"ދަރިވަރުންނަށް ކިޔަވައިދެނީ އެ ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކޮށްދިނުމަށް. ކިޔަވައިދިނުމުގައި ގާބިލިއްޔަތުކަމާއި އަގުކުރުންތަކަށް ވިސްނައިގެން، އެ ސިފަތައް އަށަގަންނުވައިގެން، ދަރިވަރުން ބިނާކޮށްދިނުމުން ގައުމަށް ފައިދާހުރި ޖީލެއް ބިނާކޮށްދެވޭނެކަން ޔަގީން." މިއީ އޭނާގެ އުމުރުގެ 37 އަހަރު ދަރިވަރުންނާއެކު ހޭދަކޮށްފައިވާ މިހާރުވެސް ހިތާއި ނަފުސުން ތައުލީމީ ދާއިރާއަށް ހިދުމަތްކޮށްދެމުން އަންނަ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށް އުފަން 53 އަހަރުގެ އަޒީމާ ވަހީދު، ގެ މޮޓޯއެވެ.
"ވަކި އުމުރަކުން ދަށް އެންމެންނަކީ، ކޮންމެވެސް ލެވެލެއްގައި ކިޔަވައިދެވިފައި، ނޫނީ ހެޑްމާސްޓަރެއްގެ ގޮތުގައި އެމީހުންގެ ކަންތައްތައް ބަލަހައްޓާފަ ތިބި މީހުން،" މިއީ އުމުރުގެ 33 އަހަރު ދަރިވަރުންނަށް އެކި ގޮތްގޮތުން އެހީވުމުގައި، ތައުލީމީ ދާއިރާއަށް އެކި ހިދުމަތްކުރުމުގައި ދެމިހުރި އަދި މިހާރު ގދ. ތިނަދޫ އަބޫބަކުރު ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު އަޖީބުގެ ވާހަކައެވެ.
ތެދެކެވެ. ރަށުގެ ކޮންމެ ދިމާއަކަށް ބެއްޔަސް ކޮންމެ މީހަކީވެސް އަޖީބުގެ ގަލަމުގެ ތުނޑުގެ އަސަރު ފޯރާފައިވާ މީހެކޭ ބުނުމަކީ މުޅީން ގޯހެއް ނޫނެވެ. ރަށުގައި ބޮޑުވާ ކޮންމެ ޖީލަކަށް ތައުލީމީ ގޮތުން އޭނާއަށް ވަނީ ހިދުމަތްކޮށްދެވިފަ އެވެ. ކޮންމެވެސް އެއްއިރެއްގައި އަޖީބުގެ ދަރިވަރަކަށް ނޫނީ އަނެއް އިރެއްގައި އޭނާގެ ނާޒިރުކަމުގެ ދަށުން ބަލަހައްޓާ ގެންގުޅެވިފައިވެއެވެ. މިއީ ފަހުގެ ޖީލުތަކުގެ ވާހަކައެވެ.
80 އިގެ އަހަރުތަކުގެ ފަހުކޮޅުގައި، މާލެ އައިސް އިންސްޓިޓިއުޓް އޮފް ޓީޗާސް އެޑިއުކޭޝަން (މިހާރުގެ ގައުމީ ޔުނިވަސިޓީ) އިން ޓީޗިން ކޯސް ހެއްދެވިއެވެ. އެނބުރި ވަޑައިގެން ނުކުންނެވީ ތައުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރަކަށެވެ. ސުޕަ-ވިޝަންގެ ޓްރެއިނިންއަށްފަހު ސުޕަވައިޒަރަކަށް ބަދަލުވިއެވެ. ސްކޫލް މެނޭޖްމަންޓް ދާއިރާ އިން މެލޭޝިއާއިން ފުރަތަމަ ޑިގްރީ އަދި ގައުމީ ޔުނިވާސިޓީން މާސްޓާސް ހެއްދެވި އެވެ. 2013 ވަނަ އަހަރު އެ ސްކޫލުން ނުންނެވީ އެސިސްޓަންޓް ހެޑްމާސްޓަރުކަން ކުރެއްވުމަށް ފަހުއެވެ. އޭގެފަހުން ތިނަދޫ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހަތް އަހަރު އުޅުއްވުމަށްފަހު، މިހާރު އަޖީބަކީ އަބޫބަކުރު ސުކޫލުގެ ޕްރިންސިޕަލެވެ.
އަޒީމާއި އަޖީބުގެ ނަން ހަމައެކަނި އެއްގޮތް ވެފައި ވައްތަރުވަނީއެއް ނޫނެވެ. އެހެނިހެން އެތައް ގޮތަކުންވެސް އެދެނަން ވަނީ ގުޅިފައެވެ. އަހަރުތަކެއް ކުރިން ކުޅިވަރެއްގެ ތެރެއިން އެކަކު އަނެކަކާ ބައްދަލުވެ ފެށުނު އެކުވެރިކަމުގައި 1990 ވަނަ އަހަރުގެ އޭޕްރީލް 1 ވަނަ ދުވަހު ވަނީ ތަފާތު ކުލައެއް ޖެހިފައެވެ. އެ ދެކެ ފަރިތަ އެކުވެރިކަން ހަޔާތުގެ ބައިވެރިވުމަކަށް ބަދަލުވީއެވެ. ދެމީހުންގެ ހިޔާލާއި ވިސްނުމާއި އާމްދަނީ ހޯދުމުގައި ހިޔާރުކޮށްފައިވަނީ އެއްގޮތް ކަންތަކެވެ. ދެމީހުންގެ މިޒާޖު ގުޅެއެވެ. ވަޒީފާގެ މާހައުލުގައިވެސް ގޭގެ މާހައުލުގައިވެސް އަޖީބަކީ އަޒީމާގެ ވެރިޔާ، ނުވަތަ އިސްމީހާކަމުގައި އަޒީމާ ބަލައިގަތީ ނުހަނު އުފަލާއެކު ނަސީބުކަމުގައި ދެކިގެންނެވެ.
ގައުމެއް ކުރިއަރައިދިއުމަށް ފައިދާހުރި، ހަރުދަނާ، ހިތްވަރާއި ގާބިލުކަން ހުރި ޖީލެއް ބޭނުންވެއެވެ. މިބުނާ ޖީލު މިގޮތަށް ބިނާކުރުމަށް ވަކި ހާއްސަބަޔަކު ބޭނުންވެއެވެ. ގައުމެއްގެ އެންމެ ގިނަމީހުންގެ އިތުބާރާއި ބަރޯސާވުން ދެވިފައިވަނީ މި ބުނާ ޖީލު ބިނާކޮށްދޭ މީހުންނަށެވެ. އެމީހުންނަކީ ރެއާއިދުވާ، ކިތަންމެ މޫސުން ގޯސްވެ ވިއްސާރަޔަސް، އަމިއްލަ ދިރިއުޅުމުގެ ހާލަތު ކިތަންމެ ގޯސްވިޔަސް، ބަދަލެއް ނާންނަ ހިނިތުންވުމެއްގައި، ދެގޮތެއް ނުވާ އަސަރުތަކަކާއެކު، އިންތިހާއަށް ކެތްތެރިކަމާއި ހިތްތިރިކަމާއެކު، އިލްމު ފޯރުކޮށްދިނުުގެ މަސައްކަތުގައި ދެމިތިބޭ މީހުންނެވެ. ޓީޗަރުންނެވެ. މުދައްރިސުންނެވެ. އެދުރުންނެވެ. ކޮންމެ ނަމެއް ކިޔަސް އެއް މަސައްކަތެއް ކުރާ އެއް ބައެކެވެ.
މިމަސައްކަތުގައި ރެއާއި ދުވާލުގެ 24 ގަޑިއިރުގެ ތިންބައިކުޅަދެބަޔަށްވުރެ ގިނަ ވަގުތު ހޭދަކުރަމުން އަންނަ، އަމިއްލަ ދެވަނަ ގެޔަކީވެސް ދަރިވަރުންނަށް އުނގަންނައިދޭ މަރުކަޒު ކަމަށް ދެކޭ އަޒީމާއަކީ ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުން އަންނަ ޓީޗަރެކެވެ. ސުޕަވައިޒަރެއްވެސްމެއެވެ.
1986 ވަނަ އަހަރު ތައުލީމީ ދާއިރާއަށް ނުކުތީ ކުޑައިރު ބޮޑުބޭބެ ކިޔަވައިދޭތަން ފެނި، ހިތުގައި އުފެދިފައި އޮތް ޝައުގުވެރިކަމެެއްގެ ބޮޑުކަމުންނެވެ. އޭރު ތައުލީމީ ދާއިރާ އޮތީ މިހާރު މިފެންނަ ފަދަ ގޮތަކަށް ނޫނެވެ. މިފަދަ ތަރައްގީއެއްގެ މަލަމައްޗެއް އޭރަކު ހުވަފެނަކުންވެސް ފެނިފައެއް ނެތެވެ. އެހެންނަމަވެސް މާބޮޑު މުސާރައަކަށް ނުވަތަ ފައިދާއަކަށް ސަމާލުކަމެއް ނުދީ އަޒީމާ އޭނާގެ ހުރިހާ ވަގުތެއްހެން ހުސްކުރީ ތައުލީމީ ދާއިރާއަށެވެ. އުނގަންނައިދެމުން އުނގެނެމުން އަޒީމާ ދިޔައީ އަޖީބުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއެކުގައެވެ.
އެންމެ ފުރިހަމަ އެއްވަނައަކާއެކު ޑިޕްލޮމާ ހާސިލު ކުރަމުން ދަނިކޮށް ބްރެސްޓްކެންސަރަށް ޑައިގްނޯސްވިއެވެ. އަބަދުވެސް ކެންސަރު ދެކެ އިންތިހާއަށް ބިރުގަންނަ އަޒީމާއަށް މިދަތި ދުވަސްތައް ފަސޭހަވީ އާއިލާގެ އެހީތެރިކަމާއި އަޅައިލުމުގެ އިތުރުން، ލޮބުވެތި ފިރިމީހާގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ކަމަށްވިޔަސް އަޖީބު ދެކެވަޑައިގަންނަވާ ގޮތުގައި ކެންސަރު ކަހަލަ ބައްޔަކަށް ޝިފާ ލިބުމަށް އަޒީމާގެ "ފެއިތު އެންޑް ނޮލެޖް" ވަރަށް މުހިއްމު ރޯލެއް އަދާކުރިއެވެ.
"ވަރަށް މައުލޫމާތު މުއްސަނދިވާނެ. އެވަރަށް އީމާންތެރިކަމާއި އަމިއްލަ ނަފުސަށް އިތުބާރު ބޮޑުވާނެ. ކަމަކުން ދެރަވުން، ފެއިލިވުން އެއީ އަޒީމާ ބޭނުންނުވާ ކަންކަން، ޑިޕްލޮމާއިން އެއްވަނަ ނެގުމަށް އަޒުމުގައި ކިޔަވަމުން ދިޔައީ. ސުކޫލަށްވެސް ދާނެ. ކިރިޔާވެސް ވަންޏާ ދާނެ."
ދެންވެސް އަޒީމާއަށް ކުރިމަތިވީ ހިތްދަތި އަދި ހާސްކަމާއި ބިރުހުރި ކަމެކެވެ. މާސްޓާސްއަށް ކިޔަވަމުން ދަނިކޮށް ސްޓްރޯކެއް ޖެހުނީއެވެ. އެއްފަޅި އެއްކޮށްހެން ނެތުނު ފަދަައެވެ. މިފަހަރުވެސް އަޖީބު، ލޮބުވެތި އަނބިކަނބަލުންނަށްޓަކައި އަތުކުރިއޮޅައިލެއްވިއެވެ. އާއިލާގެ އެންމެ ފުރިހަމައަޅައިލުމައި އެއްބާރުލުމާއެކު، މިފަހަރުވެސް އަޒީމާ ބައްޔާ ހަނގުރާމަކޮށް، ޑިގްރީ ހާސިލުުކުރީ އެންމެ ފުރިހަމަ އެއްވަނައަކާއެކުގައެވެ.
"ވަރަށް ބަލިވިއިރުވެސް ސުކޫލާއި ދަރިވަރުންނާމެދު ފިކުރުކުރުން ހުއްޓައެއް ނުލާނެ. އަސްލު ވާގޮތަކީ އަޒީމާ ބޭނުމެއް ނުވާނެ އޭނާ ކުރާ އެއްވެސް ކަމަކުން ބަލިވާކަށް. ވަރަށް ފަހުން ކެއްކުމުގެ މުބާރާތެއްވެސް WDCއިން ބޭއްވި، އޭގެންވެސް އެއްވަނަ ހޯދި. އަޒީމާއަކީ ވަރަށް ހިތްވަރުގަދަ އަންހެނެއް. ސާފުތާހިރުކަމާއި ތަރުތީބު ވަރަށް ބޮޑުވާނެ. ހާއްސަކޮށް ހަމަ ވަރަށް މީރުކޮށް ކައްކާނެ." އަޖީބު ވިދާޅުވިއެވެ.
"ތެދެއް. އަޖީބު އަޅުގަނޑާ އެހާ ފަސޭހައިން ކައިވެނި ކުރެއްވީވެސް އަޅުގަނޑު މީރުކޮށް ކައްކާތީވެ. މިފަހަރު އިނގިރޭސި މުހާވިރާ 'ޓު ގެޓް އަ މެން'ސް ހާޓް އިޒް ތުރޫ ހިޒް ސްޓޮމަކް' މިބަސްތައްވެސް ގަބޫލުކުރަން ޖެހޭނީ."
އަޒީމާއާއި އަޖީބުގެ ކައިވެންޏަށް ދެ އަންހެންކުދިންނާއި ފިރިހެން ދަރިފުޅަކު ލިބިފައިވާއިރު އެއް އަންހެންދަރިފުޅު މިހާރު އުޅެނީ ޑޮކްޓަރުކަން ނިންމުމާއި ހިސާބުގައެވެ. ފިރިހެންދަރިފުޅަކީ ޕައިލެޓެކެވެ. ހަގު ދަރިފުޅަކީ ސުކޫލުދަރިވަރެކެވެ. މިއީ ކުޑަކުޑަ، އުފާވެރި އާއިލާއެކެވެ.
އަޖީބާއި އަޒީމާގެ ގިނަ ވަގުތު ތައުލީމީ ދާއިރާއަށް ހިދުމަތްކުރުމުގައި އުޅެމުންދިޔަ ނަމަވެސް އާއިލާއަށާއި އެކަކު އަނެކަކަށްވެސް ވަގުތުދެއެވެ. އޯގާތެރިކަމާއެކު އެކަކު އަނެކަކަށް ތެދުވެރިވެ އަމާނާތްތެރިވެއެވެ. މިއަހަރު އަޖީބު އެހެން ސުކޫލަކަށް ބަދަލުވެވަޑައިގެން އަބޫބަކުރު ސުކޫލުގެ ޕްރިންސިޕަލަށް ވިޔަސް މީގެ ކުރިން އުޅުއްވީ އަޒީމާއާ އެއް ސުކޫލެއްގައެވެ. އުސޫލެއްގެ ގޮތުން ބަލަންޏާ އަޖީބަކީ އަޒީމާގެ ވެރިމީހާ އެވެ. ގޭގައިވެސް އަދި ސުކޫލުގައި ވިޔަސްމެއެވެ.
"އަޅުގަނޑަަކީ މުވައްޒަފަށް ވެފައި އަނބިމީހާއަށްވިޔަސް އަޖީބުގެ އެއްވެސް ތަފާތުކަމެއް ނުފެންނާނެ، ވަރަށް ރަސްމީވާނެ، ސުކޫލުގަ އެއީ ހަމަ ޕްރިންސިޕަލް. ގޭގަ ފިރިމީހާ." އަޒީމާ ބުނިގޮތުގައި އަޖީބަކީ ވަރަށްވެސް އިހުލާސްތެރި މީހެކެވެ.
ޓީޗަރެއްގެ ކިބައިގައި ހުންނަން ޖެެހޭ ސިފަތަކަކީ ހިތްހެޔޮކަން، ވަގުތަށް ކަމޭހިތުން، ފަރުވާތެރިވުން، އުނގެނުމުގެ ޝައުޤުވެރިކަން، ބަސްމޮށުންތެރިކަން، އަޑުއެހުމުގެ ގާބިލުކަން، ކެތްތެރިކަން، ކަންކަން ހޯދައި ބެލުން، ދަރިވަރުންނާ އަޅައިލުން، އެކުވެރިކަން، އަދިވެސް މިފަދަ އެތައްއެތައް ކަމެއްކަން ދެމީހުންވެސް ގަބޫލުކުރެއެވެ.
80 އިގެ އަހަރުތަކާއި މިހާރާ އަޅައިބަލާއިރު، ޒަމާނަށާއި ތައުލީމީ ދާއިރާއަށް އައި ބަދަލުތަކުން ކުދީންގެ ކިޔެވުމުގެ ސްޓައިލް ބަދަލުވެއްޖެއެވެ. ބެލެނިވެރިންގެ އުންމީދުތަކާއި ދެކޭގޮތަށް ބަދަލު އަތުވެއްޖެއެވެ. ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް އިންގިލާބީ ބަދަލެއް އަތުވެއްޖެއެވެ. ބައެއް ބަދަލުތަކަކީ ހެޔޮ ބަދަލުތައް ނަަމަވެސް އަނެެއްބައި ބަދަލުތައް އެހާ ރަނގަޅެއް ނޫނެވެ. އޭރާއި މިހާރާ އަޅައިބަލާއިރު ތައުލީމީދާއިރާއަށް އައި ބަދަލުތައް އޭގެ ޒާތުގައި ކިތަންމެ ރަނގަޅުނަމަވެސް ބައެއްކަހަލަ ބަދަލުތަކުން ފެންނަ ނަތީޖާތައް އެހާ ރަނގަޅެއް ނޫނެވެ. އެންމެ ހާއްސަކޮށް ދެފަރާތުންވެސް ފާހަގަކުރި ކަމަކީ ދަރިވަރުންގެ ސުލޫކީ މިންގަނޑަށް ނޭދެވޭ ބަދަލުތަކެއް އައިނަމަވެސް ދަރިވަރުންގެ ތޫނު ފިލިކަން މަތިވިކަމެވެ. އަދި ދުނިޔެއަށް ލޯހުޅުވިފައިވާ މިންވަރު އިތުރުވުމަކީ އުފާވެރިކަމެއްމެއެވެ.
މިދެމަފިރިންވެސް ތައުލީމީ ދާއިރާ ހިޔާރުކުރީ މިއީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުމުގެ އިތުރުން ހިތަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ސްޓްރެސް ދުރުކޮށްދޭ ކަމެއް ކަމުގައި ދެކޭތީ، އަދި ރަނގަޅު އާމްދަނީއަކާއި، މީހުންގެ ލޯބި ލިބޭ، ގަދަރުވެރި މަސައްކަތެއް ކަމުގައިވާތީއެވެ. މިއަދު އެދެމީހުންގެ ކަށީގައި ތައުލީމީދާއިރާގެ އަސަރުތައް ހަރުލައިފިއެވެ. ލޭގައި އެއަސަރާއި އިހުސާސް ދައުރުކުރެއެވެ. ތައުލީމީ ދާއިރާއާއި އެމީހުންގެ ހަޔާތާއި އޮތީ ގުޅިލާމެހިފައެވެ. ދެމީހުންގެވެސް ދެވަަނަ ލޯތްބަކީ ތައުލީމީދާއިރާއެވެ.
އުނގަންނައިދިނުމުގައި އެލިބޭ ތަފާތު ރޫހާނީ އަރާމު ބުނެދޭކަށް ހުދު އެމީހުންނަށްވެސް ދައްޗެވެ. ރިޓަޔަރ ވަންދެން އުޅުނަސް، ރަސްމީ ސިފައިގައި ވަކިވާން ޖެހުނަސް ހަށީގައި ފުރާނަ ހުރިހާ ދުވަހަކު އުނގަންނައިދިނުމާއި އަނެކުންނަށް އިލްމު ފޯރުކޮށްދިނުމުގައި ފަހުނޭވަޔާއި ހަމައަށް ހިދުމަތް ކުރާނެކަމުގެ އުއްމީދު ފަނޑެއް ނުވެއެވެ. އަޖީބާއި އަޒީމާއަށް ތިނަދޫ މީހުންގެ ހިތުގައި އުފެދިފައިވާ ލޯތްބާއީ ގަދަރާއި އިހުތިރާމު އަދި ކުރާ އިތުބާރާއި އޮންނަ ޔަގީންކަންވެސް ބޮޑެވެ. މި ދެމަފިރީންނަކީ ހިތާއިހިތުން ގުޅިފައިވާ ތައުލީމީ ދާއިރާގެ މުހިންމު ދެ ތަނބެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް