ޚަބަރު

އެއްޖިންސުން ގުޅުން ހިންގުމާއި ދީނަށް ފުރައްސާރަކުރުން ބޮޑު ކުށަކަށް ހަދަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގުމާއި ދީނަށް ފުރައްސާރަކުރުމުުގެ ކުށްތައް ހިމެނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.

އެއްޖިންސުން ގުޅުން ހިންގުމަކީ މީހަކު މެރުން ފަދަ ޖިނާއީ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގާސިމް ހުށަހެޅުއްވި އިސްލާހު ބަލައިގަތުމަށް ވޯޓު ދެއްވީ އެ ވަގުތު ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން 13 މެންބަރުންނެވެ. ބިލު ބަލައިނުގަތުމަށް 25 މެންބަރުން ވޯޓު ދެއްވިއެވެ.

އިސްލާމުދީނަށް ތައުހީނު ކުރުމާއި މާތް ﷲ އާއި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުން ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ގާސިމް ހުށަހެޅުއްވި ބިލު ބަލައިގަތުމަށް ވޯޓު ދެއްވީވެސް 13 މެންބަރުންނެވެ. ބިލު ބަލައިނުގަތުމަށް 22 ބޭނުން ވޯޓު ދެއްވިއެވެ.

ގާސިމް ވިދާޅުވީ، އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި އިސްލާމް ދީނުގައި ނުހަނު ބޮޑަށް ނަހީކުރައްވާފައިވާ ހުތުރު ފާހިޝް އަމަލެއްކަމުގައިވާ "ލިވާތު" އަދި "ސިހާގު" ގެ ކުށް ހިމަނަން ޖެހޭނެ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގުމަކީ އާދައިގެ ކުށެއް ކަމަށް ދެކި އެފަދަ އަމަލުކުރާ ފަރާތްތައް ތަހުގީގު މަރުހަލާއަށް ފަހު ފަސޭހައިން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބޭނަމަ، ޝަރީއަތުގެ މަރުހަލާ ނިމުމުގެ ކުރިންވެސް އެ ނުރައްކާތެރި އަމަލު އެހެން ބަޔަކާ އެކު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެއްޖިންސުން ގުޅުންހިންގާ މީހުންނަކީ ނުރައްކާތެރި ބައެއް ކަމަށާއި އެފަދަ މީހުންގެ ވަސްވާސް އެމީހާގެ އާއިލާ އާއި މުޅި މުޖުތަމައަށް ފޯރުމުގެ ކުރިން އެކަހެރިކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

ޖިނާއީ އިޖުރާތުގެ ގާނޫގައި ބޮޑެތި ކުށްތަކުގެ ގޮތުގައި މިހާރު އޮންނަނީ މީހުން މެރުމާއި ރޭޕުކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ޓެރަރިޒަމާއި މަނީ ލޯންޑަރިންއާއި މަސްތުވާތަކެތި ޓްރެފިކްކުރުން ފަދަ ކުށްތަކެކެެވެ.

އެއްޖިއްސުން ގުޅުން ހިންގުމުގެ ކުށާއި އޭގެ އަދަބު މިހާރު ކަނޑައަޅާފައި ވަނީ ގާނޫނުލްއުގޫބާތުގައެވެ. އެ ގާނޫނުގެ 411 މާއްދާގައިވާ ގޮތުން ކައިވެނި ކޮށްގެން ހުރި މީހަކު އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށްތަކަކީ އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނަ ކުށްތަކެވެ. އެންމެ މަތީ އަދަބަކީ ދެ އަހަރުގެ ޖަލު ހުކުމެކެވެ.

އަދި ކައިވެނި ނުކޮށް ހުންނަ މީހަކު އެއްޖިންސުން ގުޅުން ހިންގުމަކީ ޖުނަހުގެ ދެ ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ އަސާސީ މިންގަނޑުން ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް އަންނަ ކުށްތަކެވެ. އެންމެ މަތީ އަދަބަކީ ހަ މަހުގެ ޖަލަށްލުމެވެ.

ދީނަށް ފުރައްސާރަކުރުން ބޮޑު ކުށަކަށް ހަދަން ގާސިމް ހުށަޅުއްވާފައި ވަނީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށްތަކުގެ ގޮތުގައި ކަނޑައެޅުމަށެވެ. އަސާސީ މިންގަނޑުން ބަލައި އިރު، އެއީ ހަ އަހަރުގެ ޖަލު ހުކުމެއް އަންނަ ފަދަ ކުށްތަކެވެ. އެންމެ ބޮޑު އަދަބަކަށްވާނީ 15 އަހަރުގެ ޖަލު ހުކުމެކެވެ.

ގާނޫނުލްއުގޫބާތުގައި މިހާރު އޮންނަނީ އިސްލާމީ ދީނާ ދެކޮޅު އަމަލުތަކަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. އެއީ އަސާސީ މިންގަނޑުން ބަލާ ނަމަ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކުށެކެވެ. އެންމެ މަތީ އަދަބަކަށް ވާނީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.