ވެޓިކަން ސިޓީގެ ޗިއާރާމޮންޓިއޭ ކިޔުނު ދާރުލްއާސާރަށް ޒިޔާރަތްކުރި އެމެރިކާގެ ފަތުރުވެރިޔަކު އެތާގައިވާ ދެހާސް އަހަރަށްވުރެ ގިނަދުވަސްވީ ބުދުތަކެއް ތަޅައިލުމަށްފަހު ފިލަން މަސައްކަތްކޮށްފިއެވެ.

އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާ މިފަތުރުވެރިޔާ ރުޅިއައީ ވެޓިކަން ސިޓީގެ ވެރިޔާ ޕޯޕް ފްރާންސިސްއާ ބައްދަލުކުރަން އޭނާ ބޭނުންވާ ކަމަށް ބުނީމާ އެއީ އަދި ތިޔަހެން އަންނަ ފަތުރުވެރިންނަށް ކުރެވޭނޭ ކަމެއް ނޫންކަމަށް ވެޓިކަންގެ އޮފިޝަލުން ޖަވާބުދިނުމުން ކަމަށްވެއެވެ. އެ ޖަވާބު ލިބުމުން އެންމެ ކައިރިން ފެނުނު ބުދު ނަގައި ބިންމައްޗަށް ޖެހުމަށްފަހު ދުއްވައިގަތީ ފިލުމަށެވެ.

އެގޮތަށް ދުވުމުގެ ތެރޭގައި އިތުރު ބުދެއް ވެއްޓި އެބުދުވެސް ވަނީ ތެޅިފައެވެ. މާދުރަށް ނުދެވެނީސް ވެޓިކަންގެ ފުލުހުން ވަނީ އެކަލޭގެ ހައްޔަރުކޮށްފައެވެ. ވެޓިކަންގެ އޮފިޝަލުން ވިދާޅުވާގޮތުގައި އޭނާ މިހާރު ވަނީ އިތުރު ތަހުގީގަށްޓަކައި އިޓަލީގެ ފުލުހުންނާ ހަވާލު ކުރެވިފައެވެ.

ވެޓިކަން ސިޓީއަކީ އިޓަލީގެ ވެރިރަށް ރޯމްގެ ތެރޭގައި އޮންނަ ކުޑަކުޑަ ތަންކޮޅެކެވެ. އެއީ ނަސާރާއިންގެ ތެރެއިން ކެތަލިކް މަޒްހަބުގެ އެންމެ ބޮޑު ފައްޅިޔާއި އެންމެ ބޮޑު ފާދިރީ ހުންނަވާ ތަނެވެ. އެތަން ބަލަނީ ވަކި ސިޔާދަތީ ހައްގުތަކެއް ލިބިގެންވާ ވަކި ގައުމެއްގެ ގޮތުގައެވެ. އެކަމަކު އެތާގެ ހުރިހާ ކަމެއް ބަލަހައްޓައިދެނީ އިޓަލީންނެވެ.