އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހއ. އަތޮޅަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ހަނިމާދުއަށެވެ. ހަނިމާދޫގައި ޕީޕީއެމްގެ ބައެއް އިސްވެރިންނާއި އެޕާޓީގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި އިހަވަންދުއަށް ވަޑައިގެންފައެވެ. އިހަވަންދުއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އިހަވަންދޫގައި މިރޭ ބާއްވާ ޕީޕީއެމްގެ ޖަލްސާގައި ރައީސް ޔާމީން ޝަރަފުވެރިކޮށްދެއްވާނެއެވެ.

އިހަވަންދޫގެ އިތުރުން ރައީސް ޔާމީން ދެން ވަޑައިގަންނަވާނީ ކެލާ, ބާރަށް, ދިއްދޫ އަދި ތުރާކުނަށެވެ.

ޕީޕީއެމުން ބުނި ގޮތުގައި މި ދަތުރުފުޅުގައި ރައީސް ޔާމީން، 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް މައުލޫމާތުތައް އެއްކުރެއްވާނެއެވެ. އެގޮތުން ޒުވާނުންގެ މެނިފެސްޓޯ އާއި މަސްވެރިންގެ މެނިފެސްޓޯ އާއި އަންހެނުންގެ މެނިފެސްޓޯ އަދި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދާނެއެވެ.

މީގެ އިތުރުން ޕީޕީއެމަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުންވެސް ހިމެނޭ ކަމަށް އެޕާޓީން ބުންޏެވެ.

ބޮޑުތިލަދުންމަތީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް ޔާމީން މާލެ ވަޑައިގަންނަވާނީ އަންނަ އަންގާރަ ދުވަހުއެވެ.