މިހާތަނަށް އައި އިރު، މި ސީޒަނުގައި މެންޗެސްޓާ ސިޓީއަށްވުރެ އާސެނަލް މޮޅު ކަމަށް ސިޓީ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ސިޓީއާ މިސީޒަނުގައި އެންމެ ވާދަވެރިކޮށް ފެންނަނީ އާސެނަލެވެ. އެގޮތުން އާސެނަލުން ކުޅުނު ހަތް މެޗުގެ ތެރެއިން އެޓީމަށް ބައްޔާ ކުރިމަތިލާން ޖެހުނީ މެންޗެސްޓާ ޔުނައިޓެޑް ކައިރީ އެކަންޏެވެ. ސިޓީ ވަނީ ދެ މެޗުން އެއްވަރުވެފައެވެ.

އާސެނަލުން ޗެމްޕިއަންސް ލީގުގެ މަގާމަކަށް ކުރަމުން އައި ބުރަ މަސައްކަތުގައި މިދިޔަ ސީޒަނުގައިވެސް ކުރިއެރުންތަކެއް ހޯދައި، ޖާގަ ގެއްލުނީ ފަހު ވަގުތުގައެވެ. ކުރިން ގާޑިއޯލާގެ އެސިސްޓެންޓް ކޯޗުކަމުގައި މަސައްކަތްކުރި މިކޭލް އާޓެޓާގެ ވިސްނުމާއެކު މިސީޒަނަށް ރަނގަޅު ޓްރާންސްފާތަކެއް ކޮށް، އާސެނަލް ފެންނަނީ ތަފާތު ރޫހެއްގައެވެ. އެކަމަށް ގާޑިއޯލާ ވަނީ ތައުރީފުކޮށްފައެވެ.

"ހުރިހާ ގޮތަކުންވެސް ސިޓީ މިއޮތީ ހަމަޖެހިލެވޭނެ ހިސާބެއްގައި. ލީގުގައި އަށް މެޗު ދިޔައިރުވެސް މިއޮތީ ރަނގަޅަށް. އަދި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ގަދަ 16 އަށް ކޮލިފައިވާންވެސް ދެން ބޭނުންވަނީ އެއް މޮޅު. ޕްރިމިއާ ލީގުގެ ދެވަނައިގައި ސިޓީ އޮތީ ސަބަބަކާއެކު. ހުރިހާ އެންމެން ކައިރީ އަހަރެން ބުނަން ބޭނުން، މިހާތަނަށް އައިއިރު ސިޓީއަށްވުރެ ރަނގަޅު ޓީމެއް ލީގުގައި އެބައޮތް. އެއީ އާސެނަލް. އެކަން ހަނދާން ނައްތާނުލައި ކުރިއަށް ދާން ޖެހޭނީ. ސިޓީއަށް ޖެހޭނީ ހިތްވަރުކުރަން،" ގާޑިއޯލާ ބުންޏެވެ.

ލީގުގައި މި ހަފުތާގައި ސިޓީ ނުކުތީ ސައުތުހެމްޓަންއާ ދެކޮޅަށެވެ. އެ މެޗުން 4-0ގެ ނަތީޖާއަކުން މޮޅުވެ ސިޓީން ވަގުތީގޮތުން ތާވަލުގެ އެއްވަނައަށް ޖެހިލާފައިވާ އިރު، އާސެނަލަށް މި ހަފުތާ އޮތީ ވަރުގަދަ މެޗެކެވެ. އާސެނަލް މާދަމާ ރޭ ނުކުންނާނީ މިދިޔަ ސީޒަނުގެ ލީގުގައި ދެވަނައިގައި ނިންމާލީ ލިވަޕޫލާ ދެކޮޅަށެވެ.