މިއަހަރުގެ ފެބްރުއަރީ މަހު ޔުކްރޭނުގައި ހަނގުރާމަ ފެށުނުފަހުން ޔުކްރޭނުގެ ސިފައިންނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދެމުންދަނީ އެމެރިކާއިންނެވެ. ބަޑިޔާއި އުންޑަޔާއި ރޮކެޓާއި މިސައިލާއި މިހެންގޮސް ނަން ހުސްކޮށް ހުރިހާ ބާވަތެއްގެ ތަކެއްޗެވެ. ހަނގުރާމައިގެ މައިދާން ބަދަލުވަމުންދާ ގޮތުން އެމެރިކާއަށް އުފެއްދޭވަރަށްވުރެ މިހާރު ގިނައީ ޔުކްރޭނަށް ސަޕްލައިކުރަން ޖެހޭ ތަކެއްޗެވެ. އެހެންވީމާ އެމެރިކާގެ ގުދަންތަކުން އަވަސްކަމާއެކު ހަނގުރާމައިގެ ސާމާނު ދަނީ ހުސްވަމުންނެވެ. ހަނގުރާމައަކަށް ވަންނަން ޖެހިއްޖެ ހާލަތެއްގައި އެމެރިކާ ސިފައިން ބޭނުންކުރަން ހުރި ހަތިޔާރުގެ ސްޓޮކްވެސް ވަނީ ބޮޑުތަނުން މަދުވެފައެވެ. އެމެރިކާއިން އަދިވެސް ބުނަމުންދަނީ މިހެންނެވެ. ކިތަންމެ ބޮޑު ގުރުބާނީއެއްވާން ޖެހުނަސް އެމެރިކާ އޮންނާނީ ޔުކްރޭނާއެކުގައެވެ.

ކިތަންމެ ބޮޑު ގުރުބާނީއެކޭ އެބުނަނީ ކިހާވަރެއްގެ ގުރުބާނީއަކަށް ބާވައެވެ. މިހާރުވެސް އެމެރިކާގެ ތަޖުރިބާކާރުން އެދަނީ ޝަކުވާ ކުރަމުންނެވެ. އެމެރިކާ ސިފައިންގެ ތަމްރީނުތަކަށާއި ސްޓްރެޓީޖިކް ބޭނުންތަކަށް ކޮންމެހެން ހުރުން ލާޒިމު މިންވަރަށްވުރެވެސް ބައެއް ތަކެތި މަދުވެއްޖެއެވެ. އޭގެތެރެއިން އެއްބާވަތަކީ ބޮޑުބަޑީގެ އުންޑައެވެ. ޔުކްރޭނަށް އެމެރިކާއިން ހަތިޔާރު ވިއްކަނީއެއް ނޫނެވެ. ދެނީއެވެ. ހަދިޔާކުރަނީއެވެ. މާލީގޮތުން މަންފާއެއް ނެތް ގޮތުގައެވެ. ޔުކްރޭނުގެ ހަނގުރާމަ މިއަދު ހުއްޓުނަސް ހަނގުރާމައިގެ ކުރިން އެމެރިކާގައި ހުރި ސްޓޮކާ އެއްވަރަށް އަލުން ސްޓޮކް އުފައްދައި ޖަމާކުރުމަށް އަހަރުތަކެއް ބޭނުންވާނެއެވެ. އެމެރިކާއިން ކުރިން ލަފާކުރި މިންވަރަށްވުރެ މި ހަނގުރާމަޔަށް ކުރަންޖެހުނު ހޭދަ ބޮޑެވެ. ވާންޖެހުނު ގުރުބާނީ ބޮޑެވެ.

ހިލޭ ދިނަސް ހަދިޔާކުޅަޔަސް ކޮންމެ އެއްޗަކަށްވެސް އަގެއްވެއެވެ. އެގޮތުން ފެބްރުއަރީ ސައުވީސްވަނަ ދުވަހުން ފެށިގެން މިހާތަނަށް 17 ބިލިޔަން ޑޮލަރުގެ އަގުހުރި ހަތިޔާރު އެމެރިކާއިން ވަނީ ޔުކްރޭނަށް ފޮނުވައިފައެވެ. އެއީ ކޮންމެ މަހަކަށް ދެ ބިލިޔަން ޑޮލަރަށްވުރެ މަތީ މިންވަރެއްގެ ރޭޓެކެވެ. މިރޭޓުން ސަޕްލައި ކުރުމަކީ ތާއަބަދު ކުރެވޭނޭ ކަމެއް ނޫނެވެ. މިއީ އަމިއްލަ ބޭނުމަށް އުފައްދައި ރައްކާކުރާ މިންވަރަށްވުރެވެސް މާގިނައެވެ. އެމެރިކާ މިހާރު އެއޮތީ އަތްހުސްވާ ހިސާބުގައެވެ. އެމެރިކާއިން ތަކެތި ނަގަނީ ހުސްނުވާ ޖާދޫގެ ގުޅިޔަކުން ނޫނެވެ. ހުސްވާ ގުޅިޔަކުންނެވެ. އެހެންވީމާ ރަތްރޮނގާ ހަމަޔަށް ވާސިލްވެވުނީއެވެ. އެމެރިކާގެ ތަޖުރިބާކާރުންވެސް އެއްބަސްވާ ގޮތުގައި ޔުކްރޭނުގެ ހަނގުރާމަޔަކީ ލިބުނު ވަރަށް ބޮޑު ފިލާވަޅެކެވެ. ތަޖުރިބާއެކެވެ.

ސޯވިއެޓް ޔޫނިއަން ރޫޅިގެންގޮސް 90 ގެ އަހަރުތަކުގެ ތެރޭގައި ފިނިހަނގުރާމަޔަށް ނިމުން އައުމާ ގުޅިގެން އެމެރިކާގެ ދިފާއީ ބަޖެޓް އޮތީ މިހާތަނަށްވެސް ބޮޑުތަނުން ކުޑަކުރެވިފައެވެ. ގައުމުތަކުން ފައިސާދީފައި ހަތިޔާރު ގަންނަން އޯޑަރުކުރީމާ ނޫނީ ބައެއްކަހަލަ ތަކެތި އުފެއްދުންވެސް ވަނީ ހުއްޓާލައިފައެވެ. އެމެރިކާ ސަރުކާރަށް މިހާރު މަޖުބޫރުވެފައި އެއޮތީ ހަތިޔާރުގެ ސިނާއަތް މެކުހަށް ޖެހުމަށެވެ. އޭގެ މާނަޔަކީ އިތުރު މީހުން ވަޒީފާތަކަށް ނެރެ އެންމެހައި އެސެމްބްލީ ލައިންތައް އަލުން ހުޅުވުމެވެ. މިއީ އެމެރިކާގެ އިގްތިސާދަށް އޭގެ ގެއްލުން ނުހަނު ބޮޑަށް ފޯރާނޭ ކަމެކެވެ. އެތައް ޓްރިލިޔަން ޑޮލަރެއް ޚަރަދުވެގެންދާނޭ ކަމެކެވެ. އެކަމަކު ދުނިޔޭގައި އެމެރިކާގެ މަގާމާއި އާރާއިބާރު ދެމެހެއްޓުމަށް އެނޫން ގޮތެއް ނެތެވެ.

މަތިންދާބޯޓަށް ހަމަލަދޭ ޒާތުގެ ސްޓިންގަރ މިސައިލަކީ ދެހާސްވިހި ވަނަ އަހަރުން ފެށިގެން އެއްގޮތަކަށްވެސް އެމެރިކާއިން އުފައްދަމުން އައި އެއްޗެއް ނޫނެވެ. މިޒާތުގެ ތަކެތި ޔުކްރޭނަށް ފޯރުކޮށްދެމުން އައީ އެމެރިކާ ސިފައިންގެ ސްޓޮކުންނެވެ. ސްޓިންގަރ މިސައިލާއި ޓޭންކާ ދެކޮޅަށް ބޭނުންކުރާ ޖެވެލިން ރޮކެޓަކީ ރޫސީ ސިފައިންނާ ދެކޮޅަށް ޔުކްރޭނުން އެންމެ ގިނައިން ބޭނުންކުރާ ތަކެއްޗެވެ. ރޫސީ ސިފައިންގެ މައްޗަށް ކިރިޔާވެސް ކުރިއެރުމެއް ހޯދުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއްޗަކީ ހައިމާރޭ ކިޔުނު ރޮކެޓް ނިޒާމެކެވެ. މި ނިޒާމަށް ބޭނުންވާ ގައިޑެޑް މިސައިލްތައް އެމެރިކާގައިވެސް ވަނީ ބޮޑުތަނުން މަދުވެފައެވެ. މިތަކެތީގެ އިންވެންޓަރީއަށް ބަލާއިރު އެމެރިކާގައި ހުރި ތަކެތީގެ ތިންބައިކުޅަ އެއްބައި ޔުކްރޭނަށް މިހާރުވެސް ވަނީ ފޮނުވިފައެވެ.

އުފައްދަމުން އަންނަ މިންވަރަށްވުރެ ޔުކްރޭނުގެ ބޭނުންތަކަށް ސަޕްލައިކުރަން ޖެހޭ މިންވަރު އިތުރުކަން އެންމެ ބޮޑަށް ހާމަވާ އެއްޗަކީ ޖެވެލިން ރޮކެޓެވެ. އެމެރިކާއިން މިހާތަނަށް އުފައްދަމުން އައީ އަހަރަކު ގާތްގަޑަކަށް އޭގެ އެއްހާސް ރޮކެޓެވެ. އެކަމަކު ފާއިތުވި ހަތްމަހުގެ ތެރޭގައި އޭގެ 8500 ރޮކެޓް ވަނީ ޔުކްރޭނަށް ފޮނުވައިފައެވެ. މިހާރު ދެން އިތުރަށް ފޮނުވާނޭ އެއްޗެއްނެތެވެ. އެފަދަ ދެވަނަ އެއްޗަކީ ބޮޑުބަޑީގެ އުންޑައެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި އެފަދަ އެއްމިލިޔަން އުންޑަ ވަނީ ޔުކްރޭނަށް ފޮނުވައިފައެވެ. މިހާރު އަމިއްލަ ބޭނުންތަކަށް ފުދޭވަރަށްވުރެވެސް އެމެރިކާގައި އެތަކެތި މަދުވެއްޖެއެވެ. އެމެރިކާއިން މިހާރު އުފައްދަމުން އަންނަނީ އަހަރަކު މިޒާތުގެ ސާދަހާސް އުންޑައެވެ. މިވަރުން ފުއްދައިލެވޭކަށް ނެތެވެ. ދެންއޮތް ހަމައެކަނި ގޮތަކީ ގެއްލުންވިޔަސް މި ސިނާއަތު މެކުހަށް ޖެހުމެވެ.