ހޭންޑްބޯޅަ ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ ކޯޗަކަށް ބްރަޓިސްލާވް ސްޓޮމެނޮވިޗް އަނެއްކާވެސް ހަމަޖައްސައިފިއެވެ.
ކުރިންވެސް ގައުމީ ހޭންޑްބޯޅަ ޓީމަށް އިރުޝާދު ދިން ސާބިއާގެ ސްޓޮމެނޮވިޗް މިފަހަރު ޓީމާ ގުޅުނީ އެއްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސްޓޮމެނޮވިޗް މީގެ ކުރިން 2019 ވަނަ އަހަރު ގައުމީ ހޭންޑްބޯޅަ ޓީމަށް އިރުޝާދު ދީފައިވާ އިރު، އެފަހަރު ޓީމާއެކު ދެކުނު އޭޝިއާގެ އެންމެ ބޮޑު މުބާރާތް ސައުތު އޭޝިއަން ގޭމްސްއަށްވެސް ޓީމާއެކު ގޮސްފައިވެއެވެ.
ސްޓޮމެނޮވިޗަކީ ކުރިން ސައުދީ އަރަބިއްޔާގެ ގައުމީ ހޭންޑްބޯޅަ ޓީމުގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށް، އެގައުމުގެ ބައެއް ކްލަބުތަކާއެކު މަސައްކަތް ކޮށްފައިވާ ކޯޗެކެވެ. ކުރިން ގައުމީ ޓީމާއެކު މަސައްކަތް ކުރަމުން ސްޓޮމެނޮވިޗް ބުނެފައިވަނީ ދުރު ރާސްތާ ޕްލޭނަކާއެކު މަސައްކަތްކޮށް ރާއްޖެއަށް މެޑަލް ހޯދިދާނެ ކަމަށެވެ.
ގައުމީ ހޭންޑްބޯޅަ މުބާރާތް މާދަމާ ފަށަން ތައްޔާރުވެފައިވާ އިރު، ކޯޗު ސްޓޮމެނޮވިޗް އައިސްފައިވަނީ މުބާރާތުގެ ތެރެއިން ގައުމީ ޓީމަށް ސްކައުޓިންގެ މަސައްކަތްތައް ކުރުމަށް ކަމަށް ބެލެވެއެވެ. ރާއްޖޭގެ ހޭންޑްބޯޅަ ޓީމަށް އަންނަ އަހަރު މަޑަގަސްކަރުގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި 2024 އަށް މިހާރު ފަސްކޮށްފައިވާ ސައުތު އޭޝިއަން ގޭމްސް ކުރިއަށް އޮތް އިރު، އެ މުބާރާތްތަކަށް ދުރާލާ ތައްޔާރުވުމަށް އެސޯސިއޭޝަނުން ވަނީ މަސައްކަތް ފަށައިފައެވެ.
ހޭންޑްބޯލް
ހޭންޑްބޯލް
ހޭންޑްބޯލް
ހޭންޑްބޯލް