އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި އާސެނަލް ކުޅުނު މެޗުގައި އަނިޔާވެ ކޮލަމްބިއާގެ ވިންގް، ލުއިސް ޑިއާޒް ކުރިއަށް އޮތް ދެމަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް މެޑިކަލް ރިޕޯޓުތަކާ ހަވާލާދީ ނޫސްތަކުން ބުނެފިއެވެ.

ޑިއާޒަށް އަނިޔާވީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޑިއާޒްގެ ބަދަލުގައި ލިވަޕޫލަށް ކުޅެން ނެރުނީ ރޮބާޓޯ ފިރްމީނޯއެވެ. އާސެނަލްގެ ތޯމަސް ޕާޓޭގެ ޗެލެންޖަކުން ޑިއާޒްގެ ކަކުލަށް އަނިޔާވެ، ބާލަން ޖެހުނީ ކުޅުން ކުރިއަށް ނުގެންދެވިގެންނެވެ. ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ޔާގަން ކްލޮޕް ބުނެފައިވަނީ ޑިއާޒްގެ އަނިޔާ ފެންނަނީ ގޯސްކޮށް ކަމަށެވެ.

މިއަދުގެ ސްކޭންތަކުން އެކަން ޔަގީންވެފައިވެސް ވެއެވެ. ނޫސްތަކުން ބުނެފައިވަނީ ޑިއާޒްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ސާޖަރީއަކަށް ދާން ނުޖެހުނު ނަމަވެސް ވޯލްޑް ކަޕްގެ ކުރިއަށް މެޗެއް ނުކުޅެވޭނެ ކަމަށެވެ. ކޮލަމްބިއާ މިފަހަރު ވޯލްޑް ކަޕަށް ކޮލިފައިވެފައި ނުވުމުން ޑިއާޒަށް ރިކަވަރީއަށް ވަގުތު ލިބޭނެ ނަމަވެސް ވޯލްޑް ކަޕްގެ ކުރިން ލިވަޕޫލުން ކުޅެން އޮތް 10 މެޗު އޭނާއަށް ގެއްލޭނެއެވެ.

ޑިއާޒް އެނބުރި އަންނާނެ ކަމަށް ލަފާކުރެވެނީ ޑިސެންބަރު މަހުގެ ފަހުކޮޅުގައެވެ. އެއީ ވޯލްޑް ކަޕަށްފަހުއެވެ. ގަތަރު ވޯލްޑް ކަޕް އަންނަ މަހު 20 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ އިރު، މިއީ ކްލަބު ފުޓުބޯޅަ ސީޒަނުގެ ތެރެއިން ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ ވޯލްޑް ކަޕް ފިނި މޫސުމުގައި ބާއްވަނީ ގަތަރަކީ ހޫނު ގަދަ ގައުމަކަށްވުމުންނެވެ.

ޑިއާޒްގެ އިތުރުންވެސް ލިވަޕޫލަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައެވެ. އެގޮތުން އެޓީމުގެ އިނގިރޭސި ޑިފެންޑަރު ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑްވެސް މިވަގުތު ހުރީ އަނިޔާގައެވެ. އަދި އަނެއްފަޅިން ފަހަތަށް ކުޅޭ އެންޑީ ރޮބާޓްސަންއާއި މެދުތެރެއިން ނަބީ ކެއިޓާގެ އިތުރުން އަލަށް ގެންދިޔަ އަރުތޫރް މެލޯއަށްވެސް ވަނީ އަނިޔާވެފައެވެ.