ގަވާއިދާ ހިލާފަށް އޭ ޒޯނަށް (މާލެ ޒޯނަށް) ރަޖިސްޓްރީ ކޮށްފައިވާކަން ފާހަގަވެގެން ރަޖިސްޓްރީ ބާތިލުކުރި އުޅަނދުތައް އަލުން، ގަވާއިދާ އެއްގޮތަށް މާލެ ޒޯނަށް ރަޖިސްޓްރީ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ފުރުސަތު ދީފި އެވެ.

ގަވާއިދާއި ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ 50 އުޅަނދެއްގެ ރަޖިސްޓްރީ މިނިސްޓްރީން ވަނީ މިދިޔަ ސެޕްޓަމްބަރުގައި ބާތިލުކޮށްފައެވެ. އެ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރީ ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައި ވަނިކޮށް އޮޅުވާލައިގެން ރަޖިސްޓްރީ ކޮށްފައިވުމުންނާއި ގަވައިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވުމުންނެވެ.

މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ރަޖިސްޓްރީ ބާތިލުކުރި އުޅަނދުތަކުގެ ތެރެއިން، ގަވާއިދާ ހިލާފަށް އޭ ޒޯނަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ގަވާއިދާ އެއްގޮތަށް އޭ ޒޯނަށް ރަޖިސްޓްރީކުރަން ބޭނުންވާ ލިޔެކިޔުމާއެކު ހުށަހެޅުމުން މިނިސްޓްރީން އެ އެޕްލިކޭޝަންތައް ބަލައިގަންނާނެ ކަމަށެވެ. އޭ ޒޯނަށް އުޅަނދުގެ ރަޖިސްޓްރީ ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން ޓްރާންސްޕޯޓުގެ އީޕޯޓަލް މެދުވެރިކޮށް ހިދުމަތަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ޕޯޓަލް މެދުވެރިކޮށް ހިދުމަތަށް ހުށަހަޅާއިރު އިހުތިޔާރު ކުރަން ޖެހެނީ މާލެ ނުވަތަ ހުޅުމާލެއަށް ވެހިކަލް ރަޖިސްޓްރީ ކުރަން ކަމަށެވެ.