ގެއްލުނުތާ ދެ ހަފުތާ ފަހުން މަރުވެފައި އޮއްވައި ހުޅުމާލެއިން ފެނުނު މުހައްމަދު އަޒްހާންގެ ޖާނާޒާ މިއަދު ހުކުރު ނަމާދަށްފަހު ބާއްވައިފިއެވެ.

އަޒްހާން ގެއްލުނުތާ ދެ ހަފުތާ ފަހުން، އޭނާގެ ހަށިގަނޑު ފެނިފައިވަނީ މިމަހުގެ ދެވަނަ ދުވަހުގެ ހަވީރު ހުޅުމާލޭ ވޯޓާ ތީމް ޕާކު ހަދަމުންދާ ސަރަހައްދުންނެވެ. ނަމަވެސް އެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައި އޮތުމުން އެއީ އަޒްހާންގެ ހަށިގަނޑުކަން ކަށަވަރުކުރަން ޕޯސްޓްމޯޓަމް ހެދުމަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ އިންޑިއާއަށް ފޮނުވާލައިފައެވެ. ޕޯސްޓުމޯޓަމަށް ފަހު އެއީ އަޒްހާންގެ ހަށިގަނޑުކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޕޯސްޓްމޯޓަމަށް ފަހު، އަަޒްހާންގެ ހަށިގަނޑު އިއްޔެ ވަނީ މާލެ ގެނެސްފައެވެ. އަދި ކަށުނަމާދު އޮތީ މިއަދު ހުކުރު ނަމާދަށްފަހު، އާސަހަރާ މިސްކިތުގައެވެ. އަޒްހާންގެ މައްޗަށް ކުރެވުނު ކަށުނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވަފައެވެ. އަޒްހާންގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ އެހެން މެންބަރުންނާއި ރަހުމަތްތެރިން މި ކަށުނަމާދުގައި ބައިވެރިވިއެވެ.

ފުލުހުން ބުނި ގޮތުގައި އަޒްހާން ހޯދުމުގެ ތަހުގީގުގެ ތެރެއިން އޭނާ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހުޅުމާލެ ގެސްޓްހައުސްއަކަށް ގޮސްފައިވާކަން އެނގުނު ކަމަށާއި އެ ގެސްޓުހައުސް ހުންނަ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަވައްޓެރި ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގަށް ދިން މައުލޫމާތުގެ އެހީގައި ވޯޓާ ތީމް ފާކް ސަރަހައްދު ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހު އިތުރު ސީސީޓީވީ ފޫޓޭޖެއް ބެލުމުން އަޒްހާން ސްކޭޓް ޕާކާ ދިމާލު އަތިރިމައްޗަށް ފައިބާ މަންޒަރާއި އެއަށްފަހު ސްކޭޓް ޕާކާ ދިމާއިން ނިރޮޅުމަގަށް ނުކުންނަ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައުލޫމާތުގެ އަލީގައި އަޒްހާން ދެން ފެންނާނެ ކަަމަށް ބެލެވުނު ތަނާ އެންމެ ކައިރީގައި ހުރި ސީސީޓީވީ ފުޓޭޖު ބެލުމުން އަޒްހާން ފެނިފައިނުވާތީ އަނެއްކާވެސް ކުރިން ބަލައިފާސްކުރި ސަރަހައްދު އަލުން ބަލައިފައިވާނެ ކަމަށާއި އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އެ ސަރަހައްދުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަޒްހާން މަރާލައިފައިވާކަމުގެ އެއްވެސް ހެއްކެއް އަދި ނެތެވެ. އަޒްހާންގެ ފޯނު ހޯދައިފައިވާ އިރު، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކުވެސް އަދި ނެތެވެ. އަޒްހާންގެ ޕޯސްޓުމޯޓަމް ރިޕޯޓު ފުލުހުން އަދި އާއްމުކޮށްފައެއް ނުވެއެވެ.