ޗައިނާގެ ދެ ލޯބިވެރިޔަކަށް އެކަކު އަނެކަކު ގެއްލުނުތާ ފަސްދޮޅަސް އަހަރުވީފަހުން އަލުން ބައްދަލުވެ އުމުރުން 94 އަހަރުގައި ކައިވެނިކޮށްފިއެވެ. ދެމީހުންވެސް އުފަންވެފައިވަނީ އެއްދުވަހެއްގައެވެ. އެހެންވީމާ އުމުރުންވެސް އެއްވަރެވެ.
ޝެންހާއީ މޯނިން ޕޯސްޓްގައި މި ޚަބަރު ގެނެސްދީފައިވާއިރު އެދެމީހުންގެ ނަމާއި ވަނަވަރު ބަޔާނެއް ނުކުރެއެވެ. އެހެންނަމަވެސް ބުނެފައިވަނީ އެއީ ކުޑައިރުގެ ދެ އެކުވެރިންކަމަށާއި ޒުވާން ދައުރުގައި ދެ ލޯބިވެރިން ކަމުގައެވެ. ކޮންމެވެސް ހާދިސާޔަކާ ގުޅިގެން އެކަކު އަނެކަކަށް ގެއްލިފައިވާތާ ފަސްދޮޅަސް އަހަރު ފަހުން އަލުން ބައްދަލުވީ އިއްތިފާގަކުން ކަމުގައެވެ. އަންހެން މީހާގެ ކޮއްކޮޔަކާއި ފިރިހެންމީހާ ބައްދަލުވެގެން ދެކެވުނު ވާހަކަތަކެއްގެ ތެރެއިން ތައާރަފުވީއެވެ.
ދެ ލޯބިވެރިން އަލުން ބައްދަލުވުމާއެކު އުމުރުގެ ބާކީބައި އެކުގައި ހޭދަކުރުމުގެ ނިޔަތުގައި ކައިވެނި ކުރުމަށް ދެމީހުންވެސް ނިންމީއެވެ. ލޯތްބަކީ ހަމައެކަނި ޒުވާން ޖިސްމުގެ ޚާއްސަ އެއްޗެއް ނޫންކަމަށްވާތީ މިއީ ބަޔަކު ހެއްވާ ކަމަކަށް ހަދަންވީ ކަމެއް ނޫންކަމަށްވެސް މި ދެމަފިރިން ބުނެއެވެ. ދެ މީހުންވެސް ޒަވާޖީ އައު ހަޔާތް މިހާރު ވޭތުކުރަމުންދަނީ ޝެންހާއީގެ ނާރސިންގ ހޯމެއްގައެވެ.
ހުސްވި ހަފުތާގައި ނޫސްތަކުގައި މި ޚަބަރު ޝާއިއުކުރި ކަމަށްވިޔަސް މި ދެމީހުން ކައިވެނިކުރީ ދެހާސްވިހި ވަނަ އަހަރުއެވެ. އޭރު ދެމީހުންގެ އުމުރުންވެސް 94 އަހަރެވެ. އެހެންވީމާ ދެމަފިރިންގެ ގޮތުގައި ނާރސިންގ ހޯމްގައި އުޅޭތާވެސް މިހާރު ދެއަހަރު ވެއްޖެއެވެ. އެއްވެސް މައްސަލައެއް ނުޖެހި ދެމީހުންވެސް ވޭތުކުރަމުންދަނީ އުފާވެރި ދުވަސްތަކެކެވެ. އެނގިފައިވާ ގޮތުގައި މި ދެމީހުން ކުޑައިރު އެކުވެރިކަމާއި ގާތްކަން އުފެދުނީ ދެމީހުންގެ ބައްޕައިން ގުޅިގެން ފޮޓޯ ސްޓޫޑިއޯއެއް ހިންގިއިރުއެވެ.