ގޫގުލް އެންމެ ހާއްސަ ފޯނު ކަމަށްވާ ޕިކްސެލް 7 އަދި ޕިކްސެލް 7 ޕްރޯ ފޯނުތަކާއި އެކު ކުންފުނީގެ ފުރަތަމަ ސުމާޓް ގަޑި ކަމަށްވާ ޕިކްސެލް ވޮޗް ދައްކާލައިފައެވެ.
599 ޑޮލަރަށް ޕިކްސެލް 7 އަދި 899 ޑޮލަރުގެ ޕިކްސެލް 7 ޕްރޯ ފޯނު ގަންނަން ލިބޭނެއެވެ. މި ފޯނާއި ގަޑީގެ މައުލޫމާތު ފުރަތަމަ އިއުލާން ކޮށްފައިވަނީ މެއި މަހު ގޫގުލްގެ ޑިވެލޮޕާ އިވެންޓުގައެވެ. ފޯނުވިއްކާ ބާޒާރުތަކުގައި ގޫގުލް ފޯނުތައް އަދި ވިކެނީ ވަރަށް މަދުންނެވެ. ނަމަވެސް ގޫގުލްގެ ސީއީއޯ ސުންދާރު ޕިޗައި ވިދާޅުވީ ޕިކްސެލް ސީރީޒް 6 އަކީ "މިހާތަނަށް އެންމެ އަވަހަށް ވިކިފައިވާ ޕިކްސެލް" ބުރޭންޑްގެ ފޯނު ކަމަށާއި ނިމިދިޔަ ކުއާޓަރުގެ ވިޔަފާރީގައި އާ ރެކޯޑެއް ގާއިމުކޮށްފައިވާކަމަށެވެ. އެ ކުންފުނިން އުންމީދު ކުރަނީ އާ ޕިކްސެލް 7 އާއެކު މިހާރު ވިކޭ ފޯނުތަކުގެ އަދަދު ދެގުނަ ކުރެވޭނެ ކަމަށެވެ.
ދުނިޔޭގެ ގިނަ ބަޔަކަށް ގޫގުލް އެނގެނީ މަޝްހޫރު ސާޗް އިންޖީނުގެ ހިދުމަތާއި ގޫގުލް އީމެއިލް ހިދުމަތް ދޭ ބައެއްގެ ގޮތުގައެވެ. އެހެންކަމުން ގޫގުލްގެ ގިނަ ފައިސާ ހޯދަނީ އިޝްތިހާރުތަކުން ކަމަށާއި ސީދާ ފޯނު ވިއްކައިގެން ލިބޭ އާމްދަނީ އަދި މާބޮޑަށް ކުރި އަރައިގެން ނުދިޔަ ނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 6.55 ބިލިއަން ޑޮލަރު ފޯނު އަދި އެހެނިހެން އުފެއްދުންތައް ވިއްކައިގެން ލިބިފައިވާ ކަމަށް ބުނެއެވެ. ވާދަވެރި އައިފޯނު ވިއްކާ އެޕަލްގެ ދެވަނަ ކުއާޓަރުގައި އައިފޯނުން ވިއްކައިގެން 50.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ޕިކްސެލް 7، ޕިކްސެލް 7 ޕްރޯ އަދި ޕިކްސެލް ގަޑި ވިއްކައިގެން ވާދަވެރިންގެ ވިޔަފާރިން ބައެއް ހޯދުމަކީ ގޫގުލްގެ އަމާޒެކެވެ.
ގޫގުލްގެ ފުރަތަމަ ގަޑީގައި 2.1 ބިލިއަން ޑޮލަރަށް ގަތް މަޝަހޫރު ފިޓްބިޓްގެ ހެލްތު ޓްރެކިން ފީޗާސްތައް ހިމަނާފައިވެއެވެ. ފިޓްބިޓް އެޕްލިކޭޝަން ބޭނުންކޮށްގެން އެކިއެކި ކަސްރަތު ކުރުމާއި ނިދާފައި ހުރި މިންވަރާއި، އަޅާފައިވާ ފިޔަވަޅުތަކާއި އަދިވެސް އެތައް ކަމެއް ބެލޭނެއެވެ. ފިޓްބިޓް ބޭނުންކުރާ ފަރާތްތަކަށް، ފޯނުގައި މިހާރުވެސް ހުރި އެޕްލިކޭޝަނާ ސީދާ ގުޅުވައިލެވޭނެވެ. ޕިކްސެލް ގަޑި ގަންނަ ފަރާތްތަކަށް ފިޓްބިޓް ޕްރީމިއަމް މެމްބަޝިޕް ހަ މަސް ދުވަހުގެ މުއްދަތަށް ހިލޭ ލިބެ އެވެ. މި ހިދުމަތުގެ ތެރޭގައި 200 އަށްވުރެ ގިނަ ވޯކްއައުޓް ކުރެވޭނެ ގޮތް ހެދުމާއި، ވަގުތު ފާއިތުވަމުންދާ ވަރަކަށް ނިދުމާއި ހިތުގެ ދުވެލީގެ މިންވަރާއި އެހެނިގެން ގިނަ މައުލޫމާތުތަކެއް ވެސް ލިބެއެވެ. އެޕަލް ގަޑި ފަދައިން، ގިނަ ސްމާޓް ގަޑީގެ ފީޗާސްތައް ގޫގުލް ގަޑީގައިވެސް ހުރެ އެވެ. ޖީމެއިލް، ކަލަންޑަރު އަދި ގޫގުލް ހޯމް ފަދަ ގޫގުލްގެ އުފެއްދުންތައް އެއްވެސް ދަތިކަމެއް ނެތި ގަޑިއާ ގުޅާލެވޭނެއެވެ. ޕިކްސެލް ގަޑި މަސައްކަތް ކުރާނީ ހަމައެކަނި އެންޑްރޮއިޑް ފޯނުތަކާ އެކުގަ އެވެ.
ގޫގުލް އިން ބުނާ ގޮތުގައި ޕިކްސެލް ގަޑި އެއް ޗާޖަކުން 24 ގަޑިއިރު ވަންދެން ބޭނުން ކުރެވޭއިރު، މިއީ އެޕަލްގެ ސީރީޒް 8 އަށްވުރެ ހަ ގަޑިއިރު ދިގު އަދަދެކެވެ.