ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް އެ ކޯޓު ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އުސްތާޒު އިބްރާހިމް މާހިރު އައްޔަން ކުރައްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ފެމިލީ ކޯޓަށް އިސްގާޒީއަކު ހޯދުމަށް ކުރި އިއުލާނުގެ ދަށުން އެ ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާ ދޭ ކޮމިޓީ"އިން އިންޓަވިއު ކުރުމަށްފަހު ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް މާހިރު އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ ދީފައިވާ ކަމަށެވެ.
ފަނޑިޔާރު ކަމުގެ މަގާމަށް 9 ނޮވެމްބަރު 2005 ގައި އައްޔަންކުރި މާހިރު އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައެވެ. އެއަށްފަހު ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެފައިވަނީ 23 މެއި 2010 ގައެވެ. ފެމެލީ ކޯޓުގެ ގާޒީކަމުގެ މަގާމުގައި 12 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި މާހިރު ވަނީ ހިދުމަތް ކުރައްވައިފައެވެ.
ފެމިލީ ކޯޓުގެ ހިންގުން ވަގުތީ ގޮތުން މާހިރާ ހަވާލުކުރެއްވީ ހުސްވި ޖޫން މަހުގެ ތެރޭގައެވެ. އެއީ އެ ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި ހުޒައިފާ މުހައްމަދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމުންނެވެ.