމުންނެވެ.
"މިފަހަރަކު ސިއްރެއް ނުކުރާނަން. ހުރިހާ ވާހަކައެއް ބަރަކްއަށް ކިޔައިދޭނަން. މިގޭ ހަތަރުފާރުން އެތެރޭގައި ނުބައި ފާހިޝް ކަންކަން ކުރަން އެއްވެސް މީހަކަށް ފުރުސަތެއް ނުދޭނަން. އެކަމަކު.... ބަރަކް.... ހާދަ ދެރަވާނޭ... ލަދުވެސް ގަންނާނެ..... ހެޔޮ.... މާދަމާ މަންމަ ޖެހޭނީ ބަރަކްގެ ކުރިމަތީގައި ކުރި ހުރިހާ ކަމަކަށް އިއުތިރާފުވާން...."
ލަސްލަހުން ހިނގާފައި ކޮޓަރިއަށް ވަދެގެންދިޔަ ޖިލްވާގެ ހިތަށް އަރަމުން ދިޔައެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ