ސެންޓާ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ޖާގަ ނުލިބޭ ދަރިންވަރުން އަމިއްލަ ސްކޫލުތަކުން ކިޔެވުމަށް ސަރުކާރުން މާލީ އެހީ ދޭން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނީ، މާލޭ ސަރަހައްދުގެ ސްކޫލުތަކުން ސާނަވީ ނިންމާ އިމްތިހާނުތައް ފުރިހަމަކޮށް ފަސް މާއްދާއިން ނުވަތަ އެއަށްވުރެ ގިނަ މާއްދާއިން ފާސްވެގެން މަތީ ސާނަވީ ކިޔެވުމުގެ ޝަރުތު ހަމަވާ ސީއެޗްއެސްއީން ޖާގަ ނުލިބޭ ދަރިވަރުންނަށް އަމިއްލަ ސްކޫލްތަކުން ކިޔެވުމަށް ފީ ދެއްކުމަށްޓަކައި ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެ އެހީ ދޭނީ އެކަމަށް އެދި ހުށަހަޅާ ދަރިވަރުންނަށެވެ. އަދި އެ ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން ދަރިވަރެއް މާލޭގެ ކޮންމެ ސްކޫލަކުން މަތީ ސާނަވީއަށް ކިޔެވި ނަމަވެސް އެ އެހީ ފޯރުކޮށްދޭނެއެވެ.
އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިސަރަށް "ވަން" އިން ގުޅުމުން ވިދާޅުވީ، މީޑިއާތަކަށް އަދި އެއަށްވުރެ އިތުރަށް މައުލޫމާތު ދެވެން ނެތް ކަމަށެވެ.
އެހެންކަމުން އެޑިއުކޭޝަނުން އެ ނިންމުން ނިންމި ދުވަހާއި އެކަމަށް ކަނޑައަޅާފައިވާ ބަޖެޓުގެ މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.