ނަފްސާނީ ދުޅަހެޔޮކަަމަށް ދޭ ފަރުވާގެ އަގުތައް ހެޔޮކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަށް ދޭ ސަމާލުކަން އިތުރުކޮށް، އެކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އަވަހަށް ލިބޭ، އަގުހެޔޮ ނަފުސާނީ ދުޅަހެޔޮކަމުގެ ފަރުވާއަކީ އެންމެންނަށްވެސް ލިބެންޖެހޭ ހައްގެއް،" ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފުސާނީ ސިއްހަތު ދުވަހުގެ ގޮތުގައެވެ. މި އަހަރުގެ މިދުވަހުގެ ޝިއާރަކީ "މޭކް މެންޓަލް ހެލްތު އެންޑް ވެލްބީން ފޯ އޯލް އަ ގްލޯބަލް ޕްރައޯރިޓީ" މިއެވެ.

ސަރުކާރުން ވަނީ ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި މިއަދު ވަނީ މެންޓަލް ހެލްތު ސެންޓަރެއް ހުޅުވައިފައެވެ. އަދި ބައެއް ރީޖަނަލް ހޮސްޕިޓަލުތަކުގައިވެސް ނަފުސާނީ ބައްޔަށް ފަރުވާ ކުރެވޭ ގޮތް ވަނީ ހަދައިފައެވެ.