އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސް މަރާލިކަން އެ މައްސަލާގައި ދައުވާ އުފުލި 18 އަހަރު ނުވާ ކުޑަކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޖުލައި 31 2017 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ އަނަސް މަރާލި މައްސަލާގައި ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ހާދިސާ ހިނގި އިރު، އެ ކުއްޖާގެ އުމުރަކީ 17 އަހަރެވެ. އުމުރުން މިހާރު 21 އަހަރުގެ އެ މީހާގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން މިދިޔަ އަހަރު ނިންމުމުން އޭނާ ހުރީ ބަންދުން ދޫވެފައެވެ.

ޖުވެނައިލް ކޯޓުގެ އެ ނިންމުން ދައުލަތުން މިދިޔަ އަހަރު ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ސިއްރުކޮށްގެން މިއަދު ހައިކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

އަނަސް މަރާލި މައްސަލާގައި އޭނާގެ އިތުރުން ހަތް މީހަކަށް ދައުވާ ކުރެއެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާއާއި ސ. ފޭދޫ/ ވެސްޓަންވިލާ، ހަސަން މަހްފޫޒާއި ތ. ކިނބިދޫ/ ގުލްފާމުގޭ، މުހައްމަދު ޝާޒްއާއި ލ. ގަން/ ތުނޑީ، ނަންނާރިގޭ، ޖުނައިހު އަބްދުﷲ އާއި މ. ދިމިޝްގު/ އުސްމާން ޝަރީފާއި ޅ. ކުރެންދޫ/ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގޭ/ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުން، އަނަސްއަށް ގްރޫޕަކުން ހަމަލާދީ މަރާލީ އޮޅުމަކުންނެވެ.