ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން މިދިޔަ އޮގަސްޓު މަހު ހުށަހަޅާފައިވާ މައްސަލަތައް އިތުރުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 33 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އެއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 14 ކޭސްއެއް އިތުރު އަދަދެކެވެ. އެގޮތުން ޖޫން މަހު ހުށަހަޅާފައިވަނީ މިފަދަ 19 މައްސަލައެކެވެ.

ތަފާސް ހިސާބު ދައްކާގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން އޮގަސްޓު މަހު ހުށަހަޅައިފައިވަނީ 27 މައްސަލައެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ހަ މައްސަލައެކެވެ.

އޮގަސްޓު މަހުގައި ޖެންޑާ މިނިސްޓްރީއަށް ޖުމުލަ 248 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލައެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލަ އޮގަސްޓު މަހު ރިޕޯޓުކޮށްފައިވާ އިރު، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

އިހުމާލުވުމުގެ 33 މައްސަލަ ރިޕޯޓުކޮށްފައިވާ އިރު، ޖިންސީ ހާނިކައިގެ 24 މައްސަލަ، ޖިސްމާނީ ހާނިކައިގެ 15 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 11 މައްސަލަ، ނަފްސާނީ ހާނިއްކައިގެ ހަ މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ހަތަރު މައްސަލަ، ބްލެކްމެއިލް ކުރުމުގެ ދެ މައްސަލަ ހިމެނެއެވެ. އޭގެ އިތުރުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ އަދި އެހެނިހެން ތިން މައްސަލަ މި ކެޓަގަރީން ހުށަހެޅިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 41 މައްސަލަ އޮގަސްޓު މަހު ހުށަހަޅާފައިވާ އިރު، މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 14 މައްސަލައެއް ހުށަހަޅާފައިވާ އިރު، މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ނަފްސާނީ އަނިޔާކުރުމާއި އަނގަބަހުން ކުރެވޭ އަނިޔާކުރުމުގެ ދިހަ މައްސަލަ އާއި، ޖިންސީ ހާނިއްކަ ކުރުމުގެ އަށް މައްސަލަ އާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންތައްތަކުގެ ތިން މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އަދި ގަދަކަމުން ޖިންސީ ގޯނާކުރުމުގެ ދެ މައްސަލަ އާއި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ ދެ މައްސަލަ އާއި ފާރަލުމުގެ އެއް މައްސަލަ އަދި ހިފެހެއްޓުމުގެ އަމަލުގެ އެއް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ތަފާސްހިސާބު ދައްކާގޮތުން އާއިލީ މައްސަލަތަކާ ގުޅުންހުރި 34 މައްސަލައެއް އޮގަސްޓު މަހު އެ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 15 މައްސަލަ، ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 13 މައްސަލަ، ދަރިންގެ ހަރަދު ދިނުމުގައި ޖެހޭ ހަތަރު މައްސަލަ އަދި ހަޟާނާތުގެ ދެ މައްސަލަ ހިމެނެއެވެ.

ފަހަކަށް އައިސް އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 12 މައްސަލަ އޮގަސްޓު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ އިރު، މިދިޔަ ޖޫން މަހުވެސް މިފަދަ 11 މައްސަލައެއް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.