މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސަރުކާރުން ޖުމުލަ 2.4 ބިލިއަން ރުފިޔާގެ ދަރަނި ދައްކައިފިއެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި ލޯނުތައް އަދާކުރުމަށް ޖަހާފައިވަނީ 2.86 ބިލިއަން ރުފިޔާއެވެ. އެއީ މި އަހަރުގެ ބަޖެޓުގެ 15 ޕަސެންޓެވެ. މިގޮތަށް ނިންމާފައިވަނީ ރާއްޖޭގެ ދަރަނި އެއް އަހަރުން އަނެއް އަހަރަށް މަތިވަމުންދާ ދިއުން ހުއްޓުމަށެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ހަފުތާގެ މާލީ ބަޔާނުގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 2.49 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދައްކައިފައެވެ.
މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާ ހަމައަށް ރާއްޖޭގެ ދަރަނީގެ ހާލަތު ހުރި ގޮތުގެ ރިޕޯޓުން ދައްކާ ގޮތުން ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ޒިންމާ ނަގާ ގޮތަށް އެކި ފަރާތްތަކުން ނަގާފައިވާ ދަރަނީގެ ޖުމުލަ 98.9 ބިލިއަން ރުފިޔާއަށް އަރައެވެ.
އެއީ މިދިޔަ އަހަރު ނިމުނުއިރު، ދަރަނި ހުރި އަދަދާ އަޅާބަލައި އިރު 4.8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި އަހަރުގެ ދެވަނަ ކުއާޓާއާއި ތިންވަނަ ކުއާޓާގެ ދަރަނީގެ ހާލަތު ހުރި ގޮތުގެ ރިޕޯޓު އަދި މިނިސްޓްރީން އާއްމުކޮށްފައި ނުވެއެވެ.
ސަރުކާރުގެ ދަރަނި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އިތުރުވީ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ނެގި ދަރަނި އިތުރުވުމާ ގުޅިގެންނެވެ. ނަމަވެސް ރާއްޖެއިން ދައްކަންޖެހޭ ދަރަނިތައް ދެއްކޭނެ ކަމަށާއި ރާއްޖެ ބަނގުރޫޓް ނުވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ދައުލަތުގެ މާލިއްޔަތާ ބެހޭ ވަޒީރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.
މިދިޔަ ސެޕްޓަމްބަރު މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މައުލޫމާތު ދެއްވަމުން އަމީރު ވަނީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އަދި 100 މިލިއަން ޑޮލަރު ދަރަންޏަށް ހޯދަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެ އަދަދު ހޯދަންޖެހެނީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން ހޯދަން ކަނޑައެޅި އަދަދު ނުލިބުމުންނެވެ.
މިއަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން 200 މިލިއަން ޑޮލަރު (3.08 ބިލިއަން ރުފިޔާ) ހޯދަން ކަނޑައެޅި ނަމަވެސް އޭގެ ތެރެއިން ލިބުނީ 100 މިލިއަން ޑޮލަރު ކަމަށް އަމީރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު