Close
ލައިފް ސްޓައިލް

ކޮފީއަކީ އުމުރު ދިގުކޮށްދޭ އެއްޗެއްކަމަށް އިނގިރޭސިވިލާތުގައި ކުރި އައު ދިރާސާއަކުން ދައްކައިފި

ކޮންމެ ދުވަހަކު ދެތިންތަށި ކޮފީ ބޯން އާދަކޮށްފައިވާ މީހުންގެ ހިތުގެ ސިއްހަތު އެނޫން މީހުންނަށްވުރެ ރަނގަޅު ކަމަށާއި އެފަދަ މީހުންގެ އުމުރުވެސް ނިސްބަތުން ދިގު ކަމަށް އިނގިރޭސިވިލާތުގައި ކުރެވުނު ވަރަށް ބޮޑު ދިރާސާއެއްގެ އަލީގައި ތަޖުރިބާކާރުން ބުނެފިއެވެ. މިދިރާސާ ހެދުމުގައި އިނގިރޭސިވިލާތުގެ ބައިމިލިޔަނެއްހައި މީހުންގެ މައުލޫމާތު ބަލައި ސުވާލުކޮށް އެމީހުންގެ ދިރިއުޅުމުގެ އާދަތަކަށް ރިއާޔަތް ކޮށްފައިވެއެވެ.

ހިތުގެ ސިއްހަތު ރަނގަޅުކަމަށް މިދިރާސާއިން ދައްކަނީ ދުވާލަކު ގިނަވެގެން ތިންތަށި، އަދި މަދުވެގެން ދެތަށި ބޮއިއުޅޭ މީހުންގެއެވެ. މިއަށްވުރެ ގިނައިން ބޭނުންކުރާ މީހުންނާއި މަދުން ބޭނުންކުރާ މީހުން އަދި އެއްގޮތަކަށްވެސް ބޭނުން ނުކުރާ މީހުންގެ ތެރޭގައި ހިތުގެ އެކި ކަހަލަ ބަލިތައް ގިނައެވެ. ތަޖުރިބާކާރުން ބުނަނީ މި ދިރާސާއިން މިފެނުނު ކަންކަން ކަށަވަރު ކުރުމަށް ތަފާތު އެހެން ގައުމުތަކުގައިވެސް މިޒާތުގެ އިތުރު ހޯދުންތައް ހޯދަން ޖެހޭ ކަމުގައެވެ. ކޮފީއަކީ އުމުރު ދިގުކޮށްދޭ އެއްޗެއްކަމަށް އަދި މުޅިން ނުނިންމޭނެ ކަމުގައެވެ.

ހިތުގެ ސިއްހަތަށް ފައިދާކުރަނީ ކޮފީގައި އެކުލެވޭ ކޮން މާއްދާއަކުންކަން އަދި މުޅިއަކުން ސާފެއް ނޫނެވެ. ކޮފީގައި ސަތޭކައަށްވުރެ ގިނަ ތަފާތު މާއްދާތައް އެކުލެވޭއިރު އޭގެތެރެއިން އެންމެ ގިނަބަޔަކު ދަންނަ މާއްދާއަކީ ކެފީނެވެ. އޮސްޓްރޭލިޔާގެ ހާޓް އިންސްޓިޓިއުޓްގެ ތަޖުރިބާކާރެއް ކަމަށްވާ ޕީޓަރ ކިސްލަރ ވިދާޅުވެފައިވަނީ ބޮޑަށް ގަބޫލުކުރެވޭގޮތުން ހިތަށް ފައިދާކުރަނިވި މާއްދާތަކަކީ ކެފީން ނޫން މާއްދާތައް ކަމުގައެވެ.

މިދިރާސާ ހެދިފައިވަނީ މުޅިން ކަހަލަގޮތަކަށް ދޮން މީހުންގެ މައުލޫމާތުގެ މައްޗަށެވެ. އެހެންވީމާ އެހެން ނަސްލުތަކުގެ މީހުންނަށް ކޮފީގެ ސަބަބުން ކުރާ އަސަރު ދެނެގަތުމުގައި އަދިވެސް އިތުރު މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައެވެ. މިދިރާސާ މިހާރުވަނީ ޔޫރަޕިއަން ޖާނަލް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީގައި ޝާއިއު ކުރެވިފައެވެ.