ޚަބަރު

ދިރާގާއި މަސްވެރިންގެ ޖަމިއްޔާ ގުޅިގެން "ޔަންގް ފިޝާސް ކްލަބް" ތައާރަފުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ދިރާގާއި ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމިއްޔާ ގުޅިގެން "ޔަންގް ފިޝާސް ކްލަބް" ތައާރަފުކޮށްފިއެވެ.

މި ކްލަބުން މަސްވެރިކަމާއި ކަނޑުގެ މާހައުލާއި ދެމެހެއްޓެނިވި އާދަކާދަތައް ދަރިވަރުންނަށް ތައާރަފުކޮށް އަސާސީ މައުލޫމާތު ފޯރުކޮށްދީ، އެ އާދަތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ދަސްކޮށްދޭނެއެވެ.

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ މި ޕައިލެޓް ޕްރޮގުރާމް އިފުތިތާހުކޮށްފައި ވާނީ ހއ. އިހަވަންދޫ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ސްކޫލުގައި މި ކްލަބް ރަސްމީކޮށް އިފުތިތާހުކޮށްފައި ވަނީ ގްރޭޑް 7 އަދި 8ގެ 52 ދަރިވަރުންނާއެކުއެވެ. އޭގެ ތެރޭގައި 30 އަންހެން ކުދިންނާއި 22 ފިރިހެން ކުދިން ހިމެނެއެވެ.

މިގޮތުން މި ކްލަބުން ކުދިންނަށް މަސްވެރިކަމުގެ ސިނާއަތާ ބެހޭ އެކި މައުލޫމާތު ދަސްކޮށްދިނުމަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ހޭންޑްސް އޮން ޕްރެކްޓިކަލް ސެޝަންތަކެއް ކުރިއަށްގެންދާނެއެވެ.

މި ސެޝަންތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް ރާއްޖޭގެ މަސްވެރިކަމުގެ ތާރީހާއި ކަނޑުގެ މާހައުލާއި މޫސުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ޑިޒާސްޓާ މެނޭޖްމެންޓާއި ބަޔޯޑައިވަސިޓީއާއި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ފަސްޓް އެއިޑް، މަސްވެރިކަން މެނޭޖުކުރުމާއި ޕޯސްޓް ހާބަޓް ޓެކްނޮލޮޖީއާއި ނެވިގޭޝަން އަދި ކޮމިއުނިކޭޝަން ސްކިލްސް ކިޔަވައިދޭނެއެވެ.

ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ ޒުވާނުން ކުރިއަރުވާ ބާރުވެރިކުރުމަކީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގުރާމުގައި ވަރަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދެވިފައިވާ ދާއިރާއެއް ކަމަށެވެ.

އެގޮތުން މި މުހިންމު ޕްރޮގުރާމަށް އެއްބާރުލުން ދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ދިރާގުގެ އުންމީދަކީ މި ޕްރޮގުރާމުގެ ސަބަބުން ދެމެހެއްޓެނިވި އާދަކާދަތަކާއި ޓެކްނޮލޮޖީތަކަށް ކުދިން އަހުލުވެރިވުމުގެ އިތުރުން ކަނޑުގެ މާހައުލަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެ ދާއިރާއިން ކުރިއަށް ދިއުމަށް ޒުވާނުން ބާރުވެރިކުރުވުން ކަމަށެވެ.

ރާއްޖޭގެ ޒުވާން ޖީލު މަސްވެރިކަމުގެ ސިނާއަތަށް ބާރުވެރިކޮށް އެ ދާއިރާ މުޅިން އާ ހަރުފަތަކަށް ގެންދިއުމަށް ފެށި މި ޕްރޮގުރާމަށް ދިރާގުން ދޭ އެއްބާރުލުމާއި އެހީއަށް ޝުކުރުއަދާކޮށް މަސްވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުالله ޝާކިރު މުހައްމަދު ވިދާޅުވީ މި ޕްރޮގުރާމަކީ މަސްވެރިކަމުގެ ދާއިރާ މިހާރަށްވުރެ ޕްރޮފެޝަނަލް، އިތުބާރުކުރެވޭ އަދި ހީވާގި މަސައްކަތްތެރިން އުފައްދާ އަދި ދިވެހި މަސްވެރިކަމުގެ ސިނާއަތް ކުރިއަށްދިއުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޔަންގް ފިޝާސް ކްލަބްގެ ހަރަކާތްތައް މުޅި ދިރާސީ އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތްތަކުގެ ތެރޭގައި ފިޝަރީޒް ހާވެސްޓިން އާއި ޕޯސްޓް ހާވެސްޓިން ދާއިރާއާއި ސަސްޓެއިނަބިލިޓީ ޕްރެކްޓިސްތަކާއި ގުޅޭ ޕްރޮގުރާމުގެ ތެރެއިން ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ މުހިންމު ދާއިރާތަކަށްވެސް އަލިއަޅުވާލާނެއެވެ.