ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކ. ކާށިދުއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރާއްޖޭގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ކަށީދުއަށް ވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.
"އާދިއްތަ ދުވަހު މާލެ އަތޮޅު ކާށިދޫގައި ފާހަގަކުރާ ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގަންނަވާނެ،" މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ރައީސް މިވަގުތު ހުންނެވީ ބޭސްފަރުވާގެ ދަތުރުފުޅެއްގައި ސިންގަޕޫރުގައި ކަމަށެވެ. ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ ތައިރޮއިޑްގެ ފަރުވާއަށް ކަމަށެވެ.
މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ހަރަކާތްތައް ކާށިދޫގައި ފާހަގަކުރަން ނިންމި އިރު، މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ފާހަގަކުރަން ސަރުކާރުން ނިންމާފައިވަނީ ގދ. ފާރެސްމާތޮޑާގައެވެ.
ދެހާސްވިހި ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ދަނޑުވެރިކަމުގެ ދުވަހާއި ޖެހިގެން އަންނަ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަސްވާތީ، ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ކަނޑައަޅާ ރަށެއްގައި އެދުވަސް ވެސް ފާހަގަކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކާށިދޫއަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު