ވެރިކަމަށް އާދެއްވިއްޖެ ނަމަ ސުލްހަވެރިކަމާއެކު ބާއްވާ އެއްވުންތަކުން މީހުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ނުދޭނެ ކަމަށް އިދިކޮޅު ޕީޕީއެމް ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ހއ. އިހަވަންދޫގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ އެއްވެ އުޅުމުގެ މިނިވަންކަން ދިނުމަށް ވަކާލާތުކުރަމުން ކަމަށާއި ނަމަވެސް އެއްވެ އުޅުމުގެ މިނިވަންކަމެއް މިހާރު ނެތް ކަމަށެވެ.
ޔާމީން ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށާއި އެއީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށެވެ. އަދި ސުލްހަވެރިކަމާއެކު އެއްވާ މީހުން ހައްޔަރު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"...ފުލުހުން ނުކުމެ ނުބައްދަލު ބާރު ބޭނުންކޮށްގެން، ޓިއާ ގޭސް ބޭނުންކޮށްގެން އެހެން ކަންކަން ކޮށްގެން މީހުން ހައްޔަރެއް ނުކުރެވޭނެ. މިއީ ﷲގެ ރަހުމަތުން އަޅުގަނޑުގެ ސަރުކާރެއް، އަޅުގަނޑުމެންގެ ސަރުކާރެއް އަތުވެއްޖެނަމަ މިއީ އަޅުގަނޑު ދޭ އިންޒާރެއް. ފުލުހުންނަކަށް އެ ޖާގައެއް ދެން ކުރިއަށް އޮތް ތަނަކު ނޯންނާނެ. ރައްޔިތުންނަށް އެއްވެވޭނެ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، އެއްވުންތަކުން ހައްޔަރުކުރާ މީހުންނަކީ މުޖުރިމުން ނޫން ކަމަށާއި އެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ޔާމީން ވަނީ ބަޔަކު ހައްޔަރުކުރަން ބޭނުން ނަމަ، ޓެރަރިޒަމްގެ ބޮޑެތި ކުށްތަކާއި ކޮރަޕްޝަން ހިންގާފައިވާ މީހުން ހައްރުކުރުމަށް ގޮވާލައްވައިފައެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ކުރިއަށްގެންދާ އެއްވުންތަކުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރެއެވެ. އެހެން ހައްޔަރުކުރާ ބައެއް މީހުންނަށް ބަންދުގެ މުއްދަތުވެސް ޖަހާފައި އެބަހުއްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު