ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 45

2

ރިންދާ ނޫން އެހެން އެއްވެސް މީހަކަށް ނަހީކަށް ޝައުގުވެރިކަމެއް ނުދެވުނެވެ. ފުރަތަމަ ފަހަރަށް ޝާހްބާޒްގެ ގެއިން ނަހީކް ފެނުމުން ޝާހްބާޒް ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ. ދުރުގައި ހުރި ނަހާވެސް ބަލަހައްޓައިގެން ހުއްޓެވެ. ރިންދާގެ ފަހަތުގައި ހުރި އަޔާލްއަށް ސަމާލުކަން ނަހީކަށް ނުދެވުނެވެ. ރިންދާގެ ސޫރަ ފެނުމާއެކު ހުރިހާ ކަމެއްގެމަތިން ނަހީކް ހަނދާން ނެތިއްޖެއެވެ. ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލާފައި ނަހީކަށް ރިންދާ ހިނިތުންވުމެއްދިނެވެ.

"އަހަރެން ގުޅަން އުޅެނިކޮށް ތިއައީ" ރިންދާ ބުންޏެވެ.

ދެން އެއްވެސް މީހަކަށް ބެލުމެއްނެތި ނަހީކްގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ދެއަތް މުށްކެވުނު އަޔާލްގެ ގާތުގައި ބަރަކް އައިސް ހުއްޓުނެވެ. އަޔާލްގެ އިހުސާސްތައް އެވަގުތު ހުންނާނެގޮތް ބަރަކްއަށް އިހުސާސް ކުރެވެއެވެ.

"އަހަރެންގެ ދޮށީ ދަރިފުޅު" ރާޝިދަށް ބަލައިލަމުން ޝާހްބާޒް ބުންޏެވެ. ދެން ބަލައިލީ ނަހާގެ މޫނަށެވެ.

********

ކޮޓަރިން އެތެރެއަށް ވަދެވުމާއެކު ނަހީކްގެ އަތުން ރިންދާ ދޫކޮށްލައިފިއެވެ. އެއްކޮށް ނުލެއްޕުނަސް ކައިރިކޮށްފައި ހުރި ދޮރަށް ފަހަތަށް އެނބުރި ރިންދާ ބަލައިލިއެވެ. އެތެރޭގައި ނަހީކާއެކު އެކަނިވުމާއެކު ރިންދާ ކަންބޮޑުވިއެވެ. ބޭރުގައި ހުރި އަޔާލް މަތިން ހިތަށް އެރުމާއެކު ރިންދާ ހިތުގައި ޖެހުނެވެ. އެހެން ފިރިހެނަކާއެކު ކޮޓަރިއަށް ރިންދާ އެވަނީ އަޔާލްގެ ކުރިމަތިންނެވެ. އަޔާލް ހުންނާނީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ.

ރިންދާގެ ކޮޓަރިއަށް ވަށައިގެން ނަހީކް ބަލައިލިއެވެ. ރިންދާގެ ކޮޓަރިކަން އެނގުމުން ނަހީކް ހިތުގައި ލޯބި އުތުރިއަރައިގަތެވެ. އެކޮޓަރި ތެރޭގައި ރިންދާ އުޅޭނޭގޮތް ހިތަށް އަރާފައި އޭނާ ހީލިއެވެ.

"ޕާޓީއެއްތަ؟ ނުވެސްބުނަމެއްނު" ނަހީކް ބުންޏެވެ.

"ތިއަށް ވުރެ ބޮޑަށް އަހަރެން ހައިރާންވެއްޖެ ގެއިން ނަހީކް ފެނުނީމަ. އުފާވެސްވެއްޖެ. މިއަދު ބޭބެ ހާދަ އުފާވާނޭ" ރިންދާ ބުންޏެވެ. އެނދުގައި އިށީނދެގެން އިން ނަހީކާ ދުރުންގޮސް ޑްރެސިން ޓޭބަލްގައި ރިންދާ ލެނގިލިއެވެ. ނަހީކަށް ޝައްކެއް ނުވާނޭހެން އަމަލުތައް ބަހައްޓަން ރިންދާ މަސައްކަތްކުރިއެވެ.

"ވަރަށް ގުޅިން. ފޯނު ނުނެގީމަ މާބޮޑަށް ކަންބޮޑުވީ. އެހެންވެ ވީގޮތެއް ބަލައިލަންވެގެން އައީ. އަހަރެންނާ ރައްޓެހިވި ފަހުން މިއަދު ނޫނީ ރިދާ ފޯނު ނުނަގާ ނުހުރޭ" ނަހީކް ބުންޏެވެ. ރިންދާ ހީލިއެވެ.

"ބޭބެގެ ރަހުމަތްތެރިއެއް ވަރަށް ގިނަ ދުވަސްފަހުން މިއަދު މެރީކުރީ. އެމީހާގެ ފެމެލީ ބޭރުގަ އެތިބީ. ބޭބެގެ ރަހުމަތްތެރިޔާއަށް ހަދިޔާއަކަށް ކައިވެނީގެ ހުރިހާކަމެއް މިގޭގަ ހަމަޖެއްސީ. އެހެންވެ ފޯނު ނުނެގުނީ. ގޭތެރޭގަ އުޅެން ޖެހުނު ގޮތުން ނަހީކަށް އަންގާލަންވެސް ހަނދާން ނެތުނީ" ރިންދާ ބުންޏެވެ. ނަހީކް އެނދުން ތެދުވެގެން އައިސް ރިންދާ ކުރިމަތީގައި ހުއްޓުނެވެ. ކަންބޮޑުވެފައި ހުރި ރިންދާއަށް ދެއަތުން ޑްރެސިން ޓޭބަލްގެ ދެފަރާތުން ހިފަހައްޓައިލެވުނެވެ. އޭނާ އެދެއްކި ބަހަނާ ނަހީކް ގަބޫލުކުރިކަމެއް ނުވަތަ ނޫންކަމެއްވެސް ނޭނގެއެވެ. އަޔާލްއާ އޭނާ ކުރި ސަމާސާ ފެނުނުކަމެއްވެސް، ނޫންކަމެއްވެސް ނޭނގެއެވެ. ސުވާލުކޮށްފިއްޔާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ކުއްލިއަކަށް ހުރިހާ ކަމެއްވުމުން ރަނގަޅު ބަހަނާއެއް ވިސްނައިގަންނަން ރިންދާއަށް އުނދަގޫވިއެވެ.

"މިއަދު ރިދާ ހާދަ ރީއްޗޭ" ނަހީކް ބުންޏެވެ. ރިންދާ ހީލިއެވެ. ރިންދާއާ ނަހީކް ބައްދަލުކުރާ ކޮންމެ ފަހަރަކު އެހެން ބުނުން އެއީ ނަހީކަށް ވާޖިބެއް ކަހަލައެވެ.

"ހިނގާ ބޭރަށް އެންމެން ތައާރަފުކޮށްދޭނަން" ރިންދާ ބުންޏެވެ. ނަހީކްގެ ކުރިމަތީގައި ނުހުންނަންވެގެން ރިންދާ ހިނގައިގަތެވެ. އެހެންނަމަވެސް ރިންދާއަށް ހުއްޓެން މަޖުބޫރުވީ އޭނާގެ އަތުގައި ނަހީކް ހިފެހެއްޓުމުންނެވެ. ރިންދާގެ ހިތް އޮބިނޯންނަވަރަށް ތެޅެމުން ދިޔައެވެ. ދެލޯ މަރާ ބާރުކޮށްލެވުނު އިރު އެމަންޒަރު ނަހީކަށް ނަސީބަކުން ނުފެނެއެވެ.

"އެ ފިރިހެންކުއްޖާ ރިދާ ފަހަތުން....." ނަހީކް އެހިއެވެ. ދެން މަޑުމަޑުން އައިސް ރިންދާގެ ކުރިމައްޗަށް އެރިއެވެ. ރިންދާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ނަހީކްގެ ކަނާއަތް އުފުލާލައިފިއެވެ. ދެން ރިންދާގެ ކޯތާފަތުން ފެށިގެން ލޮލުގެ އަރިމައްޗާ ހަމައަށް އިނގިލިތަކުގެ ނުފުށް ބީއްސާލިއެވެ.

"ހަމައެކަނި މެހެމާނެއް. އެހާ ބައިވަރު ފިރިހެނުން ގޭތެރޭގަ ތިބޭކަށް އަސްލު ހިތްހަމައެއް ނުޖެހޭ" ނަހީކާ ދުރަށް ރިންދާ ޖެހިލިއެވެ. ނަހީކްގެ ހިތުގައި ޝައްކުގެ ކުޑަ މިންވަރެއް އުފެދިފައިވާކަން ރިންދާއަށް ފަހުމްވިއެވެ. އެހެންކަމުން ރިންދާ ބޭނުންވީ ނަހީކްގެ ސަމާލުކަން ހޯދާށެވެ. ނަހީކަށް ޔަގީންކަމެއް ދޭށެވެ.

"އަހަރެންގެ ވާންއުޅޭ ފިރިމީހާއަކީ ތިއީ. ނަހީކް ހުއްޓައި އަހަރެން އެހެން މީހަކަށް ބަލައިވެސް ނުލާނަން. ތިއަށް ވުރެ ބޮޑަށް އަހަރެން ދެކެ އެހެން މީހަކު ލޯބިވެދާނެތަ؟" ރިންދާ ބުންޏެވެ. ނަހީކަށް ހެވުނެވެ. ހިތްހަމަޖެހުނުވަރުން ލޯބިން ރިންދާ އުރާލަން ބޭނުންވިއެވެ. އިހުސާސްތައް ހިފަހައްޓަމުން ހަށީފުރާ ނޭވައެއް ނަހީކް ދޫކޮށްލިއެވެ.

"މަޑުކުރައްޗެ. އެއްޗެއް ދައްކާލާނަން" ރިންދާ ބުންޏެވެ.

ނަހީކް ބަލަހައްޓައިގެން ހުއްޓައި ރިންދާ ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. އިރުކޮޅަކުން އައިސް ނަހީކްގެ އަތުގެ ތެރެއަށް އެއްޗެއް ލައިފިއެވެ. ނަހީކް އެއަށް ބަލައިލިއެވެ. ދެން ހީލައިފިއެވެ.

"މިފޮޓޯ ފުރިހަމަވާކަށް ގިނަ ދުވަހެއް ނެތް" ނަހީކް ބުންޏެވެ. ރިންދާ ބޯޖަހާލިއެވެ.

ނަހީކަށް ރިންދާ ގެނެސް ދެއްކީ ރިންދާގެ އަތުގައި އޮތް ނަހީކްގެ ފޮޓޯއެއްގެ އެއްބައެވެ. އެ ފޮޓޯގެ އަނެއްބައި އޮތީ ނަހީކް އަތުގައެވެ.

*********

ކޮޓަރިން އެއްޗެއް ތަޅައިގެންދިޔަ އަޑު އިވުމާއެކު ދޮރާ އިތުރަށް ރޫބިޔާ ކައިރިވެލިއެވެ. ރޫބިޔާގެ މޫނުމަތިން ކަންބޮޑުވުމެއް ފެންނަން ހުއްޓެވެ. ކުއްލިއަކަށް ބަރަކްއަށް އައި ބަދަލާ މެދު ރޫބިޔާ ވިސްނާލިއެވެ. ބަރަކް އެހާ ރުޅިގަދަވީ ކޮންއިރަކު ހެއްޔެވެ؟ ޖިލްވާ އާއި ބަރަކްއާ މެދު ދެކެވޭ ވާހަކައެއް އަޑުއެހުމަށް ރޫބިޔާ ދެކަންފަތް ދޮރުފަތުގައި ޖެއްސިއެވެ. އެހެންނަމަވެސް ރޫބިޔާއަށް އެއްޗެއް އަޑުއިވޭ ގޮތެއް ނުވިއެވެ. ބަރަކްއަށް އެވީގޮތަކާ މެދު ވިސްނަމުން ރޫބިޔާ ސޯފާއާ ދިމާލަށް ދިޔައެވެ.

ޖިލްވާގެ އަތުން ވީއްލިގަނެގެން ފާހާނާއަށް ވަން ބަރަކް ނިކަން ބާރަކަށް ދޮރުލައްޕާފައި ތަޅުލިއެވެ. ހަދާނެގޮތް ހުސްވެފައި ފާހާނާއާ ދިމާލަށް ޖިލްވާ ބަލަހައްޓައިގެން ހުއްޓެވެ. ދެން ބަލައިލީ މުށިތަކުގެ މަތީގައި ތަޅައިގެން ގޮސްފައި އޮތް ސެންޓުފުޅިއަށެވެ. އެދިމާލަށް މަޑުމަޑުން ޖިލްވާ ހިނގައިގަތެވެ. މަޑުމަޑުން ތިރީގައި އިށީނދެފައި ބިއްލޫރިކޮޅުތައް ހޮވާފައި ހުސްކޮށް އޮތް އަތްމައްޗަށް އަޅަމުން ދިޔައެވެ.

ރޫބިޔާ ދެކެ ހިތްހަމަނުޖެހިގެން ބަރަކް އެއްޗެއް ބުނަން ޖިލްވާ ބޭނުން ނުވީއެވެ. އެވަގުތު ބަރަކްގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނީ އެހެންވެއެވެ. އެހެންނަމަވެސް ބަރަކް ހިފެހެއްޓުން ޖިލްވާއަށް ފަސޭހަ ނުވިއެވެ. ބަރަކްގެ އެ ސިފަ މީގެކުރިން ޖިލްވާއަށް ނުފެނެއެވެ. ހަށިގަނޑުގައި ކެކިއަރަމުން ދިޔަ ރުޅިގަނޑު ކޮންޓްރޯލުކުރަން ބަރަކް މަސައްކަތްކުރި މަންޒަރުވެސް މިނޫނީ ޖިލްވާއަށް ނުފެނެއެވެ. ޑްރެސިން ޓޭބަލް މަތީގައި ހުރި ސެންޓުފުޅި ހޫރާލީ ރުޅިގަނޑު މައިތިރިކުރަން އޭނާ ކުރި ހިތްވަރުގެ ތެރެއިންކަން ޖިލްވާއަށް އެނގެއެވެ. ފިރިމީހާގެ އެ ހާލަތާ މެދު ޖިލްވާ ކަންބޮޑުވިއެވެ. ބަރަކްގެ ރުޅިގަނޑަށް ވަގުތީގޮތުން ފިނިކަމެއް އަޔަސް އެއީ ދާއިމީ ހައްލެއް ނޫންކަން ޖިލްވާއަށް އެނގެއެވެ. ޖިލްވާ މިހާރު ބޭނުންވަނީ މަޑުމަޑުން ރުޅިގަނޑު ފަޅައިގެން ދިޔުމުގެ ބަދަލުގައި ހުރިހާކަމެއް އެކުއެކީގައި ނިމޭށެވެ. މަންމަ ކަމުގައި ވިޔަސް ބަރަކްގެ ކުރިމަތީގައި ރޫބިޔާ އަކީ ކުށްވެރިއެކެވެ. ރޫބިޔާ ޖެހޭނީ ކޮންމެވެސް އެއްގޮތެއް އިހުތިޔާރުކުރާށެވެ. ޖަލު ވިއްޔާ ޖަލެވެ. އެބައެއްގެ ހައްގު ރޫބިޔާ ފޭރިގަތް އެންމެންގެ ކިބައިން މައާފަށް އެދި ތައުބާވުމަށްފަހު ﷲ ގެ މަގަށް ރުޖޫއަވާށެވެ. ދުނިޔެ އާއި އާހިރަތަށްޓަކައި މުޅި ދިރިއުޅުމަށް ބަދަލުގެންނާށެވެ.

ސޯފާގައި އިން ރޫބިޔާ ބަލައިލީ ކޮޓަރި ދޮރުހުޅުވާލި އަޑަށެވެ. އެއާއެކު ރޫބިޔާގެ ނޭފަތުގައި ސެންޓު ވަސްގަނޑު ޖެހިއްޖެއެވެ. އަތްމައްޗަށް އަޅައިގެން ހުރި ބިއްލޫރިކޮޅުތައް ހިފައިގެން ޑަސްބިނާ ދިމާލަށް ދިޔަ ޖިލްވާއަށް ރޫބިޔާ ބަލައިލީ ދެލޯ ވަށްކޮށްލަމުންނެވެ. އެހާ އަވަހަށް ކޮޓަރިއާ ދިމާލަށް ރޫބިޔާ ހިނގައިގަތް ތަން ޖިލްވާއަށް ފެނުނެވެ. ޑަސްބިން ތެރެއަށް އެއްޗިހިތައް އަޅާފައި ޖިލްވާ އައީ ބާރަށް ހިނގައިފައެވެ. ކޮޓަރިއަށް ވަނުމުގެ ކުރިން ރޫބިޔާ ހިފަހައްޓަން ޖެހޭނެއެވެ.

"މަންމާ" ޖިލްވާ ފަހަތުގައި ހުރެ ރޫބިޔާއަށް ގޮވާލިއެވެ. އެދަނޑިވަޅުގައި ކޮޓަރިއަށް ރޫބިޔާ ވަދެ މައްސަލަގަނޑު އިތުރަށް ބޮޑުވެދާނެތީ ޖިލްވާ ހުރީ ހުޝިޔާރުވެއެވެ.

"މަންމަ އިހަށް ކޮޓަރިއަށް ނުވަދޭ. މުޅި ތަނުގައި ބިއްލޫރި ހުރީ. މަންމަގެ ފައި ކެނޑިދާނެ" ޖިލްވާ ބުންޏެވެ. ރޫބިޔާ އެއްޗެއް ނުބުނެ ހިމޭނުން ހުއްޓައި ކުރިމަތިން ގޮސް ކޮޓަރިއަށް ވަދެ ޖިލްވާ ދޮރުލެއްޕިއެވެ.

**********

އެނދުގައި އޮތް ވިލިނީގެ ނަޒަރު ހުރީ އެއްދިމާލަކަށް ހުއްޓިފައެވެ. އޭނާގެ ދެއަތްތިލަ އޮތީ ދެމަހުގެ ބަނޑުމަތީގައި ބާއްވާލައިފައެވެ. މަތީގައި ހަރުކޮށްފައި ހުރި ފަންކާއިން އިވޭ އަޑު ނޫން އެހެން އަޑެއް ކޮޓަރިތެރެއިން ނީވެއެވެ. އެހެންނަމަވެސް ކުއްލިއަކަށް ވިލިނީގެ ދެކަންފަތަށް ހިލަންވެގެން ދިޔައީ މީހެއްގެ ސިއްރުވެރި ރުއިމެއްގެ އަޑު އިވޭހެން ހީވުމުންނެވެ. ބާލީސް މަތިން ބޯއުފުލާލާފައި ވިލިނީ ބަލައިލިއެވެ. އޭނާއަށް ހީވީ ހަމަ ރަނގަޅަށެވެ. މުސައްލަ މަތީގައި ސަޖިދައިގައި އޮތީ އާތިފާއެވެ. އާތިފާ އެރޮނީ ކީއްވެގެންކަން ވިލިނީއަށް އެނގުނެވެ. އެނދުން ތެދުވެ ހެޑްބޯޑުގައި ލެނގިލައިގެން އެ މަންޒަރު ބަލަހައްޓައިގެން ހިތުގައި ޖެހިފައި ވިލިނީ އިނެވެ.

ވިލިނީ އެނބުރި ރަށަށް އައީ އާތިފާއަށް އަންނަކަން އަންގާލުމެއް ނެތިއެވެ. އެހެންކަމުން ގޭތެރެއިން ކުއްލިއަކަށް ވިލިނީ ފެނުމާއެކު އާތިފާ ހައިރާންވިއެވެ. ފިރިމީހާއާއެކު ޗުއްޓީ ހޭދަކުރުމަށް ރަށަށް އައި ދަތުރެއްކަމަށް ހީކުރެވުނަސް ވިލިނީ ހުރި ގޮތުންނާ ކައިރީގައި އިތުރު މީހަކު ނެތުމުން އާތިފާގެ ހިތުގައި ސުވާލު އުފެދުނެވެ. އާތިފާއަށް ވިލިނީ ހުރީ ވަރިކޮށްފައިކަން އެނގުމުން ރޮއެގަތެވެ. ސަބަބު އޮޅުންފިލުވިއެވެ. އެ ކައިވެނީގެ ހަގީގަތް އާތިފާއަށް ވިލިނީ ކިޔައިދިނީ ދެނެވެ. ރޫބިޔާއަކީ ރަނގަޅު މީހެއް ނޫންކަންވެސް ވިލިނީ ބުނެދިނެވެ. އެއްބަނޑު އެއްބަފާ ދައްތަގެ ފަރާތުން ހުރި ހަމައެކަނި ދަރިފުޅަށް ލިބުނު ބޮޑު ހިތާމައިގެ ސަބަބުން އާތިފާއަށް ކަރުނަތައް ހިފަހައްޓައި ނުލެވުނީއެވެ. އޭނާގެ ލޮލުގައި ފޮތިއަޅާފައި ރޫބިޔާ އެފަދަ ރޭވުމެއް ރޭވީތީ އަދިވެސް އާތިފާ ހުރީ ގަބޫލުކުރަން ދަތިވެފައެވެ.

ބޯމައްޗަށް އުފުލާލައިގެން ދެލޯމަރައިގެން ހެޑްބޯޑުގައި ލެނގިގެން އިން ވިލިނީ ސިހުނީ ކައިރިއަށް އައިސް އާތިފާ ގޮވާލުމުންނެވެ. އާތިފާ އެދުނީ ނަމާދުކޮށްގެން ކާއެއްޗެއް ކެއުމަށް ބަދިގެފަރާތަށް އައުމަށެވެ. ކަރުނަވީ ދެލޮލަކުން އާތިފާގެ މޫނަށް ބަލައިލާފައި ވިލިނީ ބޯޖަހާލިއެވެ.

*********

ނަހީކްގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން އަންގައިދެނީ އޭނާގެ ހިތްހަމަޖެހިފައިވާ މިންވަރެވެ. ކުރިމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕުން ފެންނަން އިނީ މަންމަ ޝަލްބިޔާއެވެ. ދަރިފުޅުގެ އުފާވެރިކަން ފެނި ޝަލްބިޔާގެ މޫނުމަތި އުޖާލާވެފައިވިއެވެ. ގޭތެރެއިން ފޯނު ނެގި އަންހެންކުއްޖާގެ ވާހަކަ ޝަލްބިޔާ ނޭހީ އެވާހަކަ ކުރިން ނަހީކް ބުނާނެ ކަމަށެވެ. އެހެންނަމަވެސް ނަހީކް އެކަހަލަ ވާހަކައެއް ނުދެއްކިއެވެ. ރިންދާއާ ކައިވެނިކުރަން އުޅޭކަމުގެ އުފާވެރި ހަބަރު ނަހީކް ހިއްސާކުރިއެވެ.

ދުވަހުގެ ބާކީ އޮތް ގަޑިއިރުތަކަކީ ނަހީކަށް އުފާވެރި ވަގުތުތަކެކެވެ. އޭނާ ތައްޔާރުވަމުން އެދަނީ ރިންދާގެ ކައިރިން ކައިވެންޏަށް އަހާނެ ގޮތަކާ މެދުގައެވެ. އެވާހަކަ އޭނާ އެންމެ ފުރަތަމަ ހިއްސާކުރީ ޝަލްބިޔާއާއެވެ. އެހެނީ އޭނާގެ ދިރިއުޅުމުގައި ތިބި އެންމެ މުހިންމު ދެމީހުންނަކީ ރިންދާއާއި ޝަލްބިޔާއެވެ.

"މަންމަ ފުރަން ތައްޔާރުވާންވީ ދޯ" ޝަލްބިޔާ ބުންޏެވެ.

"އުނހު. މަހެއްހާ ދުވަސް ނަގާނީ. ރިދާ ގޮވައިގެން ދާނަން މަންމަ ބަލާ" ނަހީކް ބުންޏެވެ.

މޮޅެތި ރޭވުންތަކާއި ހުވަފެންތައް ހިތާއި ސިކުނޑިން ނަހީކް ދިޔައީ ރާވައި ވިސްނަމުންނެވެ. ކަންތައްތައް ރާވައި ހިންގުމުގައި ކުޅަދުންވަންތަ ފަރާތެއްވާކަމެއް އޭނާގެ ހަނދާނުގައި ނެތެވެ. ފަރުދާގެ ފުރަގަހުގައި އޭނާއާ ހިލާފަށް ބަޔަކު ރާވާ ރޭވުންގަނޑުގެ ހިލަންވެސް އޭނާއަށް ނުވެއެވެ.

"ޒޭވާއަކަށް ނުގުޅޭ. ގެއަށް އައިމަ ބުނައްޗެ ވަރަށް އަވަހަށް ގުޅައްޗޭ" ނަހީކް ބުންޏެވެ.

*********

ފަހަތުން މީހަކު ބައްދާލިހެން ހީވުމާއެކު ސަމީހާ ބަލައިލިއެވެ. ކައިރީގައި ހުރީ އޭނާގެ ދެލޯ ނޭދި އެދޭ ހަމައެކަނި ދަރިފުޅެވެ. ސަނާގެ ތުންފަތްމަތިން ފެންނަން ހުރީ މިއިން ދުވަހަކުވެސް ސަމީހާއަށް ފެނިފައިނުވާ ފަދަ ހިނިތުންވުމެކެވެ. ސަނާގެ މޫނުގައި ސަމީހާ ލޯތްބާއެކު ފިރުމާލިއެވެ. ހެއްދެވިފަރާތުން އެދެމައިންނަށް މިންވަރުކުރެއްވި އުފާވެރިކަމަށް ހިތާހިތުން ޝުކުރުކުރާ ހާލު ސަމީހާ ހީލިއެވެ.

"ބޭބެ ބުނީ މީގެފަހުން ބައްޕަ ކިޔާށޭ" ސަމީހާގެ ގައިގައި ބައްދާލަމުން ސަނާ ބުންޏެވެ. ސަމީހާއަށް ހީލެވުނެވެ. ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ފައިބައިގެން ދިޔައެވެ. ކައިރީގައި ބައިންދައިގެން ސަމީހާ ސަނާއަށް ވިސްނައިދިނެވެ. މާލެއަކީ ކޮންކަހަލަ ތަނެއްކަން ސަނާއަށް ބުނެދިނެވެ. ސްކޫލަށް ދާން ފެށުމުން އާ ރަހުމަތްތެރިން ލިބޭނެކަމާއި އާ މުދައްރިސުންނާ ބައްދަލުވެ ހަޔާތުގެ މުޅިން އާ ބާބެއް ފެށޭނެ ވާހަކަ ސަނާއަށް ބުނެދިނެވެ. އަންހެންކުއްޖެއްގެ އިތްފަތްތެރިކަމަކީ ކޮބައިކަމާއި އެއަށް ރައްކާތެރިވާން ޖެހޭނެކަން ހަނދާންކޮށްދިނެވެ. ގޭތެރޭގައި އުޅޭ ދެ ބޭބެއިންނަށް އިހުތިރާމްކުރުމަށާއި އަންހެންކުއްޖެގެ ގެވެހިކަމަކީ މީހަކާ އިންނަ ހިސާބުން ފެށޭ ކަމެއް ނޫންކަން ބުނެދިނެވެ. އެހެންކަމުން ބަންދު ދުވަހެއްވިޔަސް ފަތިހާ ބަދިގެއިން ސަނާ ދުށުމަށް ބޭނުންވާކަމަށް ސަމީހާ ބުނެދިނެވެ.

"ހާދަ މީރުވަހެކޭ"

ދެމައިންނަށް ފަހަތަށް ބަލައިލެވުނީ ފަހަތުން އިވުނު އަންހެން އަޑެއްގެ ސަބަބުންނެވެ. އޭރު ބަދިގޭގެ ވަކި ހިސާބަކަށް ރިންދާ ވަދެއްޖެއެވެ. ސަމީހާ ހީލިއެވެ. ރިންދާގެ ހާލުއަހުވާލު އޮޅުންފިލުވާފައި މެންދުރުގެ ކެއުމަށް ދައުވަތުދިނެވެ.

"ޔާލް މަތީގަތަ؟" ރިންދާ އެހިއެވެ. ސަމީހާ ބޯޖަހާލުމާއެކު ރިންދާ އެބައިން ނިކުތެވެ.

********

ފެންވަރައިގެން ނިކުތް އަޔާލްއަށް ކޮޓަރީގައި ޓަކި ޖަހާލި އަޑު އިވުނެވެ. އޭނާ ދޮރު ހުޅުވުމުގެ ކުރިން ޓީޝާޓަކާއި ސޯޓެއް ލިއެވެ. ދޮރު ހުޅުވީ ބޭރުގައި ހުރީ ރާޝިދު ކަމަށް ހީކޮށްފައެވެ. އެހެންނަމަވެސް ރިންދާ ފެނުމުން އަޔާލް ހިމޭންވިއެވެ. ލޯމަތީގައި ސިފަވެގެން ދިޔައީ ނަހީކްގެ އަތުގައި ހިފައިގެން ކޮޓަރިއަށް ރިންދާ ވަދެގެންދިޔަ މަންޒަރެވެ. ނަހީކާއެކު ކޮޓަރީގައި ރިންދާ ގިނައިރުވާން ފެށުމުން ކެތްނުވެގެން އަޔާލް އެންމެފަހުން އެގެއިން ނިކުމެގެމެން ގެއަށް އައިގޮތަށް ރިންދާއަށް ނުގުޅައެވެ.

"ރިދާ..." އަޔާލް ގޮވާލިއެވެ.

ރިންދާ އަޔާލްގެ ގައިގައި ބައްދާލިއެވެ. ދެލޯ މަރާލައިގެން އެތައް އިރަކު ހުއްޓެވެ. ރިންދާއަށް އަޔާލްގެ ދެއަތުގެ އިހުސާސްވަންދެން އެހެން ހުއްޓެވެ. ރިންދާގެ ގައިގައި އަޔާލް ދެއަތް ވަށާލީ އިރުކޮޅެއް ފަހުންނެވެ.

"ސޮރީ.... އަހަރެންނަށް މަޖުބޫރުވީ. އޭނައަށް ޝައްކެއްވާން ބޭނުންނުވީ. އޭނަ އައީ އަހަރެންނަށް އެނގިގެނެއް ނޫން. ޔާލް ކައިރީގަ ހުރީމަ ފޯނަށްވެސް ސަމާލުކަން ނުދެވުނީ. އަހަރެން އޭނަ ގޮވައިގެން ކޮޓަރިއަށް ވަނީ އެ އެންމެންގެ ކުރިމަތީގައި އަހަރެމެންގެ ރޭވުން ފަޅާ އަރާފާނެތީ. އަހަރެން ކުރަން އުޅޭ ކަމެއް ނޭނގޭތީ މަންމައާއި ބޭބެ މިއަދު ސުވާލު ބޮނޑިއެއް އޮއްސާލައިފި. އަހަރެންނަށް ނޭނގުނު ދޭނެ ޖަވާބެއް" އަޔާލްގެ ގައިގައި ބައްދާލައިގެން ހުރެ ރިންދާ ވާހަކަދެއްކިއެވެ. އަޔާލް އެއްޗެއް ބުނޭތޯ ހިމޭންކަމުގައި އިރުކޮޅަކު ހުއްޓެވެ. އަޔާލްގެ މޫނަށް ރިންދާ ބަލައިލީ އެއްވެސް އަޑެއް ނީވުމުންނެވެ.

"އަހަރެން މިއައީ ހަމަ ކެތްނުވެގެން. ޔާލް.... ކޮންމެވެސް އެއްޗެއް ބުނެބަލަ" ރިންދާ ބުންޏެވެ.

އަޔާލް ރިންދާގެ ގައިން ދޫކޮށްލާފައި ރިންދާގެ ދެލޮލަށް ބަލައިލިއެވެ. ހަގީގަތުގައިވެސް ރިންދާ ހިތުގައި ޖެހިފައި ހުރިކަން އެ ދެލޮލުން އެކަނިވެސް އަޔާލްއަށް ފެނިއްޖެއެވެ. އަޔާލް ހިފަހައްޓާލީ ރިންދާގެ ދެއަތްތިލައިގައެވެ.

"އަހަރެންނަކަށް އިތުރަކަށް ކެތެއްނުވާނެ. ހިނގާ މިކަން ނިންމާލަން" އަޔާލް ބުންޏެވެ.

"ކާމިޔާބީއާ ވަރަށް ގާތަށް އާދެވިއްޖެ" ރިންދާ ބުންޏެވެ.

އަޔާލް ފޫން ނޭވައެއް ދޫކޮށްލިއެވެ. ރިންދާގެ އަތުން ދޫކޮށްލާފައި ރިންދާއަށް ފުރަގަސްދިނެވެ.

"ހިނގާ މެރީކުރަން" ރިންދާ ބުންޏެވެ.

"އަހަރެން ރިދާއަށް ވަގުތު ދީފިން. އަހަރެން ކެތްކުރާނަން. އަވަސް އަރުވާލައިގެން މެރީކުރާކަށް ބޭނުމެއް ނޫން" އަޔާލް ބުންޏެވެ.

ބާކީ އޮތް ވަގުތުތަކުގައި ނަހީކާއެކު ކޮޓަރީގައި ދެކެވުނު ވާހަކަތައް ރިންދާ ކިޔައިދިނެވެ.

"މިރޭގެ ވަގުތެއްގަ މިއުޅެނީ ބަރަކްއާއެކު އޭނަގެ ލޫކް ސަރ އާ ބައްދަލުކުރަން ދާން. ރިދާ ދާނަންތަ؟" އަޔާލް ބުންޏެވެ.

*****

އެކުވެރިން ބަލާ އައުމުންވެސް ވިލިނީ ގެއިން ބޭރަށް ނުނިކުތެވެ. ވަރުބަލިވެ ބޯއަނބުރާ ގޮތް ވާތީ މުޅި ދުވަސް އެކީ ވިލިނީ ހޭދަކުރީ ކޮޓަރީގައެވެ. ފެންވަރައިގެން ނިކުމެ ލޯގަނޑު ކުރިމަތީ ހުއްޓިފައި އަމިއްލަ ސޫރައަށް ވިލިނީ ބަލައިލިއެވެ. ކުރީގެ ހަށިގަނޑެއް ވިލިނީގެ މިހާރު ނެތެވެ. މުޅި މީހާ ހިއްކާލައިފިއެވެ. ދެފަރާތަށް ވިލިނީ ބޯހޫރާލިއެވެ. ބޭކާރު ކަންތައްތަކާ ވިސްނަން ހަދައިގެން ގެއްލުންވާނީ ބަނޑުގައި އޮތް ދަރިފުޅަށްކަން އެނގޭތީ އަމިއްލަ ނަފްސަށް އިތުބާރާ ޔަގީންކަންދޭ ފަދަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. އެ ހިނިތުންވުމަކީ ވިލިނީގެ ހަޔާތުގެ ބާކީ އޮތް ދުވަސްތަކުގައި އުފަލާއި ހިތްހަމަޖެހުމުގައި ދުވަސްތައް ވޭތުކުރުމަށް ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅުމަށް އަމިއްލަ ނަފްސަށް ދިން ސިގްނަލެކެވެ.

އާތިފާ ކޮޓަރިއަށް ވަންއިރު ވިލިނީ ހުރީ އަނގައިން ލަވައެއްގެ ރާގު އަޅުވާލައިގެންނެވެ. އެގޮތުގައި ވިލިނީ ހުއްޓައި ފެނުމުން އާތިފާއަށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"މަންމަ މިއައީ މުނީރާއްތަ ގޯތިން މޭވާކޮޅެއް ހިފައިގެން. ތައްޔާރުވެގެން އާދޭ އިނގޭ އޭތިކޮޅު ކާލަން" އާތިފާ ބުންޏެވެ.

ވިލިނީ ބޯޖަހާލިއެވެ. ކުއްލިއަކަށް ބަނޑުކޮޅަށް އެރި ނުލަފާ ތަދަކާއެކު ވިލިނީއަށް އަނގައިން އަޑެއް ލެއްވުނެވެ. ދެވަނަ ސިކުންތުގައި އާތިފާ ޖައްސާފައި ހުރީ ވިލިނީގެ ކުރިމަތީގައެވެ.

"ތަދުވަނީތަ؟" ވިލިނީގެ ކޮންމެވެސް ވަރަކަށް ބޭރަށް ނިކުމެފައިވާ ބަނޑުގައި އާތިފާ އަތް ޖައްސާލިއެވެ.

"ކުޑަކޮށް. މިހާރަކަށް އައިސް އެގޮތަށް ތަދެއްވޭ. މަންމަމެންނަށްވެސް އެހެންވޭތަ؟" ހީލަމުން ވިލިނީ ބުންޏެވެ.

"މަންމަމެންގެ ޒަމާނުގަ ގަވައިދުން ޑޮކްޓަރަށް ދައްކާ ސްކޭންތަކާ އެއްޗެހި ނަހަދަން. ބަނޑުބޮޑުތޯ ބަލަން ޓެސްޓުތަކެއްވެސް ނަހަދަން. މަންމަމެންނަށް އެނގޭ ބަނޑުބޮޑުވީމަ. ވިހަންދެން ތަފާތު އުނދަގޫތަކެއްވޭ. ކެތްތެރިވެގެން ތިބެނީ. ﷲ އިރާދަކުރެއްވިއްޔާ މަންމަ ވިހޭ ތިން ދަރިންނަކީވެސް ސިއްހަތު ސަލާމަތުން ވިހޭ ކުދިން. އޭރު ރަށުގަ އެނބުރުނު ރޯގާ ގަނޑެއްގައި ދަރިފުޅުގެ ދޮއްޓަށް ވިހޭ ދެ ބޭބެ މަރުވިޔަސް އެކުދިން އުޅުނީކީ ބަލިކޮށެއް ނޫން" އާތިފާ ވާހަކަދެއްކިއެވެ.

"އެކަމު ދަރިފުޅަށް މާބޮޑަށް ތަދުވަންޏާ އަތޮޅު ހޮސްޕިޓަލަށް ދައްކާލަން މަންމައަށް ފެންނަނީ. މި ޒަމާނަކީ އަހަރެމެން ދުވަހަކުވެސް އަޑުނާހާ، ދުވަހަކުވެސް ހަބަރެއްނުވާ ތަފާތު އެކިކަހަލަ ބަލިތައް އުފަންވަމުން އަންނަ ޒަމާނެއް" ވިލިނީގެ ކޯތާފަތުގައި ފިރުމާލަމުން އާތިފާ ބުންޏެވެ.

މީހަކު ސަލާން ގޮވާލި އަޑު އިވުނީ އެވަގުތުއެވެ. ގޭތެރޭ ދޮރާ ދިމާލަށް ދިޔައީ އާތިފާއެވެ. ދޮރުމަތީގައި ހުރި ޒުވާނާ ފެނިފައި އާތިފާގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެކެވެ. ޔަގީނުންވެސް އެއީ ބީރައްޓެއްސެކެވެ. ހެދުން އެޅުމުގައި ތަފާތުގޮތެއް ހުރި ރީތި ޒުވާން ފިރިހެންކުއްޖެކެވެ.

"ވި....ވިލިނީ...." ލައިދު ބުންޏެވެ.

"ކާކު އައީ؟" ކޮޓަރިން ނިކުތް ވިލިނީ ބުންޏެވެ.

ލައިދުއާއި ވިލިނީގެ ނަޒަރު އެކަކު އަނެކަކާ ބައްދަލުވުމާއެކު ދެމީހުންވެސް ހުއްޓުން އެރިއެވެ. ރަށުން ވިލިނީގެ ގެއިން ލައިދު ފެނުމުން ވިލިނީ ހައިރާންވިއެވެ. ހަނދާންވީ ފުރަން އުޅުނު ދުވަހު ފަހުފަހަރަށް ލައިދުއާ ބައްދަލުކުރި ދުވަހު ދެމީހުންގެ މެދުގައި ދެކެވުނު ވާހަކައިގެ ތެރެއިން ލައިދު ބުނި ޖުމްލައެކެވެ.

"ތި ދަރިފުޅުގެ ބައްޕަގެ މަގާމު އަހަރެންނަށް ދީ. އަހަރެންނާ ދުރަށް ނުދޭ. އަހަރެންގެ މައިންބަފައިން ތިބީ ތިދެމައިން ބަލައިގަންނަ ގޮތަށް. ހިނގާ އަހަރެންނާއެކު އަހަރެންގެ ގެއަށް" ލައިދު ބުންޏެވެ.

ވިލިނީ އެކަމަށް އިންކާރުކުރިއެވެ. ވިހައިގަދަވެގެން ނޫނީ ދިރިއުޅުމާ މެދު ގޮތެއް ނުނިންމާނެ ކަމަށް ވިލިނީ ބުންޏެވެ. އެހެން ހުރިހާ އެއްޗަކަށް ވުރެވެސް ބޮޑަށް ވިލިނީއަށް މުހިންމީ ބަނޑުގައި އޮތް ދަރިފުޅު ކަމުގައި ބުންޏެވެ.

"ވިލީގެ ކޮންމެ ތަނަކަށް ދިޔަސް ފަހަތުގަ އަހަރެން ހުންނާނެ" ޓެކްސީއާ ދިމާލަށް ވިލިނީ ހިނގައިގަތް ހިނދު ލައިދު ބުނެލި އަޑު އިވުނެވެ.

ވިލިނީ ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. ލައިދު ބުނިހެން އޭނާ އެހެރީ ވިލިނީގެ ފަހަތުގައެވެ. ދުރުކުރަން އުޅެއުޅެވެސް ލައިދު ދުރަށް ނުދިޔައެވެ. ވިލިނީގެ ލޮލުން ވެއްޓުނީ ކަރުނަތިއްކެކެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟