ދުނިޔޭގެ ވޮލީބޯޅަ ފެޑަރޭޝަން، އެފްއައިވީބީގެ ބީޗް ވޮލީ ޓުއާގެ މޯލްޑިވްސް ޗެލެންޖް، މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.
މާދަމާ ސަން އައިލެންޑްގައި ފަށާ މުބާރާތް ރާއްޖޭގައި ކުރިއަށްދާނީ މިމަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ. މި މުބާރާތުގައި 28 ގައުމެއްގެ 80 އެތުލީޓުން ވާދަކުރާ އިރު، ރާއްޖޭގެ ދެ ޕެއާ ވާދަކުރާނެއެވެ. އެއީ މެއިން ޑްރޯގައި ވާދަކުރާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއާއެވެ. ހޯސްޓް ގައުމު، ރާއްޖޭގެ އެ ޕެއާއަށް މެއިން ޑްރޯއިން ފުރުސަތު ލިބެނީ ރާއްޖޭގެ އެންމެ ރޭންކް މަތި ޕެއާގެ ގޮތުގައެވެ.
މެއިން ޑްރޯގައި ޖުމުލަ 24 ޕެއާ ހިމެނޭއިރު، ދެން އޮންނާނީ ކޮލިފިކޭޝަން އޯޕަން ޑްރޯއެވެ. ކޮލިފިކޭޝަނުން، މެއިންޑްރޯއަށް 8 ޕެއާއަކަށް ފުރުސަތު ލިބޭނެއެވެ. ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޕެއާއަކީ އެންމެ ފަހުގެ ގައުމީ ބީޗް ވޮލީ ޗެމްޕިއަން، އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާއެވެ.
ރާއްޖޭގައި ހޯސްޓްކުރާ މުބާރާތަކީ ބީޗް ވޮލީގެ ވޯލްޑް ޓުއާގެ އިވެންޓެކެވެ. އަންހެން އަދި ފިރިހެން ޑިވިޝަންވެސް މުބާރާތުގައި ކުރިއަށްދާ އިރު، ޗެމްޕިއަން ޓީމަށް 150،000 ޑޮލަރުގެ އަގުހުރި އިނާމު ހުށަހެޅިފައިވެއެވެ.
މިފަހަރުގެ މުބާރާތް ވެގެންދާނީ ރާއްޖޭގެ ދެ ޕެއާއަށްވެސް ރަނގަޅު ފުރުސަތަކަށެވެ. ހާއްސަކޮށް މި މުބާރާތް ވެގެންދާނީ ރާއްޖޭގައި ބާއްވާ ވޮލީގެ އެންމެ ބޮޑު މުބާރާތަށެވެ. މިފަހަރުގެ ފުރުސަތު ވެގެންދާނީ ކުރިއެރުން ވަޒަން ކުރަން ރަނގަޅު ފުރުސަތަކަށެވެ. މިއަހަރު ފެބްރުއަރީ މަހު ލަންކާގައި އޮތް ސެންޓްރަލް ޒޯން މުބާރާތުގައި އެޑަމްއާއި ކުޑަކާއްޓެގެ ޕެއާ އަދި ޑެންޒޯއާއި ކޯކޭގެ ޕެއާ ވާދަކުރިއެވެ. އޭގެ ފަހުން، މާޗް މަހު ލަންކާގައި ބޭއްވި ކޮމަންވެލްތު ގޭމްސް ކޮލިފައިންގައި ވާދަކުރީ ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއެވެ.
ރާއްޖޭގެ ބީޗް ވޮލީ ޕެއާއިން ކޮމަންވެލްތު ގޭމްސްގައި ތަފާތު ދައްކާފައިވެސް ވެއެވެ. ހާއްސަކޮށް އޮސްޓްރޭލިއާ ފަދަ ޗެމްޕިއަނުންނާ ދެކޮޅަށްވެސް އެޑަމްއާއި ކުޑަކާއްޓޭ ވަނީ ތަފާތު ދައްކާފައެވެ.
މާދަމާ ފަށާ ބީޗް ވޮލީ މުބާރާތް ވެގެންދާނީ މިއަހަރު ތެރޭގައި ރާއްޖޭގައި ބާއްވާ ވޯލްޑް ޓުއާ ފެންވަރުގެވެސް ދެވަނަ މުބާރާތަށެވެ. މީގެ ކުރިން ވަނީ ބޮޑީބޯޑިން ވޯލްޑް ޓުއާ އިވެންޓެއްވެސް މާލޭގެ ރާޅުގަނޑުގައި ކާމިޔާބު ކަމާއެކު ބާއްވާފައެވެ. އެ މުބާރާތުގައިވެސް ދިވެހި އެތުލީޓުން ވަނީ ތަފާތު ދައްކައިފައެވެ.
ބީޗް ވޮލީ
ބީޗް ވޮލީ
ބީޗް ވޮލީ
ބީޗް ވޮލީ