އެސްއެމްއީ ހަބުން ކާބޯތަކެތީގެ ވިޔަފާރިކުރުމަށްޓަކައި ކުއްޔަށް ދޫކުރަން ނިންމާފައިވާ ކިއޮސްކުތަކަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
އެ ކޯޕަރޭޝަނުން ރޭ ކުރި އިއުލާނެއްގައި ބުނީ ޗާންދަނީ މަގުގައި ހުންނަ އެސްޓީއޯ އެލައިޑް ބިލްޑިންގުގައި ހުޅުވުމަށް ނިންމައިފައިވާ "އެސްއެމްއީ ހަބް"ގެ ފުރަތަމަ ފަންގިފިލާއިން ކާބޯތަކެތީގެ ވިޔަފާރިކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނީ މިއީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު އެ ކޯޕަރޭޝަނުން މިއަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމައިފައިވާ ހަބެއް ކަމަށެވެ.
ބިޒްނަސް ސެންޓަރުން ބުނީ އެ ކޯޕަރޭޝަނުން މިފަދަ ހަބެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެކި ދާއިރާތަކުން ވިޔަފާރި ކުރާ ފަރާތްތަކަށް މާކެޓް އެކްސެސް ހޯދައިދިނުމާއި، އެ ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުން ކަމަށެވެ.
އެގޮތުން އެސްއެމްއީ ހަބުގެ ފުރަތަމަ ފަންގިފިލާގެ ކިއޮސްކުތައް ހާއްސަކޮށްފައިވަނީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތަކަށް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެހެންކަމުން އެ ކިއޮސްކުތައް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެތަން ބަލައިލުމުގެ ފުރުސަތު މިމަހުގެ 16 އަދި 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް ހުޅުވާފައިވާ ހުންނާނެ ކަމަށެވެ. އަދި އެ ކިއޮސްކުތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ބީސީސީގެ މައި އޮފީސް، މ. ކަނީރުވިލާގެ ފުރަތަމަ ފަންގިފިލާއަށް ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
އޭގެ އިތުރުން އެ ކޯޕަރޭޝަނުން ބުނީ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ. މި ކިއޮސްކުތަކުގެ ކުއްޔަކީ މަހަކު 8000 ރުފިޔާ އާއި 12000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު