ހުޅުމާލެ ފޭސް ދޭއްގައި އިތުރު ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
މިއީ ފޭސް ދޭއްގައި އިމާރާތްކުރާ ފަސް ވަނަ ސްކޫލެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ ކޮންޓްރެކްޓް ފައިނޭންސިންގެ އުސޫލުން ޑިޒައިން އެންޑް ބިލްޑް ޕްރޮޖެކްޓެއް ގޮތުގައި ހަވާލުކުރި ޕްރޮޖެކްޓެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. އަދި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު މުހައްމަދު ހައިޝަމެވެ.
މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 241.6 މިލިއަން ރުފިޔާއަށް 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ 2024 ވަނަ އަހަރުގެ މާޗު މަހުގެ ފަހުކޮޅު އިމާރާތުގެ މަސައްކަތް މުޅިން ނިމި، އެ އަހަރުގެ ދެވަނަ ޓާމް ކިޔެވުން ފެށޭއިރު މި އިމާރާތް ބޭނުންކުރަން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މި ސްކޫލުގައި 54 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި ހަތަރު ލިފްޓާއި އަދި ސްކޫލެއްގައި ހިމެނެން ޖެހޭ ހުރިހާ ވަސީލަތްތައް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މި ސްކޫލަކީ K-10 ސްކޫލެއް ކަމަށާއި މި ސްކޫލްގެ މުވައްޒަފުން ޕާކު ކުރުމަށް ޕާކިން އޭރިއާއެއް ވެސް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު