އަލަށް ވަޒީފާއަށް ނުކުންނަ ދުވަހު ހާސްވުމަކީ އާންމު ކަމެކެވެ. ވަޒީފާއަށް ނުކުންނަން އޮންނަ ދުވަހުގެ ކުރީން ރޭ ހަމަ ނިދި ނުލިބުމަކީ ނުވަތަ ދުވަހެއް ދެދުވަސް ވަންދެން ހާސްވެފައި ހުރުމަކީ ވެސް އާދައިގެ ކަމެކެވެ.
އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް އާ ވަޒީފާއެއްގެ ފިކުރަކީ ވަގުތީ ކަމެއްކަން ހަނދާނުގައި ބަހައްޓާށެވެ. ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން ތިމާގެ އާ ޒިންމާތަކާ ބެހޭ ގޮތުން އެކަށީގެންވާ ވަރަށް ދަސްވެ، އާ މާހައުލުގައި ހުރި ގިނަ ކަންތައްތަކަށް އަހުލުވެރިވުމުން މި ހާސްވުމަކީ އެއްވެސް ކަމެއްނޫންކަން އަމިއްލައަށްވެސް އިހުސާސް ކުރެވޭނެއެވެ.
ވަޒީފާގެ ފުރަތަމަ ދުވަހު އުފެދޭ ހާސްކަމާއި ފިކުރުތަކުގައި ސަބަބުތައް ވެސް ގިނައެވެ. ފުރަތަމަ ދުވަސް ކަމުން، ރަނގަޅު އިމްޕްރެޝަނެއް އުފެއްދުން މުހިންކަން އަމިއްލައަށްވެސް އިހުސާސްކުރެވެއެވެ. ޓީމު މެންބަރުން ދެނެގަތުމާއި އެމީހުން ތިމާއާ މެދު ދެކޭނެ ގޮތާމެދުވެސް ވިސްނޭނެ އެވެ. ޓީމާއެކު ހަމަޖެހިލައި، އެކި ޑިޕާޓްމަންޓްތައް ދެނެގަތުމާއި ކާކު އުޅެނީ ކޮންތާކުތޯ، ކާކާ ކޮންކަމަކާތޯ ޑީލް ކުރަން ޖެހެނީ އާއި ހައިރާކީ އޯޑަރުވެސް ދެނެގަންނަން ޖެހޭ ދުވަހަކީ މިއީއެވެ. އެހެންކަމުން ހާސްކަމެއް ކުރިމަތިވުމަކީ ނުވާނެކަމެއް ނޫނެވެ. އެކަމަކު އެކަމާ މާބޮޑަށް ކަންބޮޑު ނުވާށެވެ.
އާ ވަޒީފާއަށް ނުކުތުމަށް، އާ ޒިންމާއާ ހަވާލުވުމަށް، އާ މަސައްކަތުގެ ޑެސްކުގައި އިށީނުމަށް، އާހަފުތާގެ ފުރަތަމަ އާ ފެށުމަށް ތައްޔާރުވުމުގައި އަވަހަށް ހާސްކަމާއި ކަންބޮޑުވުމާއި ފިކުރުތައް ދުރުކޮށްލާށެވެ. ޖޯޝާއި ފޯރިއާއެކު، ވަޒީފާގެ ފުރަތަމަ ހަފުތާއަކީ ފިނިފެންތައްޓެއް ބުއިންހާ ފަސޭހަކަމަށް ހެދުމަށް ތިރީގައި މިހިމަނާލަނީ 8 ކަމެކެވެ.
- 1- ގަޑީގެ ފަނަރަ މިނިޓް ކުރީން އޮފީހަށް ދެވޭނެ ގޮތަށް ގެއިން ނުކުންނަންވާނެއެވެ.
- 2- ބޭރުފުށުން ފެންނަ ސިފަ ވަރަށް މުހިންމުވާނެތީ، ހެދުން އެޅުމުގައި ރަނގަޅު ވިސްނުމެއް ގެންގުޅޭށެވެ.
- 3- ހިނިތުންވުމާއެކު ނިހާޔަތަށް މަޑުމައިތިރިކަމާއި އަދަބުއަދާކުރުމުން އަނެކުންގެ ހިތް ލެނބޭނެކަން ދަންނާށެވެ.
- 4- މެންދުރުގެ ކެއުމަށް ނުވަތަ އެނޫންވެސް ބްރޭކެއް ލިބޭ މަސައްކަތެއް ނަމަ ބްރޭކް ނަގައި ރިލެކްސް ވެލާށެވެ.
- 5- ކޮންމެ މީހަކާ ވާހަކަ ދެއްކިއަސް ލޮލާއި ލޯ ބައްދަލުކޮށް ހިނިތުންވެ ހުރެ، ޖަވާބުދީ ސުވާލުކުރާށެވެ.
- 6- ފެންނަން ތިބި އެންމެންގެ ނަންތައް ދެނެގަތުމަށްސަމާލުވެ، އެމީހުން އެންމެ ގަޔާވެ ރުހޭ ނަންތައް ދެނެގަންނާށެވެ.
- 7- އެންމެނާވެސް ވާހަކަ ދައްކާށެވެ. އެއްވެސް ވަރަކަށް ބީރައްޓެހި ނުވަތަ ބޮޑާކަން ނުދައްކާށެވެ.
- 8- ތިމާއަކީ އަމިއްލަ ނަފުސަށް އިތުބާރާއި ޔަގީންކަން ހުރި މީހެއްގެ ގޮތުގައި އެންމެނާވެސް ކުރިމަތިލާށެވެ.
އަބަދުވެސް އެއްކަމެއް ހަނދާނުގައި ބަހައްޓާށެވެ. ވަޒީފާގެ މާހައުލާއި އަމިއްލަ ދިރިއުޅުމާ މަސްހުނި ނުކުރާށެވެ. ވަޒީފާގެ މާހައުލުގައި ހިނިތުންވެ، ލީޑަޝިޕްގައި އިސްނަގާ މީހަކަށްވެ، އެހެންމުވައްޒަފުންގެ ހިތްހަމަޖެހުމަކަށް އަދި އުފަލަކަށް ވަޒީފާގެ މާހައުލުގެ ރޫހަށް، ޖޯޝަށް ވުމަށް ހިތްވަރު ކުރާށެވެ. އަނެކުންގެ ލޯތްބާއި އިހުތިރާމު ލިބިގަތުމަށްޓަކައި އެންމެ ފުރަތަމަ ތިމާގެ ފަރާތުން އަނެކުންނަށް އެލޯތްބާއި އިހުތިރާމު ދޭންޖެހޭނެކަން ހަނދާނުގައި ބަހައްޓާށެވެ. ވަޒީފާގެ ފުރަތަމަ ދުވަހު ތިމާގެ ފަރާތުން ދެއްކޭ އިމޭޖް ނުވަތަ ސިފަ، ވައްޓަފާޅިއާއި ކަންތައް ބަހައްޓާ ގޮތް އަނެކުންގެ ނަޒަރުގައި އަބަދުގެ އަބަދަށް ހަރުލާނެކަން ހަނދާނުގައި ބަހައްޓާށެވެ. ހަމައެހެންމެ، ވަޒީފާގެ ފުރަތަމަދުވަހު ތިމާގެ ފަރާތުން ފެންނަ ޔަގީންކަމާއި ހިތްވަރާއި ކެރުމަކީ އެވަޒީފާގައި ކުރިއަށްދިއުމުގެ ހަރުދަނާ ބިންގާކަންވެސް ދަންނާށެވެ. އިމާރާތް ފުރިހަމައަށް ސީދަލަށް ބިނާކޮށް މައްޗަށް ނަގަމުން ގެންދެވޭނީ، ބިންގަލުގެ ހުރި ސީދާކަމަކާއި ގަދަފަދަކަމަށްކަންވެސް ދަންނަންވާނެއެވެ. ތިމާގެ ކުރިއެރުމަށް މަސައްކަތް ކުރާނީ ތިމާއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް