އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަމްބަރު ބޯޑު، ގަވާއިދާ އެއްގޮތަށް ނެތުމުގެ ސަބަބުން މިހާތަނަށް 1410 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އީންޖީނުލީ އުޅަނދުތަކުގެ ނަމްބަރު ބޯޑު ރަނގަޅުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވާތީ ސެޕްޓެމްބަރު މަސް ނިމެންދެން ނަމްބަރު ބޯޑު ރަނގަޅަށް ނުހުންނަމަ ރަނގަޅުކުރަން ނަސޭހަތްތެރިވާނެ ކަމަށެވެ. އަދި އޮކްޓޫބަރު މަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިއްޔެ ބުނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަމްބަރު ބޯޑު ގަވާއިދާ ހިލާފަށް ހުރުމުގެ ސަބަބުން ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް މާލޭ ސަރަހައްދުން 1،410 މީހަކަށް އެކަން ރަނގަޅު ކުރަން ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަމްބަރު ބޯޑު ގަވާއިދާ ހިލާފަށް ހުރުމުގެ ސަބަބުން މިހާތަނަށް އަދި އެއްވެސް މީހަކު ޖޫރިމާނާކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަމްބަރު ބޯޑު ހަދާފައި ހުންނަނީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު"އާ ހިލާފަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.

ގަވާއިދުގައި ވަނީ ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަމްބަރު ޖަހާއިރު، ނަމްބަރު ބޯޑުގެ އަކުރުތައް ހުންނަން ވާނީ "އޭރިއަލް ބޯލްޑް" ފޮންޓުން ކަމަށެވެ. އެ ގަވާއިދުގައި ވަނީ ނަމްބަރު ބޯޑުގެ އަކުރުތަކުގެ ސައިޒު ހުންނަވާނެ ވަރާއި ގޮތް ވެސް ބަޔާންކޮށްފައެވެ.

އަދި ނަމްބަރު ބޯޑު ހަރުކުރުމަށް ޖަހާފައި ހުންނަ އިސްކުރު، އެއް ސެންޓިމީޓަރަށް ވުރެ ދިގުކޮށް، ނަމްބަރު ބޯޑުގެ ބޭރަށް ނުކުމެފައި ހުރެގެން ނުވާނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ނަމްބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި އަކުރުތައް އެއް މިލިމީޓަރަށް ވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ނަމްބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާ ކަމެކެވެ.