ފާއިތުވަމުންމިދާ 2022 ވަނަ އަހަރަކީ ވަރަށް ގިނަ ގޮތްގޮތުން ދުނިޔެއަށް ބަނަކަން މެދުވެރިކުރުވި އަހަރެކެވެ. ގުދުރަތީ ކާރިސާތައް ގިނައެވެ. އެކި ހިސާބުތަކުގައި ހަނގުރާމަތައް ވަރުގަދައެވެ. އެކި ދިމަދިމާލުން ފެންނަނީ ލޭއޮހޮރުވުންތަކާއި ފަނާކުރުންތަކެވެ. ގިޔާމަތް ގާއިމުވަނީއޭ ހީވާފަދައެވެ. މިކަންކަން މިހެން ހިނގަމުންދަނިކޮށް ޖަޕާނު މީހުން ބިރުން ސިހިފައިވާ އެހެންކަމެއްވެސް ހިނގައިފިއެވެ. ޖަޕާނުގައި އޮންނަ ސެސޯ ސޭކީއޭ ކިޔުނު ބިރުވެރި ހިލަ ކުއްލިއަކަށް ދެފަޅި ވެއްޖެއެވެ. މިއީ އާދައިގެ ހިލައެއް ނޫނެވެ. މިއީ ކުރީޒަމާނުގެ މާވަރުގަދަ ނުރައްކާތެރި ދެޔޯއެކެވެ. ސިފަބަދަލުކޮށްގެން ހިލަޔަކަށްވެގެން އޮތީއެވެ. މި ހިލައިގައި އަތް ބީއްސައިލި ކޮންމެ މީހަކު މަރުވެއެވެ. އެހެންވީމާ މަރުގެ ހިލައޭ ކިޔަނީއެވެ.

ދިވެހީންގެ ތެރޭގައި ރަންނަމާރި ވާހަކަޔާއި އެފަދަ އެނޫންވެސް ބިރުވެރި ފޯކްލޯރުތަކުގެ ވާހަކަ ކިޔައި އުޅޭގޮތަށް ސެސޯ ސޭކީ މަރުގެ ހިލައިގެ ވާހަކަޔަކީ ޖަޕާނުގެ ކުދިބޮޑު އެންމެން ދަންނަ އަދި ގަބޫލުވެސްކުރާ ބިރުވެރި ފޯކްލޯރެކެވެ. ޖަޕާނުގައި ވާހަކަ ކިޔައިއުޅެނީ މިހެންނެވެ. މީގެ ހާސް އަހަރުކުރިން ޝެހެންޝާހު ޓާބޯ އަވަހާރަކޮށްލުމަށް ކޮންމެވެސް ކަންވެރިޔަކު މާވަރުގަދަ މަންތަރެެއް ހަދައިފިއެވެ. މިކަމަށް މެދުވެރި ކުރަނީ ނުހަނު ނުބައި ނުލަފާ ދެޔޯއެކެވެ. ނަމަކީ ކިޓްސޫނޭއެވެ. މިއީ ތަބައީގޮތުން ނުވަ ނަގުލުގެ ހިޔަޅެއްގެ ސިފަ ލިބިގެންވާ އެއްޗެކެވެ. ބޭނުން އިރަކު ބޭނުން ސިފަޔަކަށް ސިފަ ބަދަލުކުރެއެވެ. ޝެހެންޝާހު އަވަހާރަކޮށްލުމަށްޓައި މިސޮރުގެ ސިފަ ބަދަލުކުރީ ނުހަނު ރީތި ޒުވާން އަންހެންކުއްޖެއްގެ ސިފައަށެވެ. މިކުއްޖާއަށް ކިޔަނީ ޓަމާމޯ ނޮމާއޭ އެވެ.

ޝެހެންޝާހުގެ އިތުބާރާއި ރުހުން އަދި ލޯބި އަތުލުމަށްޓަކައި އަންހެންކުއްޖެއްގެ ސިފައިގައި މިދެޔޯ ކުރަމުންއައި ކަމަކީ އައިބުގައިވާ ކަންކަން ކިޔައިދިނުމެވެ. ކޮންމެ މީހަކު ކޮންމެ ސުވާލެއް ކުރިޔަސް އެކަމުގެ ހަގީގަތް ބަޔާންކޮށް ކިޔައިދިނުމެވެ. ޝެހެންޝާހުގެ ދަރުބާރަށް މިކުއްޖަކު ވަދެނިކުމެ ހަދަން ފެށުމާއެކު ޝެހެންޝާހަށް ނުހަނު ބޮޑު އާލާސްކަންފުޅެއް ޖެހިއްޖެއެވެ. ދެން ރަމަލުޖަހާ މީހުންނާއި ކަންވެރީން ގެންނަވައިގެން މި އާލާސްކަންފުޅުގެ ސަބަބު ބެއްލެވިއިރު އަސްތަ އަސްތާއެވެ. މިއީ ޓަމާމޯ ނޮމާއޭގެ ސިފައިގައި މިއުޅޭ ނުވަ ނަގޫލީ ހިޔަޅު ދެޔޯގެ ކަމެއްކަން ފަޅާއަރައިފިއެވެ. ކަންވެރީންގެ ލަޝްކަރު އެސޮރު ފަހައި ދުއްވައިގަތީމާ ސަލާމަތްވާން ދެން އެހެން އެއްވެސް ގޮތެެއް ނެތިގެން ކަޅުކަން ގަދަ ހިލަޔަކަށް ބަދަލުވެގަތީއެވެ.

ސެސޯ ސޭކީ މަރުގެ ހިލައޭ ކިޔަނީ މި ހިލައަށެވެ. މިހިލަ އޮތީ ޖަޕާނުގެ ހޮންޝޫ ޖަޒީރާގެ ފަރުބަދައެއްގެ ބުޑުގައެވެ. މި ހިލައިގައި އަތްލާ ކޮންމެ މީހަކު މަރުވާ ކަމަށް ޖަޕާނު މީހުން ގަބޫލުކުރެއެވެ. އެއީ އެއްކަލަ ދެޔޯ ބޭރުކޮށްލާ ވިހަ ގޭހެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށްވެސް ގަބޫލުކުރެއެވެ. އެހެންވެ އެއްވެސް މީހަކު މި ހިލަޔާ ގާތެއް ނުވެއެވެ. މިކަން މިމަގުން ހިނގަމުންއައިސް 1957 ވަނަ އަހަރުގެ ތެރޭގައި ބުދުދީނުގެ މާވަރުގަދަ ހާމުދުރަކު ވަނީ އިހަށް އެއްވެސް ކަންވެރިޔަކު ނުހަދާ ކަހަލަ މަންތަރުތަކެއް ހަދައި ކިޔެވެލިފައްޗެއް ކިޔަވައި ހިލައިގެ ރޫހު މަރައިލައިފައެވެ. ދެޔޯގެ ކަންތައް ނިންމައިލައިފައެވެ. އޭގެފަހުން މިހިލައިގައި އަތްލިޔަސް މީހަކު މަރެއްނުވެޔޯލައެވެ. މިހާރު މިހިލައޮތީ ހަނދާނީ ތަނބެެއް ކޮޅަށްޖަހައި އޭގެ ވަނަވަރު ދުރަށްވެސް ފެންނާނޭ ބީދަޔަކުން ހަދައިފައެވެ.

މަރުގެ ހިލަޔާއި ކިޓްސޫނޭ ދެޔޯގެ ބިރުވެރިކަމުން މިންޖުވެވުނީ ކަމަށް ޖަޕާނު މީހުން ގަބޫލުކޮށްގެން ތިއްބައި މިއަހަރުގެ މާރޗް ފަސްވަނަ ދުވަހު މިހިލަ ކުއްލިއަކަށް ދެފަޅި ވެއްޖެއެވެ. މީހަކު ކުރިކަމަކާނުލައި އަމިއްލަޔަށެވެ. މިކަމާ ގުޅިގެން ގިނަބަޔަކު ގަބޫލުކުރަނީ ކިޓްސޫނޭ ދެޔޯ އަނެއްކާވެސް ދިރުނީ ކަމަށެވެ. ބިރުވެރިކަން ރުޖޫއަވީ ކަމަށެވެ. މީސްތަކުން މިކަމާ ބިރުން އުޅޭވަރުން އެހިސާބުގެ ސަރަހައްދީ އޮފިޝަލުން ވަނީ ބުދުދީނުގެ ހާމުދުރުންގެ ޓީމެއް ގެންގޮސް ލައްކަ ގިނަ މަންތަރުތައް ހައްދައި ކިޓްސޫނޭ ދެޔޯގެ ބިރުވެރިކަން ކުޑަކުރަން މަސައްކަތްކޮށްފައެވެ. އެކަމަކު އާއްމުންގެ އުދާސްތައް ވަނީ އިތުރެވެ. ޓައިވާނުގެ މަސްރަހާއި އުތުރު ކޮރެޔާގެ މަސްރަހު ހޫނުވަމުން އަންނާތީ ބައެއް މީހުން ގަބޫލުކުރަނީ އެއީ ކިޓްސޫނޭގެ އަސަރު ކަމުގައެވެ.

ކިޓްސޫނޭ ދެޔޯއަށް އަލުން ދިރުން ލިބި ބިރުވެރިކަން ފެތުރެނީ ކަމަށް ގިނަބަޔަކު ގަބޫލުކުރިއަސް ސައިންސްވެރިންގެ ރައުޔު ވަރަށް ތަފާތެވެ. ސައިންސްވެރިން ގަބޫލުކުރާގޮތުގައި މަރުގެ ހިލަ ދެފަޅިވުމަށް މެދުވެރިވީ މޫސުމުގެ ސަބަބުންނެވެ. ވާރެޔާއި އަވީގެ ސަބަބުން އައި ބަދަލެކެވެ. ވާރޭފެން ހިލައިގެ ތެރެއަށްވަދެ ފީވެގެން ދެފަޅިވީއެވެ. މިކަމުގައި ކިޓްސޫނޭގެ ދައުރެއް، އަދި އެހެން ދެޔޯއެއްގެ ދައުރެއްވެސް ނެތެވެ. އުތުރު ކޮރެޔާއިން އުދުއްސާ މިސައިލްތަކާއި ޓައިވާނު ކަނޑުއޮޅީގައި ޗައިނާއިން ހިންގާ އަސްކަރީ ހަރަކާތްތަކަކީ ކިޓްސޫނޭގެ ސަބަބުން ހިނގާ ކަންތަކެއް ކަމަށް ބަޔަކު ގަބޫލުކުރަންޏާ ދުނިޔޭގެ ކަންހިނގާ މަގަށް އަހުލުވެރިވެ، ވިސްނުން އިސްލާހުކުރުން ބުއްދިވެރިކަމަށްވެސް ބުނެއެވެ.