މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންތިހާބުގައި އެކްޓިވް ނޫން މީޑިއާތަކަށާއި ސަރުކާރު ނޫސްތަކަށް ވޯޓު ނުލެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ގެޒެޓްކުރި "މީޑިއާ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް އެއް ވަނަ އިސްލާހު ގެނައުމުގެ އުސޫލު"ގައި ވަނީ މީޑިއާ ކައުންސިލުގެ އިންތިހާބުގައި ވޯޓުނުލެވޭނެ މީޑިއާތައް ކަނޑައަޅައިފައެވެ.
މީޑިއާ ކައުންސިލް އިންތިހާބުގައި އެކްޓިވް ނޫން މީޑިއާތަކަށް ވޯޓުލުމުގެ ފުރުސަތު އޮތުމުން ބައެއް މީޑިއާތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން އެމްއެމްސީން ވަނީ މީޑިއާތަކާ ގުޅިގެން ގަވާއިދު ބަދަލުތައް ގެނައުމުގެ މަސައްކަތް ނިންމުމަށްފަހު، ހޯމް މިނިސްޓްރީއަށް ފޮނުވައިފައެވެ.
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން މީޑިއާ ކައުންސިލުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 25 ދުވަސް ކުރިން އިންތިހާބުގައި ވޯޓުލާ ފަރާތްތައް ރަޖިސްޓަރީ ކުރުމަށް ހޯމް މިނިސްޓްރީން އިއުލާންކުރަން ޖެހޭނެއެވެ. އަދި މީޑިއާ ކައުންސިލުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރާ ފަރާތް ހިމެނޭ ވަގުތީ ލިސްޓު، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 18 ދުވަސް ކުރިން އިއުލާންކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 24 ގަޑިއިރުގެ މުއްދަތެއް ދޭންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ގަވާއިދުގައިވާ ގޮތުން ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 15 ދުވަސް ކުރިން، އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރާ ފަރާތްތައް ހިމެނޭ ދާއިމީ ލިސްޓު އިއުލާންކުރަންވާނެއެވެ.