Close
ޚަބަރު

އެސްޓީއޯއިން ރޭޑިއޯގްރަފީ ދާއިރާއަށް ދިވެހިން ތަމްރީނުކުރަން ފަށައިފި

އެސްޓީއޯ އިން އަލަށް އުފެއްދި އެ ކުންފުނީގެ ޓްރެއިނިން އިންސްޓިޓިއުޓްގެ ފުރަތަމަ ކޯހަކަށް "ޑިޕްލޮމާ އިން ރޭޑިއޯގްރަފީ" ހަމަޖައްސައި، ފުރަތަމަ ބެޗު ރޭ ހޮވައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޭޑިއޯގްރަފީ އަށް ދިވެހިން ތަމްރީނު ކުރުމަށް އެސްޓީއޯގެ ޓްރެއިނިން އިންސްޓްޓިއުޓް އިން ކުރިއަށްގެންދާ މި ކޯސް އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެކަމަށްޓަކައި ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި އެސްޓީއޯ އަދި ޖީއީ ހެލްތު ކެއާގެ އިސްވެރިންނާއި ރާއްޖޭގެ ބައެއް ހޮސްޕިޓަލުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޯސް ކުރިއަށްގެންދަނީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޖީއީ ހެލްތުކެއާ އާއި ހެލްތު މިނިސްޓްރީ އަދި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ގުޅިގެންނެވެ. މިއީ މިހާތަނަށް ރާއްޖޭގައި ލެވެލް 5ގެ ފެންވަރަށް ރޭޑިއޯގްރަފީގެ ރޮނގުން ކިޔަވައިދޭ ހަމައެކަނި ޕްރޮގްރާމެވެ.

އެސްޓީއޯއިން ވަނީ މި ކޯހުގެ ފުރަތަމަ ބެޗުގައި ތަމްރީނުކުރާ 25 ދަރިވަރުން ހޮވައި އެ ދަރިވަރުންނަށް ފުލް ސްކޮލާޝިޕް ދީފައެވެ. މި ސްކޮލާޝިޕްގެ ދަށުން ކޯސް ފީ އާއި ކޮންމެ މަހަކު ޕޮކެޓް މަނީ އެލަވަންސެއް ދަރިވަރުންނަށް ލިބޭނެއެވެ.

މި ކޯސް ކުރިއަށް ގެންދާނީ އެސްޓީއޯގެ ޓްރޭނިން އިންސްޓިޓިއުޓް އަދި ޖީއީ ހެލްތު ކެއާއާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހު ހުޅުވި އެސްޓީއޯ ޖީއީ ސްކިލް ލެބްގައެވެ.

މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އާއި އެލައިޑް ހެލްތު ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކޯހެކެވެ. ދެ އަހަރާއި ހަ މަސް ދުވަހުގެ އެ ކޯހުގައި ޓެކްނިކަލް އަދި ޕްރެކްޓިކަލް ތަމްރީނުތައް ފުރިހަމަ ކުރަން ޖެހެއެވެ. އަދި ދެ އަހަރުގެ ކިޔެވުމާ އެކު ހަ މަސް ދުވަހުގެ އިންޓާންޝިޕެއް އޮންނާނެއެވެ.

ރޭގެ ރަސްމިއްޔާތުގައި އެސްޓީއޯގެ ޓްރޭނިން އިންސްޓިޓިއުޓްގެ ލޯގޯ ވެސް ވަނީ އިފުތިތާހު ކޮށްފައެވެ. އެސްޓީއޯއިން ބުނީ އެއީ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ބޭއްވި ލޯގޯ ޑިޒައިން ކުރުމުގެ މުބާރާތަކުން ހޮވި އެންމެ ރަނގަޅު ލޯގޯ ކަމަށެވެ.